Roadha Mihaaru
ކްރިތީ މިމީ ކުޅެން އިތުރުކުރި 15 ކިލޯ ދުއްވާލައިފި

ކްރިތީ "މިމީ" ކުޅެން އިތުރުކުރި 15 ކިލޯ ދުއްވާލައިފި

10 އޯގަސްޓް 2021

މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "މިމީ" އަކީ އެ ފިލްމު ކުޅެން ބަތަލާ ކްރިތީ ސެނަން ވަރަށް ބޮޑަށް ފަލަވި ފިލްމެކެވެ. ރަހިމު ވިއްކައިގެން ދަރިން ހޯދައިދޭ ސަރޮގޭޓް މަންމައެއްގެ ރޯލު ކުޅެން އޭނާ 15 ކިލޯ ބަރުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "މިމީ" އަކީ އެ ފިލްމު ކުޅެން ބަތަލާ ކްރިތީ ސެނަން ވަރަށް ބޮޑަށް ފަލަވި ފިލްމެކެވެ. ރަހިމު ވިއްކައިގެން ދަރިން ހޯދައިދޭ ސަރޮގޭޓް މަންމައެއްގެ ރޯލު ކުޅެން އޭނާ 15 ކިލޯ ބަރުވި އެވެ.

އެކަން ކްރިތީ އަށް ވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. އޭނާ އަކީ އަބަދު ވެސް ވަރަށް ލޫޅާފަތިކޮށް ހުންނަ އިސްކޮޅުން ދިގު ބަތަލާއެކެވެ. އެހެންވެ "މިމީ" ކުޅެން ފަލަވާން ޖެހުމާއި ބަރުދަން ދުއްވައިލަން ފަހުން ކުރަން ޖެހުނު މަސައްކަތަކީ ކްރިތި އަށް ފަސޭހަކަމެއް ނޫނެވެ. އެކަމަކު މިދިޔަ މަހުގެ 24 ގައި ފިލްމު ސްޓްރީމްކުރަން ނިންމައި، ޕްރޮމޯޝަނަލް މަސައްކަތްތަކާ ހަމައަށް ދިޔަ އިރު، ކްރިތީ އޮތީ ބަރުދަން ދުއްވައިލަން ކުރި މަސައްކަތް ކާމިޔާބުކޮށް، އަލުން ކުރީގެ ބައްޓަން ވެސް އިޔާދަކޮށްފަ އެވެ.

ކްރިތީ މިހާރު ވަނީ 15 ކިލޯ ހިއްކައިލަން އޭނާގެ ގެންގުޅުނު ރޫޓިން ވީޑިއޯއަކުން އިންސްޓަގްރާމްގައި ދައްކާލައިފަ އެވެ.

"މިމީ" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން ފޯރިގަދަ ނެށުންތަކެއް ހިމެނޭ "ޕަރަމް ސުންދަރީ" އަކީ ކެރެކްޓާ އަށް އިތުރުކުރި ބަރުދަން ދުއްވައިލުމަށް ފަހު، ޝޫޓްކުރި ލަވައެކެވެ. ކްރިތީ ބުނި ގޮތުގައި ފިލްމުގެ މަންޒަރުތަކުގެ ތެރެއިން އެންމެ ފަހުން ޝޫޓްކުރާ އެއްޗަކަށް އެ ލަވަ ހެދީ ބަރުދަން ލުއިކުރަން ކުރަން ޖެހޭ މަސައްކަތަށް ހިތްވަރު ހޯދުމުގެ ގޮތުން ކަމަށެވެ.

"މިމީ" އާ ބެހޭ ގޮތުން މަޝްހޫރު ބައެއް ކްރިޓިކުން ބުނީ އެ ފިލްމަކީ މިހާތަނަށް ކްރިތީގެ އެންމެ މޮޅު އެކްޓިންއެއް ފެނުނު ފިލްމު ކަމަށެވެ.

ޓައިގާ ޝްރޮފާ އެކު 2014 ގައި "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް 31 އަހަރުގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އާއި ވަރުން ދަވަންގެ "ބޭޅިޔާ" އާއި ރާޖްކުމާރު ރާއޯގެ "ހަމް ދޯ ހަމާރޭ ދޯ" އާއި ޕްރަބާސްގެ "އާދިޕުރުޝް" އަދި ޓައިގާގެ "ގަނަޕަތު" ހިމެނެ އެވެ.