Roadha Mihaaru
އެސްޓީއޯގެ ސާފު ފައިދާ 700 މިލިއަނުން މަތީގައި!

އެސްޓީއޯގެ އާމްދަނީ 18 ބިލިއަނަށް، ފައިދާ 742 މިލިއަން ރުފިޔާ

26 ޖެނުއަރީ 2023

މިދިޔަ އަހަރު އެސްޓީއޯ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބުނު އިރު ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އެސްޓީއޯ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބުނު އިރު ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެއީ، އެސްޓީއޯގެ ކުރީ އަހަރުގެ އާމްދަނީ އަށް ވުރެ ގާތްގަނޑަކަށް 80 ޕަސެންޓު އިތުރު އަދަދެކެވެ. އެ ކުންފުނީގެ ސާފު ފައިދާ ވެސް ވަނީ 2021 ވަނަ އަހަރަށް ވުރެ 52 ޕަސެންޓު އިތުރުވެފަ އެވެ. އެ ކުންފުންޏަށް 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 10.2 ބިލިއަން ރުފިޔާ އެވެ. އަދި އެ އަހަރުގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯ އިން ވޭތުވެދިޔަ އަހަރުތަކުގައި ބިލިއަނުން އާމްދަނީ ހޯދި ނަމަވެސް، އާންމުކޮށް ފައިދާގެ ގޮތުގައި ލިބެނީ 500 މިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދުތަކެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެހާ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެސްޓީއޯ އިން ބުނީ އާމްދަނީ އާއި ކުންފުނީގެ ސާފު ފައިދާއިން އެހާ ބޮޑު ކުރިއެރުމެއް ލިބުނީ، އެ ކުންފުނީގެ ދަށުން ހިންގާ، ތެލާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ޝިޕިން ދާއިރާ އިން ލިބުނު އާމްދަނީ އިތުރުވެ ވިޔަފާރިތަކުގެ މާކެޓް ޝެއާ ބޮޑުވުމުގެ ސަބަބުން ކަމަށެވެ. މި ވިޔަފާރިތަކުގެ އިތުރުން އެ ކުންފުނިން ޓްރޭޑުންނާއި ގޭހާއި އިންޝުއަރެންސާއި މަސްވެރިކަމުން ވެސް އާމްދަނީ ލިބެ އެވެ.

މިދިޔަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި ވެސް އެސްޓީއޯ އިން ވަނީ އެވްރެޖުކޮށް ހަތަރު ބިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.

ވޭތުވެދިޔަ އަހަރު އެސްޓީއޯގެ ހިއްސާ އެންމެ މަތިން ޓްރޭޑް ކޮށްފައި ވަނީ 1450ރ. ގަ އެވެ. އަދި އެންމެ ދަށުން ޓްރޭޑް ކުރީ 580ރ. ގަ އެވެ.

އެ ކުންފުނި އެއް އަހަރުން އަނެއް އަހަރަށް ފުޅާ ކުރަމުން އަންނަ އިރު މިދިޔަ އަހަރު ވަނީ ތިލަފުށިން ޕޯޓެއް ވެސް ގަނެފަ އެވެ. އަދި ހުޅުމާލޭގައި ކޭޝިއަލެސް ސްޓޯރެއް ހެދުމާއި އެ ކުންފުނީ ހެޑް އޮފީސް އިތުރަށް ބޮޑުކުރުން ވެސް ހިމެނެ އެވެ.

އެސްޓީއޯގައި 2،000 މުވައްޒަފުން މަސައްކަތް ކުުރާއިރު، އެއީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދާ އެއް ކުންފުންޏެވެ.