Roadha Mihaaru
އެސްޓީއޯ ސުޕަމާޓް ހައިޕަމާކެޓަކަށް ބަދަލުކުރަނީ

އެސްޓީއޯ ސުޕަމާޓް ހައިޕަމާކެޓަކަށް، ގިނަ ހިދުމަތެއް އެއްތަނަކުން

13 މާޗް 2022

އެސްޓީއޯ ސުޕަމާޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓޭލް ވިޔަފާރި ކުރަމުން އަންނަ އެއް ފިހާރަ އެވެ. އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ މުދާ ވިއްކުމުގެ ބޭނުމުގައި އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީގައި ހިންގާ އެ ފިހާރައިން ގިނަ އަދަދެއްގެ ސާމާނު މިހާރު ވެސް ލިބެން ހުރެ އެވެ. ނަމަވެސް އެސްޓީއޯގެ ވިސްނުމަކީ އެތަން އެއްކޮށް ބަދަލުކޮށް، ކަސްޓަމަރުންނަށް "ވަން ސްޓޮޕް ޝޮޕިން" ގެ އެކްސްޕީރިއަންސެއް ހޯދައިދިނުމެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ ސުޕަމާޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓޭލް ވިޔަފާރި ކުރަމުން އަންނަ އެއް ފިހާރަ އެވެ. އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ މުދާ ވިއްކުމުގެ ބޭނުމުގައި އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީގައި ހިންގާ އެ ފިހާރައިން ގިނަ އަދަދެއްގެ ސާމާނު މިހާރު ވެސް ލިބެން ހުރެ އެވެ. ނަމަވެސް އެސްޓީއޯގެ ވިސްނުމަކީ އެތަން އެއްކޮށް ބަދަލުކޮށް، ކަސްޓަމަރުންނަށް "ވަން ސްޓޮޕް ޝޮޕިން" ގެ އެކްސްޕީރިއަންސެއް ހޯދައިދިނުމެވެ.

އެ ކުންފުނިން އަންނަނީ އަންނަ ރޯދަ މަހަށް މުޅި ސުޕަމާޓް އެއްކޮށް ހައިޕަމާކެޓަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެއީ ގެއަށް ބޭނުންވާ ޒަރޫރީތަކެތީގެ އިތުރުން ރީތިވާ ސާމާނާއި އަންނައުނާއި އިލެކްޓްރޯނިކް ފަދަ ގިނަ ސާމާނު އެއްތަނުން ލިބޭ ގޮތް ހެދުމެވެ.

އަމިއްލައަށް ގިނަ އުފެއްދުންތަކެއް ރާއްޖެއަށް އެތެރެކުރި ނަމަވެސް އެސްޓީއޯގެ ވިސްނުން ހުރީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި އަމިއްލަ ވިޔަފާރިތައް ކުރިއަރުވާ ގޮތަށެވެ. އެހެންވެ، އެ ކުންފުނިން ސުޕަމާޓަށް ބަދަލުތައް ގެންނައިރު އިތުރު ޕްރޮޑަކްޓުތައް ވިއްކުމުގެ ފުރުސަތު ދެނީ އެފަދަ ވިޔަފާރިތަކަށެވެ. މިހާރު ވެސް ދިވެހިންގެ އަމިއްލަ އުފެއްދުންތައް ވިއްކަން އެސްޓީއޯ ސުޕަމާޓުން ޖާގަ ދޫކުރެ އެވެ.

އަލަށް ގެންނަ ބަދަލުތަކާ އެކު އަމިއްލަ ވިޔަފާރިތަކަށް ވަކި ކޯނަރުތަކެއް ދޭނެ އެވެ. އެތަނުގައި އެމީހުންގެ ޕްރޮޑަކްޓުތައް ވިއްކާލެވޭއިރު މިއީ އަމިއްލަ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ. އެ ފިހާރައަކީ ގިނަ ބަޔަކު ވިޔަފާރި ކުރާ ފިހާރައެއް ކަމުން އެތަނުގައި ވިއްކާ ޕްރޮކްޓުތައް އާއްމުންގެ މެދުގައި ވަރަށް ބޮޑަށް އިޝްތިހާރުވާނެ އެވެ.

މީގެ އިތުރުން އަމިއްލައަށް ފިހާރައެއް ހުޅުވުމަށް ދާ ހަރަދަށްވުރެ އެސްޓީއޯ ސުޕަމާޓުގައި ތަނެއް ހުޅުމަށްދާ ހަރަދުވެސް ކުޑަވާނެ އެވެ. އަމިއްލަ ތަނެއް ހުޅުވާނަމަ އެތަނުގެ ކުލީގެ އިތުރުން އިންޓީރިއާގެ މަސައްކަތަށް ބައިވަރު ހަރަދު ކުރަންޖެހޭނެ އެވެ. ނަމަވެސް އެސްޓީއޯއިން ތަންތަން ދޫކުރާނީ މުދާ ބަހައްޓަން ބޭނުންވާ ރެކުތަކާ އެކު އެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި މިހާރު ވެސް ކުދި ހަތް ވިޔަފާރިއަކުން ވަނީ އެ ފިހާރައިގައި ޕްރޮޑަކްޓްތައް ވިއްކަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ސެންޓާއި ކޮސްމެޓިކްސް އާއި ބޭކަރީ ފަދަ ތަންތަން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސުޕަމާޓް، ހައިޕަމާކެޓަކަށް ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި މަހުގެ 16ވަނަ ދުވަހު އެތަން ހުޅުވަން ނިންމާފައިވާއިރު މިއަދު ހަވީރު 6:00 އިން ފެށިގެން ސުޕަމާޓް ބަންދުވާނެ އެވެ. އަލުން އެތަން ހުޅުވާއިރު މިހާރަށްވުރެ ތިން ގުނަ ޖާގަ ބޮޑުވާނެ އެވެ.

އެތަން އަލުން ހުޅުވާނީ "އެސްޓީއޯ ޕީޕަލްސް ޗޮއިސް" ގެ ނަމުންނެވެ.