Roadha Mihaaru
ފުރަތަމަ ޓޫރިސްޓާއެކު މޯލްޑިވްސް ބޯޑާ މައިލްސް ފަށައިފި

ފުރަތަމަ ޓޫރިސްޓާ އެކު މޯލްޑިވްސް ބޯޑާ މައިލްސް ފަށައިފި

01 ޖެނުއަރީ 2021

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓާ އެކު މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓާ އެކު މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަށައިފި އެވެ.

ބޯޑާ މައިލްސް ޕްރޮގްރާމަކީ ޓޫރިޒަމަށް އައި ހީނަރުކަމުން އަރައިގަނެ އިތުރަށް ކުރިއެރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިއަދު ހެނދުނު 7:00 ގައި ރާއްޖެ އައި މި އަހަރުގެ ފުރަތަމަ ޓޫރިސްޓާ އެކު ބޯޑާ މައިލްސް ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އިސްތިހާރުތަކާއި ޕޯސްޓަރުތަކުގައި ހިމަނާފައިވާ މޮޑަލުން، ދިވެހި ސަގާފީ ހެދުމުގައި ފުރަތަމަ ޓޫރިސްޓަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޓޫރިޒަމް ޑެސްޓިިނޭޝަންތަކުގެ މެދުގައި ވާދަވެރިކަން އިތުރުވަމުންދާ ވަގުތެއްގައި އާ ކަންތައްތައް ތައާރަފްކޮށް، ރާއްޖެއަކީ އެންމެ މަގުބޫލް މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަކީ ޓޫރިޒަމް މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އަދި ބޯޑާ މައިލްސް ޕްރޮގްރާމް ވެގެންދާނީ އެފަދައިން ތައާރަފް ކުރި ވަރަށް މުހިންމު ޕްރޮގްރާމަކަށް ކަމަށް މައުސޫމް ވިދާޅުވި އެވެ. އަދި ރާއްޖެއަކީ މިހާތަނަށް ވެސް ރިޕީޓާޒް ގިނައިން ޒިޔާރަތް ކުރާ މަންޒިލަކަށްވީއިރު ބޯޑާ މައިލްސް ޕްރޮގްރާމުން އެ ޓްރެންޑް ދެމެހެއްޓުމަށް ހިތްވަރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ ސަބަބުން ތަކުރާރުކޮށް ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ނޫ އިގްތިސާދުގެ ސިޔާސަތުގެ ދަށުން ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޯޑާ މައިލްސް ޕްރޮގްރާމުގެ މެންބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަނީ ހުޅުވާލައިފަ އެވެ. އެ ޕްރޮގްރާމް ބިނާވެގެން ވަނީ ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާ އަދަދާއި ހޭދަ ކުރާ މުއްދަތަށެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންނަށް ތިން ދަރަޖައެއްގެ ފައިދާ ލިބެ އެވެ. ކޮންމެ ދަރަޖައެއް ހާސިލް ކުރާ ޓޫރިސްޓަށް ހާއްސަ ފައިދާތަކެއް ލިބޭއިރު ޕޮއިންޓު އިތުރުވާ ވަރަކަށް އެ ފައިދާތައް ވެސް އިތުރުވަމުން އަންނާނެ އެވެ.