Roadha Mihaaru
ބިދޭސީން އިމުގާ ފޯމް ކުރުމުގެ އުސޫލަށް ބަދަލުތަކެއް

ބިދޭސީން އިމުގާ ފޯމް ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަނީ

13 އޯގަސްޓް 2024

ރާއްޖެއަށް ވައިގެ މަގުން އަންނަ ބޭރުގެ ގައުމުތަކުގެ މީހުން، "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމުފުރަން ހަމަޖައްސާފައި އޮންނަ އުސޫލަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

ރާއްޖެއަށް ވައިގެ މަގުން އަންނަ ބޭރުގެ ގައުމުތަކުގެ މީހުން، "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމުފުރަން ހަމަޖައްސާފައި އޮންނަ އުސޫލަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

މީގެކުރިން ރާއްޖެ އަންނަ ބޭރު މީހުން ރާއްޖެ އައުމުގެ ކުރިންނާއި ފުރުމުގެ ކުރިން ޑިކްލަރޭޝަން ފޯމް ފުރިހަމަ ކުރަން ޖެހެ އެވެ. ނަމަވެސް އިމިގްރޭޝަނުން ނެރުނު ސާކިއުލާއެއްގެ ދަށުން ނިންމާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން، ރާއްޖެއިން ފުރާ ބޭރު މީހުން އެ ޑިކްލަރޭޝަން ފޯމް ފުރިހަމަކުރަން ނުޖެހޭ ގޮތަށެވެ.

ނަމަވެސް ބޭރު މީހުން ރާއްޖެއަށް އަންނައިރު އަދިވެސް ފޯމް ފުރަން ޖެހެ އެވެ. އެގޮތުން ރާއްޖެ އަށް އައުމުގެ 96 ގަޑިއިރު ކުރިން އޮންލައިން ޕޯޓަލް އިމުގާ މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުންޏެވެ.

ރާއްޖެ އަށް އަންނަ ކޮންމެ ފްލައިޓެއްގައި ދަތުރުކުރާ ފަސިންޖަރުންނަށް އެކަން އަންގަން ޖެހުމުގެ އިތުރުން ފްލައިޓަށް އެރުމުގެ ކުރިން އެ ފޯމު ފުރާފައިވާ ކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ އެއާލައިންތަކަށް އަންގައިފަ އެވެ.

އެގޮތަށް އަމަލު ނުކުރާ އެއާލައިންތަކާ ދެކޮޅަށް ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އިމިގްރޭޝަނުން ވަނީ ދީފަ އެވެ.

އިމުގާ ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް، ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 15، 2020 ގަ އެވެ. މާޗު 14، 2021 އިން ފެށިގެން މި ފޯމު އޮންލައިންކޮށް ފުރޭނެ އިންތިޒާމު ހަމަޖެއްސި އެވެ.

މި ފޯމު ދިވެހިން ފުރަން ނުޖެހޭ ގޮތަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.