Roadha Mihaaru
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"

އަންނަ އަހަރު ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ 10 ޕަސެންޓު އިތުރު ކުރެވޭނެ: މައުސޫމް

20 ޑިސެމްބަރ 2022

ޗައިނާގެ މާކެޓު އަންނަ އަހަރު ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ 10 ޕަސެންޓް އިތުރަށް ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޗައިނާގެ މާކެޓު އަންނަ އަހަރު ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ 10 ޕަސެންޓް އިތުރަށް ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް 1.6 މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މައުސޫމު ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު އުންމީދެއް ކުރަނީ، ޗައިނާ އިން މީހުން ރާއްޖެއަށް އަންނަން ފެށުން ކަމަށެވެ. މިހާރު މި އަންނަ މާކެޓުތަކުގެ އިތުރަށް ޗައިނާ މާކެޓުން ޓޫރިސްޓުން އަންނަ ފަށައިފި ނަމަ، ފަސޭހަކަމާ އެކު ރާއްޖޭގެ އަމާޒަށް ދެވޭނެ ކަމަށެވެ. އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުންނެވެ.

ސަރުކާރުން މިއަހަރަށް ކަނޑައެޅި ޓާގެޓު 1.6 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވަނީ އަހަރު ނިމެން 10 ދުވަހަށް އޮއްވަ އެވެ.

މައުސޫމު ވިދާޅުވީ، އަންނަ އަހަރުގެ ދެވަނަ ކުއާޓަރަށް ޗައިނާގެ ބައެއް އެއާލައިންތަކުން ދަތުރުތައް ފަށަން ރިކުއެސްޓްކޮށްފައިވާ ކަމަށާއި އެއާ އެކު ސީދާ ދަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ވޯލްޑް ކަޕް ނިމުމުން، އަނެއްކާ ވެސް އިތުރު ސެލެބްރިޓީ ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

1.6 މިލިއަން ވަނަ ޓޫރިސްޓަށް ހާއްސަ ހަދިޔާއެއް ޓޫރިޒަމް މިނިސްޓަރު މައުސޫމު އަރުވަނީ--ފޮޓޯ:ފަޔާޒް މޫސާ | މިހާރު

1.6 މިލިއަން ވަނަ ޓޫރިސްޓަށް ހާއްސަ ހަދިޔާއެއް ޓޫރިޒަމް މިނިސްޓަރު މައުސޫމު އަރުވަނީ--ފޮޓޯ:ފަޔާޒް މޫސާ | މިހާރު

"މިއަދު އަޅުގަނޑުމެންނަށް ހާސިލު ކުރެވުނު ކާމިޔާބީގައި ވަރަށް ބޮޑު ހިއްސާއެއް އެބައޮތް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން. މިއީ އެރައިވަލް ނަންބަރުތައް. ނަންބަރުތައް އިންޑިއާ އާއި ރަޝިޔާ ދާދި އެއްވަރު. އެހެން ނަމަވެސް ބެޑްނައިޓުތަކުން ބަލައިފިއްޔާ ރަޝިޔާ އުޅެނީ މާ ކުރީގައި،" އޭނާ ވިދާޅުވި އެވެ.

މި އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އިންޑިއާއިންނެވެ. އެއީ 220،000 ޓޫރިސްޓުންނެވެ. ރަޝިއާ އިން 180،000 ޓޫރިސްޓުން އަދި އިނގިރޭސި ވިލާތުން 160،000 ޓޫރިސްޓުން ވަނީ މިހާރު ޒިޔާރަތްކޮށްފަ އެވެ.

ރާއްޖޭގައި 160 އަށް ވުރެ ގިނަ ރިސޯޓު ހިންގާ އިރު 870 އަށް ވުރެ ގިނަ ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ.