Roadha Mihaaru
ޔޫރޯ 2020 އިން ތިން ރެކޯޑެއް

ޔޫރޯ 2020 އިން ތިން ރެކޯޑެއް

14 ޖުލައި 2021

އާދީއްތަ ދުވަހު އިޓަލީ ޗެމްޕިއަންކަން ހޯދައިގެން ނިންމައިލި ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ތިން ރެކޯޑެއް ހަދާފައިވާކަން ގިނިސް ވޯލްޑް ރެކޯޑުން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާދީއްތަ ދުވަހު އިޓަލީ ޗެމްޕިއަންކަން ހޯދައިގެން ނިންމައިލި ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ތިން ރެކޯޑެއް ހަދާފައިވާކަން ގިނިސް ވޯލްޑް ރެކޯޑުން ކަށަވަރުކޮށް ދީފި އެވެ.

އިނގިރޭސިވިލާތު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރި ވާދަވެރި ފައިނަލް މެޗްގެ އެއް ރެކޯޑަކީ މެޗުން ބަލިވި އިނގިރޭސި ޓީމުން ޔޫރޯ މުބާރާތެއްގެ ފައިނަލް މެޗްގައި އެންމެ އަވަހަށް ލަނޑު ޖެހުމުގެ ރެކޯޑެވެ. މެޗް ފަށައިގެން އެއް މިނިޓާއި 57 ސިކުންތު ތެރޭ ލަނޑު ޖެހި އެވެ.

ފައިނަލް މެޗްގައި ރެކޯޑް ވަގުތުކޮޅެއްގެ ތެރޭގައި ލަނޑެއް ޖަހައިގެން އިނގިރޭސި ޓީމަށް ރެކޯޑެއް ހެދުނަސް، އެ ގައުމު ބަލިވީ އިތުރު ވަގުތުގައި ކުޅެން ޖެހި ޕެނަލްޓީން 3-2 އިންނެވެ.

ޔޫރޯގެ ދެވަނަ ރެކޯޑަކީ ޔޫރޯގެ މުބާރާތެއްގެ ފައިނަލް މެޗެއްގައި ލަނޑެއް ޖެހުމުގެ ޝަރަފު ދުވަސްވީ ކުޅުންތެރިޔަކަށް ލިބުމެވެ. އެ ރެކޯޑް ލިބުނީ އިޓަލީގެ ކުޅުންތެރިޔާ ލިއޮނާޑޯ ބޮނުޗީ އެވެ. މެޗްގެ 67 ވަނަ މިނިޓްގައި އިނގިރޭސިވިލާތާ 1-1 އިން އެއްވަރުކުރި ލަނޑު ޖެހި ކުޅުންތެރިޔާގެ އުމުރަކީ މެޗް ކުޅުނު ދުވަހަށް 34 އަހަރާއި 71 ދުވަހެވެ.

ކުރިން ޔޫރޯގެ ފައިނަލެއްގައި ލަނޑެއް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އޮތީ 1976 ގެ ޔޫރޯގައި ޒެކެލޯސްވާކިއާއާގެ ގޯލަށް ހަމަލާދިން ބާންޑް ހޯޒެންބީން އެވެ. އެ މެޗްގެ އެ މެޗްގެ ފުރަތަމަ ހާފު 2-2 އިން އެއްވަރުވެގެން ނިންމައިލި ލަނޑު ބާންޑް ޖެހި އިރު މިހާރު އުމުރުން 75 އަހަރުގެ ކުޅުންތެރިޔާގެ އުމުރަކީ 30 އަހަރާއި 103 ދުވަހެވެ.

އެ މުބާރާތް ޒެކެލޯސްވާކިއާ އިން ކާމިޔާބުރީ ޕެނަލްޓީން ޖަރުމަންގެ މައްޗަށް 5-3 އިން ކުރި ހޯދައިގެންނެވެ.

މި ފަހަރުގެ ޔޫރޯގެ ތިން ވަނަ ރެކޯޑަކީ މުބާރާތެއްގެ ފައިނަލް މެޗަކަށް އެންމެ ގިނަ ވަގުތު ނެގުމުގެ ރެކޯޑެވެ. ފުޓްބޯޅަ މެޗެއްގެ ފުރިހަމަ ވަގުތަކީ 90 މިނެޓް ކަމަށް ވިޔަސް މި ފަހަރުގެ ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެ އަދި އޭގެ ފަހުން ޕެނަލްޓީންނެވެ. އެގޮތުން 3-2 އިން އިޓަލީ ކުރި ހޯދި މެޗް ނިންމައިލަން ޖުމްލަ 120 މިނިޓް (ދެ ގަޑިއިރު) ނެގި އެވެ.