Roadha Mihaaru
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް

މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެ ކަމެއް ނެތް!

05 ނޮވެމްބަރ 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ އެޅިތާ ފަސް އަހަރުވީ އެވެ؛ އެ ޓާމިނަލްގެ މަސައްކަތް ފެށި ފަހުން ރާއްޖޭގައި އެތައް ބައިވަރު ރިސޯޓެއް ހުޅުވައިފި އެވެ. އޮގަސްޓް 6، 2018 ގައި އާ ޓާމިނަލްގެ މަސައްކަތް ފެށީ ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ހުރަސް ނައްތާލުމުގެ ބޭނުމުގަ އެވެ. އެއީ، ޓޫރިސްޓުން އިތުރުކުރުމަށް މިހާރުގެ ޓާމިނަލް ކުޑަވެ، ޒަމާނަށް އެތަން ނުފެތޭތީ އެވެ. އެކަމަކު، ޓާމިނަލްގެ މަސައްކަތް ހަލުއި ސްޕީޑެއްގައި ކުރިއަކަށް ނުދެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ އެޅިތާ ފަސް އަހަރުވީ އެވެ؛ އެ ޓާމިނަލްގެ މަސައްކަތް ފެށި ފަހުން ރާއްޖޭގައި އެތައް ބައިވަރު ރިސޯޓެއް ހުޅުވައިފި އެވެ. އޮގަސްޓް 6، 2018 ގައި އާ ޓާމިނަލްގެ މަސައްކަތް ފެށީ ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ހުރަސް ނައްތާލުމުގެ ބޭނުމުގަ އެވެ. އެއީ، ޓޫރިސްޓުން އިތުރުކުރުމަށް މިހާރުގެ ޓާމިނަލް ކުޑަވެ، ޒަމާނަށް އެތަން ނުފެތޭތީ އެވެ. އެކަމަކު، ޓާމިނަލްގެ މަސައްކަތް ހަލުއި ސްޕީޑެއްގައި ކުރިއަކަށް ނުދެ އެވެ.

ގާތްގަނޑަކަށް 5.3 ބިލިއަން ރުފިޔާ (350 މިލިއަން ޑޮލަރު) ހޭދަކޮށްގެން ހަދާ އެ ޓާމިނަލްގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެ އަށް އަންނަން ތިބި ޓޫރިސްޓުން ގެނައުމެވެ. ޓާމިނަލް ބޮޑުކޮށްގެން ނޫނީ އެ ހިދުމަތް ދެވޭކަށް ނެތެވެ.

ޓާމިނަލް ހެދުމުގެ ކުރިން ހެދި ދިރާސާތައް ދައްކާ ގޮތުން ދެ ކަމެއް އޭރު އޮތީ ފާހަގަވެފަ އެވެ. އެއް ކަމަކީ، ޓޫރިސްޓުން ގޮވައިގެން އަންނަން ބޭނުންވާ އެއާލައިންތަކަށް އެ ޖާގަ މައި އެއާޕޯޓުން ނުލިބުމެވެ. އެއް ކަމަކީ، ރަންވޭގެ މައްސަލަ އެވެ. އަނެއް މައްސަލަ އަކީ ޓާމިނަލް އިން ހިދުމަތް ނުލިބުމެވެ. އެކަމަކު، އާ ރަންވޭއެއް ހަދައި ބޭނުން ކުރަން ފެށިތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ.

ދެވަނަ ކަމަކީ، އާ ރިސޯޓްތަކެއް މާކެޓަށް އަންނަ އިރު، އެ ރިސޯޓްތަކަށް ބޭނުންވާ ޓޫރިސްޓުން ރާއްޖޭގެ ގެންނާނެ ގޮތެއް، ޓާމިނަލް ނެތި، ގެނައުމެވެ. ރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ޓޫރިޒަމް ކަމަށް ވާއިރު، އެ ޓޫރިޒަމަށް އިތުރު ދިރުމެއް ގެނެވެން އޮތީ، އަހަރަކު ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ އެ ޓާމިނަލް ހުޅުވިގެންނެވެ.

އާ ޓާމިނަލްގެ މަސައްކަތް ކުރަނީ: މިއީ ގައުމުގެ އިގްތިސާދާ ގުޅިފައި އޮތް އެންމެ ބޮޑު މަޝްރުއު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ޓާމިނަލްގެ މަސައްކަތް ކުރަނީ: މިއީ ގައުމުގެ އިގްތިސާދާ ގުޅިފައި އޮތް އެންމެ ބޮޑު މަޝްރުއު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ޓާމިނަލްގެ މަސައްކަތް ލަސްވެފައި އޮތީ ވަރަށް ގިނަ ސަބަބުތަކާ ހެދި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މަޝްރޫއު ފެށީ އެ މަޝްރޫއަށް ހަރަދުވާ އަދަދުން 250 މިލިއަން ޑޮލަރު ހަތަރު ފަންޑަކުން ކަށަވަރުކޮށްފަ އެވެ. އަދި ބާކީ އޮތް 100 މިލިއަން ޑޮލަރު، ޓާމިނަލްގެ މަސައްކަތް ވަކި ހިސާބަކަށް ނިންމުމުން ލިބޭ ގޮތަށެވެ. އެކަމަކު އޭރު 2019 ގައި ހުޅުވަން ތައްޔާރުވަމުން ދިޔަ ޓާމިނަލްގެ މަސައްކަތް، އެ ޓާމިނަލްގެ މަސައްކަތާ ހަވާލުވި ސައުދީގެ ބިންލާދިން ގުރޫޕަށް ދިމާވި މައްސަލަތަކެއްގެ ތެރޭގައި ތާށިވި އެވެ. އޭގެ ފަހުން އަނެއްކާ ވެސް، މި ސަރުކާރު ވެރިކަމަށް އައިސް، ލަސް ދުވެއްޔެއްގައި ފެށި އެވެ. ހަގީގަތުގައި ޓާމިނަލްގެ ޕްރޮޖެކްޓަށް ފައިސާގެ ހުރަހެއް ނެތެވެ.

އާ ޓާމިނަލް އޮތީ މުޅި އިގްތިސާދާއި ދަރަންޏާ ވެސް ގުޅިފައި!

އިންތިހާބީ ރައީސް، ޑރ. މުހަންމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޓްރާންސިޝަން ކޮމިޓީން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޓާމިނަލްގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.

"މި ޓްރާންސިޝަން މަރުހަލާގައި [އަޅުގަނޑުމެންނަށް] އެނގުނީ ޓާމިނަލްގެ މަސައްކަތް 2026 ގައި ނިމޭނެ ކަމަށް. މިއީ އަދި 2023. އެއީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތެއް ނޫން. ފަހަރެއްގައި ވެދާނެ ކޮންޓްރެކްޓަރަށް މައްސަލަތަކެއް ދިމާވަނީ ކަމަށް ވެސް،" މުއިއްޒު ވިދާޅުވި އެވެ.

"މިދާ ސްޕީޑްގައި ދާ ގޮތަށް ގޮސްގެން އަޅުގަނޑުމެން ބޭނުންވާ އިގްތިސާދެއް ކުރިއަކަށް ނާރާނެ. އެހެންވެ މަދުވެގެން ދެ އަހަރު ކުރިން މިހާރު އޮތް ތާރީހަށް ވުރެ ކުރިން ނިންމަން ޖެހޭ. އެއްކޮށް ނުނިމުނަސް, ޓާމިނަލް ނިމުނަސް 2024 ގެ ކުރިން ބޭނުން ކުރަން ފެށިއްޖިއްޔާ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ."

އާ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ މައިގަނޑު އެއް ބަޔަކީ ވެސް ޓޫރިޒަމް ކުރިއެރުވުމެވެ. އޭގެ ތެރޭގައި ނުހެދި ރިސޯޓްތައް ހެދޭނެ ގޮތްތަކެއް ހޯދުމާއި ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިތުރު ކުރުމަކީ އާ ސަރުކާރުގެ ސިޔާސަތެކެވެ.

އާ ޓާމިނަލްގެ މަސައްކަތް ކުރަނީ: މަސައްކަތުގެ ދުވެލި ވަރަށް ލަސް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ޓާމިނަލްގެ މަސައްކަތް ކުރަނީ: މަސައްކަތުގެ ދުވެލި ވަރަށް ލަސް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމަ އެކަނި އާ ސަރުކާރުގެ އެކަންޏެއް ނޫނެވެ. މި ސަރުކާރުގެ ވެސް ބަޖެޓް ފޯކާސްޓްތައް ހަދައިފައި ހުރީ އެ އުންމީދުގަ އެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލި އިރު، ކޮށްފައިވާ ފޯކާސްޓްގައިވާ ގޮތުން 2026 ގައި ރާއްޖޭގެ އިގްތިސާދު ދެ ގުނަ ވާ މައިގަނޑު ސަބަބަކީ އާ ޓާމިނަލް ހުޅުވައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ ވުމެވެ. އޭރުން، ބަޖެޓް ފޮތް ބުނާ ގޮތުގައި، ރާއްޖޭގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވާނެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މީގެ ދެ ހަފުތާ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ރާއްޖެ އިން 2026 ގައި ދައްކަން އޮތް ދަރަނީގެ އެންމެ ބޮޑު އެއް ހައްލު ވެސް ގުޅިފައި އޮތް އާ ޓާމިނަލް އާ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރަށް އާ ޓާމިނަލް ހުޅުވި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމަކީ، ދަރަނި ދައްކަން އޮތް އެންމެ ބޮޑު އެއް ހައްލެވެ. އެ އަހަރު، 2026 އަކީ ރާއްޖޭގެ މުޅި ތާރީހުގައި ދުވަހަކު ވެސް އެއް އަހަރުގެ ތެރޭގައި ދަރަނި ދައްކާފައި ނުވާ ވަރަށް ދަރަނި ދައްކަން ޖެހޭ އަހަރެކެވެ. އެއީ 15 ބިލިއަން ރުފިޔާ އެވެ. އެއީ، މިހާރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓެވެ.

އާ ޓާމިނަލް އިން ކިހާ ވަރެއްގެ ފައިދާއެއް ނެރެވޭ؟

ރާއްޖޭގެ އުފެއްދުންތެރިކަން މި އަހަރު 8.7 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އަންނަ އަހަރު 5.5 ޕަސެންޓުން ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމި އޮޕްރޭޓް ކުރަން ފެށުމުން, 2025 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން ހަލުވިވެ, 8.6 ޕަސެންޓުން ކުރިއަރާނެ ކަމަށް ބެލެވެ އެވެ،" ބަޖެޓް ފޮތުގައި ވެ އެވެ.

"[އަދި] 2025 ވަނަ އަހަރު އިގްތިސާދަށް އަންނާނެ ކަމަށް މި އަންދާޒާ ކުރެވޭ ކުރިއެރުމުގެ ބޮޑު ހިއްސާއެއް އަދާކުރާނެ ކަމަށް ބެލެވެނީ އާ އެއާޕޯޓްގެ ޓާމިނަލާ އެކު އިތުރު ފްލައިޓްތަކަށް އެއާޕޯޓަށް ދަތުރުކުރަން ފުރުސަތު ދެވި, ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ, ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާއިރާތަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ކުރިއެރުމެވެ."

ރާއްޖޭގެ އުފެއްދުންތެރިކަމުގައި، ހަމައެކަނި ރިސޯޓްތަކުން އެކަނި ވެސް އަހަރަކު ގާތްގަނޑަކަށް 100 ބިލިއަން ރުފިޔާގެ ހިދުމަތް ދެ އެވެ. އޭގެ ޓީޖީއެސްޓީ [ނުވަ ބިލިއަން) އާއި ގްރީން ޓެކްސްގެ އެއް ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 10 ބިލިއަން ރުފިޔާ ލިބެ އެވެ. އެއީ މުޅި ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 22 ޕަސެންޓެވެ. މި އަދަދު އަހަރަކު އެވްރެޖްކޮށް ގާތްގަނޑަކަށް ހަތަރު ޕަސެންޓުން އަންނަނީ ކުރިއަރަމުންނެވެ. އެއީ ރާއްޖެ އަށް އަހަރަކު [މިހާރު] އަންނަ ގާތްގަނޑަކަށް ދެ މިލިއަން ޓޫރިސްޓުންގެ އަތުން ލިބޭ ފައިސާ އެވެ.

މިހާރު ބޭނުންކުރާ ޓާމިނަލް އިން ޓޫރިސްޓުން ނުކުމެގެން އަންނަނީ: ތަކުލީފުތައް ބޮޑު -- ފައިލް ފޮޓޯ: މިހާރު

މިހާރު ބޭނުންކުރާ ޓާމިނަލް އިން ޓޫރިސްޓުން ނުކުމެގެން އަންނަނީ: ތަކުލީފުތައް ބޮޑު -- ފައިލް ފޮޓޯ: މިހާރު

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، އާ ޓާމިނަލް ހުޅުވުމާ އެކު ކެޕޭސިޓީ އިތުރުވެ، ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓޫންގެ އަދަދު އިތުރުވާ މިންވަރު އާންމު މިންވަރަށް ވުރެ ދެ ގުނަ މަތިވާނެ އެވެ. އެއާޕޯޓް ހުޅުވަން މި ސަރުކާރުން މިހާރު ދީފައިވާ 2026 ވަނަ އަހަރު ވެސް 2.5 މިލިއަން ޓޫރިސްޓުން އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އޭގެ މާނައަކީ، ދައުލަތުގެ އާމްދަނީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގުނަ އިތުރުވާނެ ކަމެވެ. އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމެވެ. ރިސޯޓްތަކުގެ އާމްދަނީ 200 ބިލިއަން ރުފިޔާ އަށް އަރައި، ދައުލަތަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އިން އެކަނި ވެސް 20 ބިލިއަން ރުފިޔާ ލިބޭނެ ކަމެވެ. މިއީ ހަމައެކަނި ޓޫރިޒަމުން ލިބޭ އާމްދަނީ އެކަންޏެވެ.

"އަޅުގަނޑު އެމްއޭސީއެލް އާ އެކު ބޭއްވި ބައްދަލުވުމެއްގައި އެއް ވާހަކައެއް އެ ބޭފުޅުން ވިދާޅުވި. އެއީ، އާ ޓާމިނަލް ހުޅުވީމަ މިހާރު ބޭނުންކުރާ ޓާމިނަލް ބޭނުންކުރެވިދާނެއޭ އަގުހެޔޮކޮށް ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުންނަށް. މިހާރު މި ވާގޮތަކީ އަޅުގަނޑުމެންނަކަށް ނޯވޭ އެއް ޓާމިނަލަކުން އެއް ތަނަކުން އަންނަ ދެ އެއާލައިނަކަށް ދެ އަގެއް ހަމަޖައްސާކަށް. އެހެންވެ، އެއީ ވެސް އާ ޓާމިނަލް ހުޅުވަން ޖެހޭ މުހިންމު ސަބަބެއް،" ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

"އެއީ ގެސްޓް ހައުސް ޓޫރިޒަމަށް އޮތް ވަރަށް ބޮޑު ފުރުސަތަކަށް ވާނެ. އަގުހެޔޮ އެއާފެއާ ލިބޭނެ. މިސާލަކަށް ރާއްޖެ އަންނަން މީހެއްގެ ބަޖެޓަކީ 5000 ޑޮލަރު. އެކަމަކު 3000 ޑޮލަރު އެއާފެއާ އަށް ދިޔައީމަ ދެން އޭނަ ހަރަދުކުރަން މި އޮންނަނީ 2000 ޑޮލަރު. އާ ޓާމިނަލް ހުޅުވީމަ، އޭނާގެ އެއާފެއާ 2000 ޑޮލަރަށް ބަދަލުވީމަ ހަރަދުކުރަން އޮންނާނެ 3000 ޑޮލަރު. މިއީ މިސާލެއް."

މި ހުރިހާ ސަބަބުތަކާ އެކު، އާ ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ވެސް އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ނިންމުމެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ނިމޭވަރަކުން، ބައިބައި ވަކިވަކިން ހުޅުވައިގެން ވެސް އާ ޓާމިނަލްގެ ހިދުމަތް ދޭން އަންނަ އަހަރު ފެށޭތޯ އެމަނިކުފާނު ބައްލަވާނެ އެވެ.

"ކޮންމެ ގޮތަކަށް ވިޔަސް އަޅުގަނޑުމެން ބޭނުމޭ އެއާޕޯޓުން ޓޫރިސްޓުން ގިނައިން ގެނެސް ފުރުވޭ ތަނަކަށް ހަދަން. ދެ ގުނަ ތިން ގުނަަ އަށް އެއާޕޯޓުގެ ޖާގަ ބޮޑުކުރަން. ޑިއުޓީ ފްރީތައް ވީ ވަރަކުން ފުޅާ ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

"ޑިއުޓީ ފްރީ ފިހާރަތައް ވެސް ހަމަ އެގޮތަށް."

ރާއްޖޭގެ މުޅި އިގްތިސާދާ ގުޅިފައި އޮތީ އާ ޓާމިނަލް އެވެ. ހަމަ އެކަނި އިގްތިސާދާ އެކަންޏެއް ނޫނެވެ. އާންމު ދިރިއުޅުމާއި އާންމުންގެ ތަނަވަސް ކަމާ ވެސް މެއެވެ. އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ!