Roadha Mihaaru
ހަ މަސްތެރޭ 18 ކިލޯ ލުއިކުރިން: ފަރުދީން ޚާން

ހަ މަސްތެރޭ 18 ކިލޯ ލުއިކުރިން: ފަރުދީން ޚާން

09 ޑިސެމްބަރ 2020

ފާއިތުވި ހަ މަސްތެރޭގައި ބަރުދަނުން 18 ކިލޯ ލުއިކުރި ކަމަށާއި މިހާރު އިހުސާސްކުރެވެނީ 30 ގެ އަހަރުތައް ގުނަމުންދާ މީހެއްގެ ގޮތުގައި ކަމަށް، އެކްޓިންއާ ދުރަށް ދިޔަ ފަހުން ވަރަށް ބޮޑަށް ފަލަވެ ސިފަ ގެއްލި އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެކްޓަރު ފަރުދީން ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި ހަ މަސްތެރޭގައި ބަރުދަނުން 18 ކިލޯ ލުއިކުރި ކަމަށާއި މިހާރު އިހުސާސްކުރެވެނީ 30 ގެ އަހަރުތައް ގުނަމުންދާ މީހެއްގެ ގޮތުގައި ކަމަށް، އެކްޓިންއާ ދުރަށް ދިޔަ ފަހުން ވަރަށް ބޮޑަށް ފަލަވެ ސިފަ ގެއްލި އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެކްޓަރު ފަރުދީން ޚާން ބުނެފި އެވެ.

އޭނާގެ ވާހަކަ މި ހަފުތާ ފެށުނު އިރު މީޑިއާތަކުގައި ދެކެވެން ފެށީ ކުރިއާ ހިލާފަށް ވަރަށް ބޮޑަށް ހިއްކާލާފައި ހުއްޓައި ފެނިގެންނެވެ. ފަރުދީން މިހާރު އަންނަނީ އަލުން އެކްޓިން އަށް ނުކުންނަން ވެސް ތައްޔާރުވަމުންނެވެ.

އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި 46 އަހަރުގެ އެކްޓަރު ބުނީ މާ ބޮޑަށް ފަލަވީ ހަށިގަނޑަށް އަޅާނުލެވުމުން ކަމަށެވެ. އެކަމަކު މިހާރު ބައްޓަން ހުރި ގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި މާ ބޮޑަށް ޒުވާން ކަމަށް ވެސް އިހުސާސްކުރެވޭ ކަމަށް ބުންޏެވެ.

ފަރުދީން އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "ދުލްހާ މިލް ގަޔާ" އެވެ. އަދި 2011 އިން ފެށިގެން އޭނާ ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގަ ލަންޑަނުގަ އެވެ. ނަމަވެސް މިހާރު މަސައްކަތްތަކާ ގުޅުން ހުރި ކަންކަމާ ދިމާކޮށް މުމްބާއީގައި ހުންނަތާ މަހެއްހާ ދުވަސްވެއްޖެ ކަމަށް ބުންޏެވެ. މި ހަފުތާގެ ކުރީކޮޅު ފަރުދީން ފެނުނީ ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާއާ ބައްދަލުކުރަން ގޮސް އުޅުމުގެ ތެރޭގަ އެވެ.

"އިންޑަސްޓްރީ އަށް އަލުން އަންނަން މިހާރު ނިންމައިފިން. އެކަމަކު އަދިވެސް އާއިލާ ލަންޑަނުގައި އުޅޭތީ އަހަންނަށް ޖެހޭ އެތަނާއި މުމްބާއީއާ ދޭތެރޭ ޝަޓްލްކުރަން ޖެހޭނެ،" ފަރުދީން ބުންޏެވެ. "އަންނަ ހުކުރު ދުވަހަކީ އަންހެން ދަރިފުޅުގެ ހަތް ވަނަ އުފަން ދުވަސް. އެހެންވީމާ އަނެއްކާ ވެސް އެނބުރި ލަންޑަނަށް ދާން މި އުޅެނީ. ދެން އެނބުރި އަންނާނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި."

ކުރީގެ ބަތަލާ މުމްތާޒްގެ ދަރިފުޅު ނަތާޝާ މަދުވާނީ އާއި ފަރުދީން 2005 ގައި ކުރި ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. ފިރިހެން ދަރިފުޅުގެ އުމުރަކީ 3 އަހަރެވެ.

"ދެހާސް އެގާރައިގައި ލަންޑަނަށް ދިރިއުޅުން ބަދަލުކުރަން ޖެހުނީ އާއިލާއަށްޓަކައި އަހަރެން ބޭނުންވީ އޭރު އަންހެނުންނާއި ދަރިންނަށް ހުރިހާ ވަގުތެއް ދޭން،" ކުރީގެ އެކްޓަރު ފީރޯޒް ޚާންގެ ދަރިފުޅު ބުންޏެވެ.

އެކްޓިން އަށް އަލުން އެނބުރި އައުމާ ބެހޭ ގޮތުން ފަރުދީން ބުނީ އެއްވެސް އިރަކު އިންޑަސްޓްރީއާ އެއްކޮށް ދުރު ނުވާ ކަމަށެވެ. އެކަމަކު ހާލަތު ނިޔާކުރި ގޮތުން އެގޮތަށް ދިމާވީ ކަމަށް ބުންޏެވެ. އަދި މިހާރު ފިލްމު އިންޑަސްޓްރީ އަށް ބޮޑެތި ކުރިއެރުންތަކެއް ވެސް އައިސްފައިވާ ކަމަށާއި ހަދާ އުފެއްދުންތަކުގެ ކޮންޓެންޓް ވެސް ވަރަށް ބޮޑުތަނުން ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.

"އެހެންވެ މިއީ އެނބުރި އަންނަން ރަނގަޅު ދަނޑިވަޅެއް ކަންނޭނގޭ. އަހަރެން ބޭނުން އަލުން ރަނގަޅު މަސައްކަތްތަކެއް ކުރަން. ހަމަ ޔަގީނުން ވެސް ކުރިއަށް ވުރެ ބޮޑު އެފަޓެއް ދެން ލާނަން." ފަރުދީން ބުންޏެވެ.

ނަމަވެސް އެނބުރި އަންނަ ޕްރޮޖެކްޓާ ބެހޭ އެއްވެސް ތަފުސީލެއް އޭނާ ނުދެ އެވެ. އެކަމަކު ފަރުދީން ހުރީ ފީޗާ ފިލްމުތަކުގެ އިތުރުން ވެބް ސީރީޒްތައް ވެސް ކުޅެން ނިންމައިގެންނެވެ.

އޭނާ ބޮލީވުޑަށް ނުކުތީ 1998 ގެ "ޕްރޭމް އަގަން" އިންނެވެ. އެކަމަކު އާންމުންގެ ތެރޭގައި މަޝްހޫރުވީ 2000 ވަނަ އަހަރުގެ "ޖަންގަލް" އިންނެވެ.