Roadha Mihaaru
މިފަހަރު ސީޒަނަށް އިތުރު ދެ އެއާލައިނެއް އަލަށް އަންނަނީ

މިފަހަރުގެ ސީޒަނާ ދިމާކޮށް އިތުރު ދެ އެއާލައިނެއް އަލަށް ރާއްޖެއަށް

15 އޮކްޓޯބަރ 2017

މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަށް މުޅިން އަލަށް އިތުރު ދެ އެއާލައިނަކު ދަތުރުތައް ފަށަން ނިންމައި، ބައެއް އެއާލައިންތަކުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަށް މުޅިން އަލަށް އިތުރު ދެ އެއާލައިނަކު ދަތުރުތައް ފަށަން ނިންމައި، ބައެއް އެއާލައިންތަކުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް މިރޭ ވިދާޅުވީ އަލަށް ދަތުރުތައް ފަށަނީ ފްރާންސްގެ އެއާ ފްރާންސް އާއި އިންޑިއާގެ ގޯ އެއާ އިން ކަމަށެވެ.

ފްރާންސްގެ ޗާލްސް ޑިގޯލް އެއާޕޯޓުން ރާއްޖެ އަށް ދަތުރުކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދއވަނަ ދުވަހުން ފެށިގެން ހަފުތާއަކު ދެ ފަހަރު އެވެ. އެގޮތުން ރާއްޖެ އަށް ދަތުރުކުރަން ބޭނުންކުރަނީ ބޮއިން 772 މަރުކާގެ މަތިންދާބޯޓެވެ.

ހަސަން ވިދާޅުވީ ގޯ އެއާއިން ދަތުރުކުރަނީ އިންޑިއާގެ މުމްބާއީން ކަމަށެވެ. އެ އެއާލައިނުން ޑިސެމްބަރު އެކެއްގައި ދަތުރުތައް ފަށަނީ އެއާބަސް 320 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުރިން ރާއްޖެ އަށް ޗާޓަރު ދަތުރުތަކެއް ކުރި އިޓަލީގެ އަލިޓާލިއާ އިން މި މަހުގެ 29ން ފެށިގެން ޝެޑިއުލް ދަތުރުތަކެއް ކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރޯމުން ހަފުތާއަކު ތިން ދުވަހު ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޗައިނާގެ ޝެންޒިން އިން އަންނަ ހައިނާން އެއާލައިން އިން ޑިސެމްބަރު 27 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ދެ ދަތުރުކުރަން ނިންމާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮންކޮންގް އެއާލައިނުން ވެސް އަންނަ ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދުވަހު ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"އެ އެއާލައިންތަކަކީ ކުރިން ރާއްޖެ އަށް ޗާޓަރު ދަތުރުތަކެއްކުރި އެއާލައިންތަކެއް. ނަމަވެސް މި ފަހަރު ސީޒަނާ ދިމާކޮށް ޝެޑިއުލް ފްލައިޓްތަކަކަށް ބަދަލުކޮށްލީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް އެންމެ ގިނަ ދަތުރުތައްކުރާ އެއް އެއާލައިން ކަމަށްވާ ދުބާއީގެ އެމިރޭޓްސް އިން މިމަހުގެ 29ން ފެށިގެން ދުވާލަކު ފަސް ފްލައިޓަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެ އެއާލައިނުން މިހާރު ވެސް ރާއްޖެ އަށް ދުވާލަކު ހަތަރު ދަތުރުކުރެ އެވެ. އެ އެއާލައިނުން ބޭނުންކުރަނީ ބޯއިން 777 މަރުކާގެ މަތިންދާބޯޓެވެ. އޭގެ އިތުރުން މިހާރު ކޮންމެ ދުވަހަކު މެލޭޝިއާގެ ކުއަލަލަމްޕޫރުން ރާއްޖެ އަންނަ އެއާ އޭޝިއާ އިން ވެސް މިމަހުގެ 30ން ފެށިގެން އިތުރު ހަތަރު ފްލައިޓް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެން ސިންގަޕޫރުގެ ސިލްކް އެއާ އިން ވެސް ހަފުތާއަކު ނުވަ ފްލައިޓަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެ އެއާލައިނުން މިހާރު ހަފުތާއަކު ކޮންމެ ދުވަހު ރާއްޖެ އަށް އެއް ދަތުރުކުރެ އެވެ. އަދި ޗައިނާގެ ބެއިޖިން އިން އަންނަ ބެއިޖިން ކެޕިޓަލް އިން މިމަހުގެ 29ން ފެށިގެން ހަފުތާއަކު ކޮންމެ ދުވަހު އެއް ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެ އެއާލައިނުން މިހާރު ކުރަނީ ހަފުތާއަކު ހަތަރު ދަތުރެވެ.