Roadha Mihaaru
ހުއްޓާލި ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފަށައިފި

ހުއްޓާލި ގިނަ އެއާލައިންތަކުން ދަތުރުތައް އަލުން ފަށައިފި

07 ޖެނުއަރީ 2021

ކޮވިޑްގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް ބާއްވަމުން އައި ގިނަ އެއާލައިންތަކުގެ އަލުން ދަތުރުތައް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް ބާއްވަމުން އައި ގިނަ އެއާލައިންތަކުގެ އަލުން ދަތުރުތައް ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ޝެޑިއުލްކޮށްގެން މި ވަގުތު 30 އަށް ވުރެ އެއާލައިނުން ދަތުރު ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ކުރިމަތިވި ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރި އިރު 35 އެއާލައިނަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަމުން އައެވެ.

ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ޖުލައި މަހު ބޯޑަރު ހުޅުވައިލީ ހަތަރު އެއާލައިނާ އެކު އެވެ. އެހެން ނަމަވެސް ފަސް މަހަށް ފަހު އަނެއްކާ ވެސް މިވަނީ ކޮވިޑްގެ ކުރީގެ ހާލަތާ ގާތްގަނޑަކަށް އެއްވަރަކަށް ބަދަލުވެފަ އެވެ.

މި ވަގުތު ދަތުރުތައް ނުފަށާ އޮތީ ސިންގަޕޯ އެއާލައިން އާއި ސައުދީ އެއާލައިންގެ ފަދަ އެއާލައިންތަކުންނެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ހަތަރު ވަރަކަށް އެއާލައިންގެ ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ރާއްޖެ އަށް ގިނަ އެއާލައިންތަކަކުން އަލުން ޝެޑިއުލް ދަތުރުތައް ފެށި އިރު މި ދުވަސްވަރަކީ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރެވެ. މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އިރު މި މަހު ވެސް ރިސޯޓުތައް ފުލްވާ ވަރަށް ބުކިންތައް ލިބިފައިވާ ކަމަށް ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުން ވަނީ ބުނެފަ އެވެ. މި ދުވަސްވަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 3،000 އާއި 5،000 ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރެ އެވެ.

މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމުން އަހަރު ނިމުނު އިރު ރާއްޖެ އަށް އައީ ފަސް ލައްކައެއްހާ ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެނައުމެވެ.