Roadha Mihaaru
އެއާޕޯޓު ބިޒީވުމުން އަލުން ދަތުރުތައް ވެސް ނުފެށިފައި!

އެއާޕޯޓު ބިޒީ ވުމުން ބައެއް އެއާލައިންތައް ތިބީ އަލުން ދަތުރު ނުފެށިފައި: މައުސޫމް

16 ސެޕްޓެމްބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވެފައި ވާތީ، ބައެއް އެއާލައިންތަކުން މިހާރު ވެސް އަލުން ދަތުރުތައް ނުފެށިފައި އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވެފައި ވާތީ، ބައެއް އެއާލައިންތަކުން މިހާރު ވެސް އަލުން ދަތުރުތައް ނުފެށިފައި އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ މައި އެއާޕޯޓުގެ "ހެވީ ޓްރެފިކް" މި ދުވަސްވަރު މެނޭޖް ކުރުމުގެ ކަންކަން އެމްއޭސީއެލުން ކުރަމުން އަންނަ އިރު މި ކަމަށް އަވަސް ހައްލުތަކެއް ގެނެވޭނެ ގޮތްތައް ބަލާ ކަމަށެވެ. އޭނާ ވިދާޅުވީ، ގިނަ އެއާލައިންތަކުން ބޭނުންވަނީ ސީ ޕްލޭންގެ ދަތުރުތަކާ ދިމާވާ ގޮތަށް، އެ އެއާލައިންތަކުގެ ދަތުރުތައް ތާވަލު ކުރަން ކަމަށް ވާތީ އެ ކަމަށް ވެސް ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ.

މި ދުވަސްވަރު ރާއްޖެ އަށް ގިނަ ޓޫރިސްޓުންތަކެއް އަންނާތީ ވީއައިއޭ ތޮއްޖެހި، ހިދުމަތް ހޯދަން އޮންނަ ކިއުތައް ވަނީ ވަރަށް ބޮޑަށް ދިގުވެފަ އެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލުން ވަނީ ޓޫރިސްޓުން ބަލާ ދާން ޖެހޭ މީހުން ޒިންމާ އަދާކޮށް، ގަޑިއަށް ދާ ނަމަ ތޮއްޖެހުން ކުޑަވާނެ ކަމަށް ބުނެފަ އެވެ.

"މި ކަންކަމަށް ހައްލު ހޯދަން އެމްއޭސީއެލްއާ އެކު މި އަންނަނީ މަޝްވަރާ ކުރަމުން. އުންމީދު ކުރަން ހައްލުތަކެއް އަވަހަށް ލިބޭނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

ވީއައިއޭ އަށް އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ދާންޖެހޭ ބައެއް މީހުން ބުނާ ގޮތުން ނަމަ، ބާރު ބޮޑުވާ އެއް ސަބަބަކީ އެއްފަހަރާ އެތައް ފްލައިޓްތަކަށް ރަންވޭ އިން ސްލޮޓް ދޫކުރުމުން ގްރައުންޑް އޮޕަރޭޝަން ރަނގަޅަށް މެނޭޖު ނުކުރެވުމެވެ.

ރާއްޖެ އަށް އިތުރު އެއާލައިންތަކުން ދަތުރުތައް ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ. ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ވެސް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ އެވެ. އެއީ މި ވަގުތު ރާއްޖެ އަށް ނުވަ ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.

ފަސިންޖަރުންނަށް ހިދުމަތްދޭ އާ ޓާމިނަލާ އެކު، ވީއައިއޭ ތޮއްޖެހި ހިދުމަތް ދިނުން ލަސްވާ މައްސަލަ އަށް ހައްލެއް ލިބޭނެ އެވެ. އެކަމަކު އަދިވެސް ޓާމިނަލްގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައި އޮތީ ނުނިމި އެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް އަށް ލައްކަ ޓޫރިސްޓުން އައިސްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު 1.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ރާއްޖެ އަށް މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ.