Roadha Mihaaru
ޓޫރިޒަމްގެ ތަރައްގީން ކޯބިން އަށް ހައިރާންކަން!

ޓޫރިޒަމްގެ އެއް ބާނީ ކޯބިން ރާއްޖޭގައި، އޭނާ އަށް ލިބިވަޑައިގަތީ ހައިރާންކަން!

15 ފެބުރުއަރީ 2022

ރާއްޖޭގެ ޓޫރިޒަމް މިހާރު މިއޮތީ ގަބޫލު ވެސް ނުކުރެވޭހާ ވަރަށް ތަރައްގީވެފައިވާ ކަމަށާއި ހަނދާންތައް ގޮސް ގުޅެނީ ރާއްޖޭގައި ޓޫރިޒަމްގެ އެއްވެސް ކަމެއް ނެތި އޮތް 50 އަހަރު ކުރިއާ ކަމަށް، ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ޖޯޖް ކޯބިން މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ޓޫރިޒަމް މިހާރު މިއޮތީ ގަބޫލު ވެސް ނުކުރެވޭހާ ވަރަށް ތަރައްގީވެފައިވާ ކަމަށާއި ހަނދާންތައް ގޮސް ގުޅެނީ ރާއްޖޭގައި ޓޫރިޒަމްގެ އެއްވެސް ކަމެއް ނެތި އޮތް 50 އަހަރު ކުރިއާ ކަމަށް، ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ޖޯޖް ކޯބިން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކުރާއިރު، އޭގެ ތެރެއިން ބައެއް ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ކޯބިން ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު އެވެ.

ޓޫރިޒަމް ފެށުނު ކަމަށް ރާއްޖޭގައި ބަލަނީ އޮކްޓޫބަރު 3، 1972 އެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓް، ކުރުނބާ މޯލްޑިވްސް ހުޅުވި ތާރީހެވެ. އެކަމަކު، ފެބްރުއަރީ 16، 1972 ގައި ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓުން ގެނައިތާ މާދަމާ އަށް 50 އަހަރު ފުރޭނެ އެވެ. އިޓަލީގެ ނޫސްވެރިން ވެސް ހިމެނޭގޮތަށް އައި ވިއްސަކަށް މީހުންގެ ގުރޫޕު ރާއްޖެ ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވީ ކޯބިން އެވެ.

މިއީ 1972 ވަނަ އަހަރުގެ ފަހުން ކޯބިން ރާއްޖެ ވަޑައިގަތް ތިން ވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ވަޑައިގަތީ 2018 ގަ އެވެ.

ކޯބިން އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މަރުހަބާ ވިދާޅުވީ އޭނާއާ އެކު ރާއްޖޭގައި ޓޫރިޒަމް ފެށުމުގައި އިސްކޮށް އުޅުއްވި، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ.

ކޯބިން، ޓޫރިޒަމް މިނިސްޓަރު މައުސޫމާއި ހެލްތު މިނިސްޓަރު ނަސީމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަނީ-- ފޮޓޯ: މިހާރު

ކޯބިން، ޓޫރިޒަމް މިނިސްޓަރު މައުސޫމާއި ހެލްތު މިނިސްޓަރު ނަސީމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަނީ-- ފޮޓޯ: މިހާރު

އެއާޕޯޓްގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޯބިން ވިދާޅުވީ ރާއްޖެ ވަޑައިގަތުމުން އޭނާގެ ހަނދާނަށް އަންނަނީ ޓޫރިޒަމްގެ ފެށުން ކަމަށެވެ. ރާއްޖެއަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ގައުމަކަށް ވާއިރު ރާއްޖެ އަށް އަންނަން ބޭނުން ވަނީ ދިވެހިންގެ ހިތްހެޔޮކަމާއި ގާތްކަމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އަޅުގަނޑަށް ސިފަ ވަނީ 70ގެ އަހަރުތަކުގައި މާލެ އޮތް ގޮތް. ސައިކަލާއި ކާރެއް އޭރަކު ނުހުންނާނެ. މަގުތަކުގައި ވެސް ހުންނާނީ ވެލި. އަދިވެސް އެ ހަނދާންތައް އެބަހުރި،" ކޯބިން ވިދާޅުވި އެވެ.

"ފާއިތުވި 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ލިބިފައި މިވާ ކުރިއެރުމަކީ ގަބޫލުކުރަން ދަތި ކުރިއެރުމެއް."

ކޯބިން ރާއްޖެ އަށް ކުރައްވާ ހަ ދުވަހުގެ މި ދަތުރުގައި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައި، އެމެރިކާ މާކެޓް ރާއްޖެ އަށް ފުޅާ ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ކ-ވ ވީއައިއޭގެ އެކްޓިން އެމްޑީ ތޯހާ އިބްރާހިމް އާއި ހެލްތު މިނިސްޓަރު ނަސީމް އަދި ކޯބިން އާއި އޭނާގެ ދަރިފުޅު އަދި ޓޫރިޒަމް މިނިސްޓަރު މައުސޫމް ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ: މިހާރު

ކ-ވ ވީއައިއޭގެ އެކްޓިން އެމްޑީ ތޯހާ އިބްރާހިމް އާއި ހެލްތު މިނިސްޓަރު ނަސީމް އަދި ކޯބިން އާއި އޭނާގެ ދަރިފުޅު އަދި ޓޫރިޒަމް މިނިސްޓަރު މައުސޫމް ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ: މިހާރު

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޯބިންގެ އެހީގައި ރާއްޖޭގެ ޓޫރިޒަމް އެމެރިކާ އަށް ފުޅާ ކުރެވޭނެ ކަމަށެވެ. އޭނާ އަކީ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި ދާއިރާ ކުރިއަރުވަން އެ ތަޖުރިބާގެ ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކާ މާކެޓަކީ ވަރަށް ބޮޑު މާކެޓެއް. ހަނީމޫން މަންޒިލެއްގެ ގޮތުގައި އެ ގައުމުގައި ރާއްޖެ މަޝްހޫރު ނަމަވެސް އެހެން ދާއިރާތަކުން ވެސް ފުރުސަތުތައް އޮތްކަން އަންގައިދޭން ޖެހޭ. ކޯބިން އަކީ އެޑްވެންޗަރާއެއް. އޭނާ ވަނީ ވަރަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށް ތަޖުރިބާ ހޯދާފައި،" ކޯބިން އާ ގާތްގުޅުމެއް އަބަދުވެސް ބާއްވަވާ ނަސީމް ވިދާޅުވި އެވެ.

ކޯބިން އާއި ނަސީމް ބައްދަލުވެ ވަޑައިގަތީ 1971 ގައި ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރެއިންނެވެ. އެއަށްފަހު ދެ ބޭފުޅުންގެ މެދުގައި ރަހުމަތްތެރިކަން އުފެދި ރާއްޖޭގައި ޓޫރިޒަމް ފެށުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި އެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވި ރިސޯޓް، ކުރުނބާ ވިލެޖް ތަރައްގީ ކުރެއްވީ ވެސް ކޯބިންގެ ހިއްސާއާ އެކުގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ފަރުތައް ހަލާކު ނުކުރުމަށް ވެސް ކޯބިން މިއަދު އިލްތިމާސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ ފަރުތަކަކީ ރާއްޖެ އަށް މީހުން ޝައުގުވެރި ކުރުވާ ކަމެއް ކަމަށްވާއިރު ފަރުތައް ހަލާކު ކޮށްލުމަކީ ޓޫރިޒަމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ތަންތަން ފެނިފައި ހުރީ. ރާއްޖެއަކީ ވަރަށް ތަފާތު ތަނެއް. ރާއްޖޭގެ ފަރުތަކަކީ ވެސް ތަފާތު އެއްޗެއް. އެހެންވީމާ އެ ފަރުތައް ހަލާކު ކޮށްނުލާ. ފަރުތައް ހަލާކު ކުރުމުން ވާ ގެއްލުން ވެސް ފެނޭ. ކުރިން ރެޑްސީގައި އެކި ވައްތަރުގެ ރީތި ކަނޑުގެ ދިރުންތައް ބަލާލެވޭ. އެކަމަކު މިހާރު ނުފެނޭ އެއްވެސް އެއްޗެއް،" ކޯބިން ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރޭއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ރާވައިފަ އެވެ. ބޮޑު އިވެންޓް އޮންނާނީ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ ދުވަސް، އޮކްޓޫބަރު 3 ގަ އެވެ.