Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ފްލޯޓިން ގެސްޓް ހައުސް ފުޅަދޫގައި

ރާއްޖޭގެ ފުރަތަމަ ފްލޯޓިން ގެސްޓް ހައުސް ފުޅަދޫގައި

24 ޖުލައި 2021

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ގެސްޓް ހައުސްއެއް ތަރައްގީ ކުރުމުގެ މަސައްކަތް އަމިއްލަ ފަރަތާކުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ގެސްޓް ހައުސްއެއް ތަރައްގީ ކުރުމުގެ މަސައްކަތް އަމިއްލަ ފަރަތާކުން ފަށައިފި އެވެ.

ބ. ފުޅަދޫ ކައިރިން ހަނިފަޅު ސަރަހައްދުގައި ރީޕްސްކޭޕާސް ކުންފުނިން 800 އަކަފޫޓުގެ ތަނެއްގައި ތަރައްގީކުރާ މި ގެސްޓް ހައުސްގައި، ބަދިގެ އާއި ލިވިން ރޫމުގެ އިތުރުން ޑެކަކާއި ގެސްޓުންނަށް ހިދުމަތް ދޭނެ އަށް ކޮޓަރި ހުންނާނެ އެވެ.

ރީފްސްކޭޕާސްގެ މެނޭޖިން ޑިރެކްޓަރު ތޯމަސް "މިހާރު" އަށް ވިދާޅުވީ 2010 އިން ފެށިގެން އޭނާ ދެކެވަޑައިގަންނަވަމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ފުޅަދޫ ސަރަަހައްދު ހިޔާރު ކުރެއްވީ އެ ރަށަށް ކުރެއްވި ޒިޔާރަތެއްގައި ޖެހުނު ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

ފްލޯޓިން ގެސްޓް ހައުސް: މިއީ މިލިއަނަކަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެއް-- ފޮޓޯ: މުޖޫ/ޓްވިޓާ

ފްލޯޓިން ގެސްޓް ހައުސް: މިއީ މިލިއަނަކަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެއް-- ފޮޓޯ: މުޖޫ/ޓްވިޓާ

އޭނާ ވިދާޅުވީ ފްލޯޓިން ގެސްޓް ހައުސް އަށް އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދު ކުރައްވާއިރު، ރީފްސްކޭޕާސް އަކީ އެކި ރިސޯޓުތަކުގައި މުރަކަ އާލާކުރުން ފަދަ ތިމާވެށީގެ ހަރަކާތްތައް ހިންގާ ކުންފުންޏެއް ކަަމަށެވެ. އެހެންކަމުން މި ކޮންސެޕްޓަށް ގެސްޓް ހައުސްއެއް ތަރައްގީ ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ތިމާވެއްޓަށް ގެއްލުން ނުދީ މިފަދަ ޕްރޮޖެކްޓްތައް ހިންގޭނެ ކަން ހާމަކޮށްދިނުން ކަމަށް ތޯމަސް ވިދާޅުވި އެވެ.

"ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ބިން ކުޑަ ތަނެއް. އެހެންވެ މިފަދަ ތަންތަން ހަދަން ބިން ހިއްކަނީ. އެގޮތަށް ހެދުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ވަރަށް ބޮޑު. އެ ކަންކަމާ ހުރެ އަޅުގަނޑު ނިންމީ މި ކަހަލަ ގެސްޓް ހައުސްއެއް ހަދަން،" ފްރާންސަށް އުފަން އަދި ދިވެއްސަކާ ކައިވެނި ކުރައްވައިގެން އުޅުއްވާ ތޯމަސް ވިދާޅުވި އެވެ.

"ދެހާސް ހަތް ވަނަ އަހަރު އަޅުގަނޑު ކުރި ދަތުރުގައި ފުޅަދު އަށް ހިތް ޖެހުނީ. އަނެއްކާ މި ގެސްޓް ހައުސް ބާއްވާފައި އޮންނަ ސަރަހައްދަކީ ރާޅު ނުޖަހާ ސަރަހައްދެއް. މިފަދަ ޕްރޮޖެކްޓެއް ހިންގަން އެންމެ ރަނގަޅު ކަހަލަ ސަރަހައްދަކަށް ވާތީ އެ ތަން ނެގީ."

ތޯމަސް ވިދާޅުވިގޮތުގައި އޭނާ މި ޕްރޮޖެކްޓުގެ މަސައްކަތް ފެއްޓެވީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެގޮތުން، ފުޅަދޫގައި އެފަދަ ގެސްޓް ހައުސްއެއް ހަދައިދޭނެ ވަޑިން ނެތުމުން ތަނުގެ ގިނަ މަސައްކަތް ކުރީ ރ. މާކުރަތުގައި ކަމަށް ވިދާޅުވި އެވެ.

ދިވެހިންނާއި ބިދޭސީންނަށް ވެސް ޗުއްޓީ ހޭދަކޮށްލަން ދެވޭނެ އެ ގެސްޓް ހައުސް ފުޅަދޫގެ ފަޅުތެރެއަށް ގެންދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ފްލޯޓިން ގެސްޓް ހައުސްގެ ވީޑިއޯއެއް--

ތޯމަސް ވިދާޅުވީ ގެސްޓް ހައުސް ފުޅަދު އަށް ގެންދިޔަތަނާހެން ކޮވިޑް-19ގެ ސަބަބުން ރާއްޖެ ބަންދު ކުރުމުން އޭގެ މަސައްކަތް ލަސްވީ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާ ކަމަށާއި 2-3 މަސް ތެރޭގައި ގެސްޓް ހައުސް އެއްކޮށް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

"މާކުރަތުން ފުޅަދޫ ފަޅަށް އަޅުގަނޑުމެން ގެސްޓް ހައުސް ގެންގޮސްފިން ކޮވިޑްގެ ކުރިން. އެކަމަކު ކޮވިޑާ ހެދި މަސައްކަތް ލަސްވީ. އެހެން ނޫން ނަމަ މިހާރު މަސައްކަތް ނިމިފައި ހުންނާނީ،" ތޯމަސް ވިދާޅުވި އެވެ.

ގެސްޓް ހައުސްއެއް ގޮތަށް ތަރައްގީ ކުރި ނަމަވެސް މިތަން ފެތޭނީ ޓޫރިޒަމްގެ ކޮން ޕްރޮޑަކްޓެއްގެ ތެރޭގައި ކަން ނިންމާނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

ތޯމަސް ވިދާޅުވިގޮތުގައި ފްލޯޓިން ގެސްޓް ހައުސް ހިންގުމުގެ ހުއްދައަށް މިހާރު އެދިފައިވީ ނަމަވެސް އަދި ވަކި ޖަވާބެއް މިނިސްޓްރީން ނުލިބެ އެވެ.