Roadha Mihaaru
އެސްޓީއޯގެ ފައިދާ ދެވަނަ ކުއާޓަރުގައި މައްޗަށް

އެސްޓީއޯގެ ފައިދާ ދެވަނަ ކުއާޓަރުގައި 110 މިލިއަން ރުފިޔާ އަށް އަރައިފި

29 ޖުލައި 2021

އެސްޓީއޯގެ ފައިދާގެ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި 110 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ފައިދާގެ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި 110 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި 2.2 ބިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފަ އެވެ. އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެލުން ކަމަށް ވާއިރު، ދެވަނަ ކުއާޓަރުގައި 1.4 ބިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 109 މިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި އެ ކުންފުނީގެ އާމްދަނީއަކީ 2.1 ބިލިއަން ރުފިޔާ އެވެ.

ކޮވިޑްގެ ހާލަތަަށް ފަހު އެސްޓީއޯގެ މާލީ ހާލަތު މި އަހަރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރުގެ ފަހު ތިން ކުއާޓަރަށް ވުރެ މިހާރު އާމްދަނީ ވަރަށް ބޮޑަށް ކުރިއަރަމުން އަންނައިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާ ހުރީ 91 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބުނި 359 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 56 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ ފައިދާ އިތުރުވި ނަމަވެސް އެ ކުންފުނީގެ ގްރޫޕްގެ ދަށުން ހިންގާ ހުރިހާ ކުންފުންޏަކަށް ޖުމުލަ ލިބުނު ފައިދާ މިދިޔަ އަހަރު ދަށެވެ. އެސްޓީއޯގެ ގުރޫޕަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 256 މިލިއަން ރުފިޔާ ދަށްވެފަ އެވެ.