Roadha Mihaaru
ޗެލްސީގެ އެމްބެސެޑަރުކަން އަރުޖުން އަށް

ޗެލްސީގެ އެމްބެސެޑަރުކަން އަރުޖުން އަށް

20 އޮކްޓޯބަރ 2019

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޗެލްސީ އިންޑިއާގައި ޕްރޮމޯޓްކޮށް، އެ ގައުމުގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ބަތަލު އަރުޖުން ކަޕޫރް ހޮނިހިރު ދުވަހު ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޗެލްސީ އިންޑިއާގައި ޕްރޮމޯޓްކޮށް، އެ ގައުމުގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ބަތަލު އަރުޖުން ކަޕޫރް ހޮނިހިރު ދުވަހު ހަމަޖައްސައިފި އެވެ.

އަބަަދުވެސް ފުޓްބޯޅަ އަށް ލޯބިކުރާ އެކްޓަރު ވަނީ ޗެލްސީގެ އެމްބެސެޑެރުކަން ލިބުނު ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

ޗެލްސީގެ ކޯޗް އަދި ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް، އަރުޖުންގެ ނަން ޖަހާފައިވާ 26 ނަމްބަރު ޖާޒީ ހަވާލުކުރާ މަންޒަރު ފެންނަ ފޮޓޯއަކާ އެކު އަރުޖުން ބުނީ ހުވަފެންތައް ހަގީގަތަކަށްވާ ކަމަށާއި އެކަން އަބަދުވެސް ގަބޫލުކުރަންވާނެ ކަމަށެވެ.

އަދި އޭނާ އަށް މި ލިބުނު ޝަރަފާއި އުފާ ބަޔާންކުރަން ދަތި ކަމަށް ވެސް ބުންޏެވެ. ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅު ބުނީ ޗެލްސީ އަކީ އިންޑިއާގެ ވަރަށް ބޮޑު މާކެޓެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޓީމުގެ އެހީއާ އެކު އިންޑިއާގެ ފުޓްބޯޅަ އަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ހިއްސާވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

"ޗެލްސީ މެދުވެރިކޮށް ފުޓްބޯޅަ ޕްރޮމޯޓްކުރަން އިންޑިއާގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ،" އަރުޖުން ބުންޏެވެ.

ލަމްޕާޑް ބުނިގޮތުގައި ޗެލްސީ އާއިލާއާ އަރުޖުން ގުޅުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި އޭނާއަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށް ބުނެ އަރުޖުން ތައުރީފު ވެސް ކޮށްފައިވެ އެވެ.

"މި ގުޅުމުގެ ތެރެއިން އަރުޖުން ހޯސްޓްކޮށްދޭނެ ޗެލްސީގެ ޑިޖިޓަލް ޝޯއެއް ވެސް،" ލަމްޕާޑް ބުންޏެވެ. "މިއީ އިންޑިއާގެ ސަޕޯޓަރުންނާ ގާތަށް އަހަރެމެން ދާން ކުރާ މަސައްކަތުގެ ބައެއް."

ޗެލްސީގެ ސީއީއޯ ގާއި ލޯރެންސް ވިދާޅުވިގޮތުގައި އަރުޖުން ހޯސްޓްކުރާ ޝޯ "އައުޓް އޮފް ދަ ބުލޫ ވިތު އަރުޖުން ކަޕޫރް" އަކީ ޗެލްސީ އާއި އިންޑިއާގެ ފޭނުން ގުޅުވައިދޭނެ އަދި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ބަޔަކަށް ވާނެ އެވެ.