Roadha Mihaaru
އެސްޓީއޯގެ އާމްދަނީ އިތުރު، އެކަމަކު ފައިދާ ދަށަށް

އެސްޓީއޯގެ އާމްދަނީ އިތުރު، އެކަމަކު ފައިދާ ދަށަށް

30 އޮކްޓޯބަރ 2023

އެސްޓީއޯ އަށް ތިން ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 10 ޕަސެންޓު ދަށްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އަށް ތިން ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 10 ޕަސެންޓު ދަށްވެއްޖެ އެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގެ ތަފްސީލުން ފެންނަ ގޮތުން ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ، 271 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ އެވެ. މިދިޔަ ކުއާޓަރުގެ ފައިދާ ދަށްވި ނަމަވެސް، އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ ހަތަރު ލައްކަ ރުފިޔާ އިތުރުވެފަ އެވެ. އެ ކުންފުންޏަށް ތިން ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބުނެވެ. އެހެން ނަމަވެސް، ކުންފުނީގެ ޖުމްލަ ފައިދާ ދަށްވީ، ކުންފުނީގެ ހަރަދުތައް އިތުރުވުމުންނެވެ. އެޑްމިނިސްޓްރޭޓިވް ހަރަދާއި ކޮސްޓް އޮފް ސޭލާއި ފައިނޭންސް ކޮސްޓް ވެސް ވަނީ އިތުރުވެފަ އެވެ.

އެސްޓީއޯ އަށް އެންމެ ބޮޑު ފައިދާއެއް އަދި އާމްދަނީއެއް ލިބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ. އެ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 368 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އަދި އާމްދަނީ އަށް 4.4 ބިލިއަން ރުފިޔާ ލިބުނެވެ.

ތިން ވަނަ ކުއާޓަރުގެ ފައިދާ ދަށްވި ނަމަވެސް، މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރަށް ވުރެ 35 ޕަަސެންޓު އިތުރު އަދަދެކެެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 168 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރުގެ އާމްދަނީ އަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ.