Roadha Mihaaru
ޗެމްޕިއަންކަން ނުލިބުނަސް އިންގްލެންޑަށް ރެކޯޑެއް

ޔޫރޯގެ ޗެމްޕިއަންކަން ނުލިބުނަސް އިންގްލެންޑަށް ދުނިޔޭގެ ރެކޯޑެއް

13 ޖުލައި 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން އިނގިރޭސީން ކުރި އުންމީދު ފެނަށް ވިޔަސް، މި މުބާރާތުގެ ފައިނަލް މެޗުން އެ ޓީމަށް ދުނިޔޭގެ ރެކޯޑެއް ލިބޭނެކަން ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން އިނގިރޭސީން ކުރި އުންމީދު ފެނަށް ވިޔަސް، މި މުބާރާތުގެ ފައިނަލް މެޗުން އެ ޓީމަށް ދުނިޔޭގެ ރެކޯޑެއް ލިބޭނެކަން ކަށަވަރުވެއްޖެ އެވެ.

އެ ރެކޯޑަކީ ޔޫރޯ މުބާރާތެއްގެ ފައިނަލް މެޗެއްގައި އެންމެ އަވަހަށް ލަނޑެއް ޖެހުމުގެ ރެކޯޑެވެ. އަމިއްލަ ގައުމުގައި، ލަންޑަންގެ ވެމްބްލީ ސްޓޭޑިމްގައި އިޓަލީއާ ދެކޮޅަށް ކުޅުނު ފޯރި ގަދަ އަދި ވާދަވެރި މެޗްގައި އިނގިރޭސި ޓީމުން ލަނޑު ޖެހީ މެޗް ފަށައިގެން އެއް މިނިޓް 57 ސިކުންތު ތެރޭގަ އެވެ.

އެހާ އަވަހަށް ބައިކޮޅަށް ލަނޑެއް ވަނުމުން، އިޓަލީ އަށް ޝޮކަކަށްވި އެވެ. އެއާ އެކު މެޗުގެ ތެރެއަށް އެނބުރި އަންނަން އިޓަލީއަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އަވަހަށް މެޗްގެ ތެރެއަށް ވަންނަން އުޅެ އިޓަލީ އަށް ގިނަ މިސްޓޭކުތަކެއް ހެދުނެވެ. ނަމަވެސް ފަހު ބޯޅަ ކޮންޓްރޯލްކޮށް ހަމަޖެހިލައިގެން ކުޅެން މަސައްކަތް ކުރުމުން އިޓަލީ އަށް ފުރުސަތުތައް ތަނަވަސްވި އެވެ.

އިނގިރޭސި ޓީމްގެ ހިތްވަރުން ޖެހި ފުރަތަމަ ލަނޑުގެ ވާހަކަ ގިނިސް ވޯލްޑް ރެކޯޑުން ފާހަގަކޮށް ބުނީ އިނގިރޭސީ ޓީމަށް އެ ރެކޯޑް ރަސްމީކޮށް ކަށަވަރުކޮށް ދިނުމާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މެޗްގެ އެންމެ ކުރީކޮޅު ލަނޑެއް ޖަހާނެ ފުރުސަތު އިނގިރޭސި ޓީމަށް ލިބުނު ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ނިންމައިލަން ޖެހުނީ އިޓަލީގެ ލަނޑާ އެކު 1-1 އިން އެއްވަރުވެގެންނެވެ. އަދި ފައިނަލްގެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.

އިޓަލީ މުބާރާތް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ.