Roadha Mihaaru
ދޫވެހި ހޯއްދެވި ގޮތް ސާބިތު ކުރަން ހެކި ހުށަހަޅައިފި

ދޫވެހި ހޯއްދެވީ ސައްހަކޮށް ކަން ސާބިތުކުރަން ޔާމީން ހެކި ހުށަހަޅުއްވައިފި

01 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ބައްލަވައިގަތީ ސައްހަ މުއާމަލާތަކުންކަން ސާބިތުކުރަން މިއަދު ކްރިމިނަލް ކޯޓަށް އެ މަނިކުފާނު ހެކި ހުށަހަޅުއްވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ބައްލަވައިގަތީ ސައްހަ މުއާމަލާތަކުންކަން ސާބިތުކުރަން މިއަދު ކްރިމިނަލް ކޯޓަށް އެ މަނިކުފާނު ހެކި ހުށަހަޅުއްވައިފި އެވެ.

ޔާމީންގެ ފަރާތްޕުޅުން މި ހެކި ހުށަހެޅުއްވީ، ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ސަން ކޮންސްޓްރަކްޝަނުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގަ އެވެ.

އެ މައްސަލައިގައި ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއިން ދިފާއުވުމަށް، މިއަދު އޮތް ހެކި ހާމަކުރުމުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ޝަފަވީ ފަސް ހެކި ހިމެނޭހެން 30 ހެއްކެއް ހުށަހަޅުއްވައިފަ އެވެ.

ޔާމީންގެ ފަރާތްޕުޅުން ހެކިތައް ހާމަކުރައްވަމުން ގޮސް އެންމެ ފަހުން އެ މަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ހުށަހެޅުއްވީ، ހ. ދޫވެހީގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ އެވެ.

ވަކީލު ޝަމީމް ވިދާޅުވީ، އެ ލިޔުން ހުށަހަޅުއްވަނީ އެއީ އެ ގެކޮޅަކީ ސައްހަ މުއާމަލާތްތަކެއްގެ ތެރެއިން ހޯއްދެވި ތަނެއްކަން ސާބިތުކުރުމަށް ކަމަށެވެ.

"ދައުވާ ލިބުނު ފަރާތަކަށް ހ. ދޫވެހިއޭ ކިޔުނު ގޯތި ލިބުނު ގޮތާއި މި ގޯތީގެ މިލްކުވެރިކަން ބަދަލުކުރެވުނު ގޮތާއި އެ ގޯތި، ދައުވާ ލިބޭ ފަރާތަށް ލިބުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމާއި އަދި މި މުދަލަކީ އެއްވެސް ކުށެއް ނޫނީ ގާނޫނީ ގޮތުން ހުއްދަ ނޫން ކަމެއް ކޮށްގެން ހޯދާފައިވާ މުދަލެއް ނޫން ކަމާއި މި މުދަލަކީ މި މައްސަލައިގައި ދައުލަތުން ހަވާލާދޭ ފައިސާގެ މުއާމަލާތާ އެއްވެސް ގުޅުމެއް ނެތް މުއާމަލާތެއްކަން ސާބިތު ކުރުމަށް،" ހެކި ހުށަހަޅުއްވި ސަބަބު ހާމަކުރައްވަމުން ވަކީލު ޝަމީމް ވިދާޅުވި އެވެ.

ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި: އެ ގެއަކީ ސައްހަ މުއާމަލާތަކުން ގަތް އިމާރާތެއްކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ވަނީ ހެކި ހުށަހަޅައިފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި: އެ ގެއަކީ ސައްހަ މުއާމަލާތަކުން ގަތް އިމާރާތެއްކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ވަނީ ހެކި ހުށަހަޅައިފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

މި މައްސަލައިގައި އެ ހެކި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވިޔަސް، މައްސަލައިގެ ތެރެއިން ދައުލަތުން ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި އެ ދޫވެހި ނުހިމެނެ އެވެ. މި މައްސަލައިގައި ދައުލަތުން ހޯދަން އެދިފައި ވަނީ ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނާ 1.1 މިލިއަން ޑޮލަރެވެ.

އެ ގެކޮޅާ ގުޅޭ ކަމެއް ދައުވާއަކު ނެތެވެ. އަދި އެކަމާ ގުޅޭ ހެއްކެއް ވެސް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.

ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ދިރިއުޅުއްވީ އަލިކިލޭގެފާނު މަގުގައި ހުރި ގ. ދޫވެހީގަ އެވެ. ނަމަވެސް، ރާޅުގަނޑު ކައިރީގައި ހުންނަ ހ. ނޫފަރު ހޯއްދަވައި، ދެ ބިން ބަދަލުކުރެއްވީ އެވެ.

އެ ގެކޮޅަށް ބަދަލުވެވަޑައިގަތީ ވެރިކަން ބަދަލުވުމަށް ފަހު އެވެ. މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވިޔަސް، ޔާމީން ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން، އަދިވެސް އެމަނިކުފާނު ދިރިއުޅުއްވަނީ ދޫވެހީގަ އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓު މަރުހަލާގަ އެވެ.