Roadha Mihaaru
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު

ޝަކުވާ: މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވޭއިރު ހުންނަނީ އިރުއޮއްސިފައި!

13 ޑިސެމްބަރ 2020

ރާއްޖެ އަންނަ ޓޫރިސްޓުން ވަރަށް ގިނަ ވަގުތު އެއާޕޯޓްގައި ތިބެން ޖެހޭތީ ބައެއް ރިސޯޓްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަންނަ ޓޫރިސްޓުން ވަރަށް ގިނަ ވަގުތު އެއާޕޯޓްގައި ތިބެން ޖެހޭތީ ބައެއް ރިސޯޓްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރިސޯޓުތަކުގެ ޝަކުވާ ބޮޑުވެފައި މިވަނީ، ކޮވިޑަށް ފަހު ރާއްޖެ އަށް އަންނަ ޓޫރިސްޓުން ކުއްލިއަކަށް އިތުރުވެފައި އޮއްވަ އެވެ. ނަން ހާމަކުރަން ބޭނުން ނުވާ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްގެ އިސްވެރިޔަކު ވިދާޅުވީ، މެންދުރު ބާރަ ޖަހާ އިރު އެއާޕޯޓަށް ފައިބާ ޓޫރިސްޓަށް މިހާރު ރިސޯޓަށް ދެވެނީ އިރު އޮއްސޭ ފަހުން ކަމަށެވެ. އިންޓަނޭޝަނަލް އެއާޕޯޓުގައި ތިން ގަޑިއިރު ވަރު މަޑުކުރަން ޖެހޭ އިރު ޓީއެމްއޭ ޓާމިނަލްގައި ވެސް ދެ ގަޑި އިރު ވަރު ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މި އަހަރުގެ ޕީކް ސީޒަނަށް އެއާޕޯޓުން ތައްޔާރު ނުވެހެން އޮތީ. އިމިގްރޭޝަން ކައުންޓަރުތަކުގައި ކިޔޫގައި ޖެހިގެން ވެސް އެތައް އިރަކު މަޑުކުރަން ޖެހޭތީ ގެސްޓުންގެ ޝަކުވާ ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލާގައި ގެސްޓުން ޝަކުވާ ކުރާތީ އެ މީހުން ހިތްހަމަޖައްސައި ދިނުމަށް ބައެއްފަހަރު އެއް ރޭ ފްރީ ކޮށްދިނުމާއި ޓްރާންސްފާ ހިލޭ ކޮށްދިނުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށެވެ.

އެހެން ރިސޯޓެއްގެ އިސްވެރިއަކު ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން އަންނަ ޓޫރިސްޓުން ފްލައިޓުގައި ނުވަ ވަރަކަށް ގަޑި އިރު ހޭދަކުރުމަށް ފަހު އެއާޕޯޓުގައި އިތުރު ހަތަރު ވަރަކަށް ގަޑި އިރު ހޭދަކުރަން ޖެހޭތީ ޝަކުވާ ވަރަށް ގިނަ ކަމަށެވެ.

ގެސްޓެއްގެ އަތް ސެނިޓައިޒް ކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގެސްޓެއްގެ އަތް ސެނިޓައިޒް ކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާންމު ގޮތެއްގައި ވެސް ޑިސެމްބަރު މަހަކީ އެއާޕޯޓަށް އެންމެ ބާރު ބޮޑުވާ ދުވަސްވަރެވެ. އިއްޔެ ވެސް ރާއްޖެ އަށް 3،800 މީހުން އައިސްފައިވެ އެވެ. މިއީ ކޮވިޑްގެ ހާލަތާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އެއާޕޯޓު ހުޅުވައިލި ފަހުން އެންމެ ގިނަ އަދަދަކަށް މީހުން އައި ދުވަހެވެ. ބޯޑަރު ހުޅުވައިލިފަހުން މިހާރު އެއް ލައްކަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ ޕީކް ސީޒަން ދުވަސް ވަރު ރާއްޖެ އަށް ދުވާލަކު 4،000 މީހުންނާއި 5،000 މީހުންނާ ދެމެދުގެ އަދަދެއް އާދެ އެވެ.

ރިސޯޓެއްގެ އެއާޕޯޓު ރެޕެއް ބުނި ގޮތުގައި ހެނދުނު 9:30 ހާއިރު އަންނަ ފްލައިޓުގެ މީހުންނަށް އެއާޕޯޓުން ނިކުމެވެނީ 12:00 ޖަހައި ބޮޑުވާ ފަހުން ކަމަށެވެ.

"މިއީ މިހާ ވަރަށް ޓޫރިސްޓުން އަންނާނެ ކަމަށް ބަލައި އެމްއޭސީއެލާއި ޓީއެމްއޭ އަށް ތައްޔާރު ނުވެވުމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް. މިހާރު މިދިޔަ އަހަރު އަންނަ އަދަދުގެ 70 ޕަސެންޓް ޓޫރިސްޓުން ރިސޯޓުތަކަށް އެބަ އާދޭ،" އޭނާ ބުންޏެވެ.

އެއާޕޯޓުގެ ރެޕުން ގެސްޓުންނަށް މަރުހަބާ ކިޔަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

އެއާޕޯޓުގެ ރެޕުން ގެސްޓުންނަށް މަރުހަބާ ކިޔަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

އެއާޕޯޓުގައި ޓޫރިސްޓުން ގިނަ އިރުވާ އަނެއް ސަބަބަކީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހެލްތު ސްކްރީނިން ހެއްދުމާއި ޕީސީއާރް ޓެސްޓް ރިޕޯޓު ދައްކަން ޖެހުން ފަދަ ކަންކަން ކުރަން ޖެހުން ވެސް ހިމެނެ އެވެ.

"ބޮޑު ހަރަދުކޮށްގެން އަންނަ ޓޫރިސްޓުންގެ ފުރަތަމަ އިމްޕްރެޝަން މިދަނީ ވަރަށް ގޯސްކޮށް. އެއާޕޯޓުން ނިކުންނަ އިރު ގެސްޓުން ތިބެނީ ރުޅިގަދަވެފައި،" އެއާޕޯޓުގެ ރެޕެއް ބުންޏެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ހަލީލް ވިދާޅުވީ، ސޯޝަލް ޑިސްޓެންސިންގެ އުސޫލާ އެކު އެރައިވަލްގައި ކްލިއާ ކުރުމުގެ ކެޕޭސިޓީ އަކީ 300 މީހުން ކަމަށެވެ. އެހެން ނަމަވެސް މިދުވަސްވަރު މިވަނީ ވަރަށް ބޮޑަށް އެރައިވަލް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކިޔޫތައް މެނޭޖްކުރުމުގައި ސިސްޓަމްތަކުން ދޭ ހިދުމަތްތައް އަވަސް ކުރުމަށްޓަކައި ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.