Roadha Mihaaru
ރާއްޖެ އަށް އެމިރޭޓްސް އިން ދަތުރުކުރާތާ 30 އަހަރު

އެމިރޭޓްސް ރާއްޖެއަށް ދަތުރުކުރާތާ 30 އަހަރު ވުން ފާހަގަކޮށްފި

24 މެއި 2017

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން، ދުބާއީގެ އެމިރޭޓްސް އިން ރާއްޖެއަށް ދަތުރުކުރާތާ 30 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން، ދުބާއީގެ އެމިރޭޓްސް އިން ރާއްޖެއަށް ދަތުރުކުރާތާ 30 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިއަދު ހެނދުނު 7:30 ހާއިރު އެމިރޭޓްސްގެ ބޯޓެއް ޖެއްސުމާ އެކު ވޯޓާ ސެލިއުޓެއް ދިނުން އޮތެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެމިރޭޓްސްގެ ރާއްޖޭ އޮފީހުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ 1987 ވަނަ އަހަރު ދަތުރުތައް ފެށި އެއާލައިނުން ރާއްޖޭގެ ޓޫރިޒަމް ކާމިޔާބުކުރަން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި ބޯއިން 727ގެ މަތިންދާބޯޓަކުން ރާއްޖެއަށް ހަފުތާއަކު ދެ ދަތުރުކުރަން ފެށި އެއާލައިނުން މިހާރު ދުވާލަކު ހަތަރު ދަތުރުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިދަނީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް ތަރައްގީކުރަން މަސައްކަތްކުރަމުން. އަދި އަޅުގަނޑުމެންނަށް މި އެއާޕޯޓުގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް. އަދި އެމިރޭޓްސް ފަދަ އެއާލައިންތަކާ ގުޅިގެން އަޅުގަނޑުމެން މި އެއާޕޯޓު ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް ހެދޭނީ،" އާދިލް ވިދާޅުވި އެވެ.

އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމިރޭޓްސް އާއި އެމްއޭސީއެލްގެ އިސް ވެރިން ފޮޓޯއަކަށް ހުއްޓިގެން --ފޮޓޯ: އެމްއޭސީއެލް

އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމިރޭޓްސް އާއި އެމްއޭސީއެލްގެ އިސް ވެރިން ފޮޓޯއަކަށް ހުއްޓިގެން --ފޮޓޯ: އެމްއޭސީއެލް

އޭނާ ވަނީ އެމިރޭޓްސްއިން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދުގެ ކުރިއެރުމަށް ދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމިރޭޓްސްގެ ކަންޓްރީ މެނޭޖަރު ޖެރަލްޑް ސޮއެޒް ވިދާޅުވީ މީގެ 30 އަހަރު ކުރިން މެއި 27ގައި ރާއްޖެއަށް ދަތުރުތައް ފެށީ ބޯއިން 727 މަރުކާގެ ބޯޓެއްގައި ނަމަވެސް މިހާރު ދަތުރުތަކުގައި ބޭނުންކުރަނީ ބޯއިން 777 މަރުކާގެ އެންމެ ޒަމާނީ މަތިންދާބޯޓެއް ކަމަށެވެ. އަދި އެއާލައިނަކީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ހިއްސާއެއްކުރާ އެއާލައިނަށް ވީތީ އުފާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހިތްގައިމު މަންޒިލަށް ދުނިޔޭގެ ހަ ބައްރުން މީހުން އުފުލުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަދި އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓުއާ އޮޕަރޭޓުންނާ ގުޅިގެން މި މަސައްކަތްކުރަނީ. އަދި އޭގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވެސް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން،" ޖެރަލްޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމިރޭޓްސް ސްކައި ކާގޯ މެދުވެރިކޮށް ރާއްޖޭގައި ބާނާ މަހާއި މަހުގެ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވަމުން އަންނަ ކަމަށެވެ.