Roadha Mihaaru
އެއާޕޯޓަށް ހިދުމަތް އަަވަސް ކުރެވޭނެ ގޮތްތަކެއް ހޯދަނީ

އެއާޕޯޓުގައި ޚިދުމަތް އަވަސް ކުރެވޭނެ ގޮތްތަކެއް އެބަ ހޯދަން: އިމިގްރޭޝަން

13 ޑިސެމްބަރ 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މި ވަގުތު މަސައްކަތް ކުރަނީ މޯލްޑިވްސް އިމިގްރޭޝަންގެ ސަތޭކައެއްހާ މުވައްޒަފުން އެއީ މަދު އަދަދަކަށް ވުމުން ކަންކަން ރަނގަޅު ކުރުން ކުރިއަށް ގެންދާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މި ވަގުތު މަސައްކަތް ކުރަނީ މޯލްޑިވްސް އިމިގްރޭޝަންގެ ސަތޭކައެއްހާ މުވައްޒަފުން އެއީ މަދު އަދަދަކަށް ވުމުން ކަންކަން ރަނގަޅު ކުރުން ކުރިއަށް ގެންދާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

މީޑިއާ އޮފިޝަލް ހަސަން ޚަލީލް ވިދާޅުވީ، އެއާޕޯޓުގައި މަސައްކަތްތައް ވަރަށް މަދު މުވައްޒަފުންނާ އެކު ކުރަމުން އަންނަތާ 3-4 އަހަރު ވެއްޖެ ކަމަށެވެ. އިމިގްރޭޝަންގެ މުވައްޒަފުންގެ އަދަދު މި ވަގުތު ހުރީ އެއާޕޯޓަށް އަހަރަކު ހައެއްކަ ލައްކަ ޓޫރިސްޓުން އައި އިރު ވެސް ހުރި ވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، މި ދުވަސްވަރު އަނެއްކާ ވެސް މިވަނީ، މިދިޔަ އަހަރެކޭ އެއްވަރަށް ޓޫރިސްޓުން އަންނަން ފަށައިފައި ކަމަށާއި ސޯޝަލް ޑިސްޓެންސިންގެ އުސޫލާ އެކު ހިދުމަތް ދެވޭނީ ފަހަރަކު 300 މީހުންނަށް ކަމަށެވެ.

އެއާޕޯޓަށް މިހާރު 3،000 އަށް ވުރެ ގިނަ މީހުން ދުވާލަކު އާދެ އެވެ. ކޮވިޑްގެ ހާލަތުގެ ކުރިން މިދިޔަ އަހަރު އެވްރެޖުކޮށް ޑިސެމްބަރު މަހު 4،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް މީހުން ރާއްޖެ އަށް އައެވެ.

ޚަލީލް ވިދާޅުވީ، މި ދުވަސްވަރު ގިނަ ވަގުތު ހޭދަވަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ކަންކަން ކުރަން ޖެހޭތީ ކަމަށާއި އެކަމަކު އިމިގްރޭޝަންގެ ކައުންޓަރުތަކުގެ ހިދުމަތް އަވަސް ކުރުމަށްޓަކައި މިހާރު ހުރި ވަސީލަތްތަކާ އެކު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑްގެ ހާލަތަށް ފަހު ޓޫރިސްޓުން ރާއްޖެ އަށް އަންނަ ވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މި ސަރަހައްދުގެ އެންމެ ސޭފް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި އޮތުން ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ބުނެ އެވެ. ބޯޑަރު ހުޅުވައިލި ފަހުން އެއް ލައްކަ ޓޫރިސްޓުން އިއްޔެ ހަމަވެފައިވާ އިރު ކުރިއަށް އޮތް ހަފްތާ ތެރޭ ފަސް ލައްކަ ޓޫރިސްޓުންގެ ޓާގެޓް ހަމަވާނެ ކަމަށް ބެލެވެ އެވެ. މިއީ މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓެވެ.