Roadha Mihaaru
އައިބީރިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

އައިބީރިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

03 ޖުލައި 2021

ސްޕެއިންގެ އައިބީރިއާ އެއާލައިނުން އެ ގައުމުގެ މެޑްރިޑުން ރާއްޖެއަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޕެއިންގެ އައިބީރިއާ އެއާލައިނުން އެ ގައުމުގެ މެޑްރިޑުން ރާއްޖެއަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

ރާއްޖެއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތެރެއިން އެ އެއާލައިނުން ދަތުރުތައް ފެށި ފުރަތަމަ މަންޒިލެވެ. އެ އެއާލައިނުގެ ފުރަތަމަ ބޯޓުން 218 ފަސިންޖަރުން ރާއްޖެ އައެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި އައިބީރިއާ އިން އޮގަސްޓް މަހުގެ ނިޔަލަށް ހަފުތާ އަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ އެވެ. އެއީ ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ. މި ދަތުރުތަކަށް އެ އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ 220-330 އާއި އޭ 300-330 އެވެ.

އައިބީރިއާގެ ކޮމާޝަލް، ނެޓްވޯކް ޑިވެލޮޕްމަންޓް އެންޑް އެލަޔަންސް ޑިރެކްޓަރު މާރިއާ ވިދާޅުވީ ރާއްޖެއަކީ މި ދުވަސްވަރު ދަތުރު ކުރަން އެންމެ ރައްކާތެރި އެއް މަންޒިލް ކަމަށެވެ. އަދި މި ހޫނު މޫސުމުގައި އެންމެ ކާމިޔާބު މަންޒިލަކަށް ރާއްޖެ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އެއާލައިނުން އެންމެ ފުރަތަމަ ނިންމީ ރާއްޖެއަށް ހަފުތާއަކު ދެ ދަތުރު ކުރުމަށެވެ. ނަމަވެސް ސްޕެއިންގައި ރާއްޖެއަށް އޮތް މަގުބޫލުކަން ފެނުމުން އެއް ފްލައިޓު އިތުރުކުރީ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ޔޫރަޕާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މިއާ އެކު ރާއްޖޭގެ ޓޫރިޒަމް ވެސް ކުރިއަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިބިރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށ ްބޮޑު ޝަރަފެއް. ސްޕެއިން އިން ރާއްޖެަށް ދަތުރު ފެށުމުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރައި އެއާޕޯޓަށް ވެސް ކުރިއެރުން ލިބޭނެ،" ގޯޑަން ވިދާޅުވި އެވެ.

އައިބީރިއާއިން ރާއްޖެއަށް ހަފުތާއަކު 864-876އާ ދެމެދުގެ އަދަދަަކަށް ޓޫރިސްޓުން ގެނެވޭނެ ކަމަށް ލަފާ ކުރެވެ އެވެ.