Roadha Mihaaru
ދޮށީ އުމުރާ އެކު ދިލިޕް ކުމާރު ބަލި އެނދުގައި

ދޮށީ އުމުރާ އެކު ދިލިޕް ކުމާރު ބަލި އެނދުގައި

04 މެއި 2021

ހިންދީ ސިނަމާގެ ރަންޒަމާނުގެ ކާމިޔާބު އެކްޓަރު ދިލިޕް ކުމާރަށް މިހާރު 98 އަހަރެވެ. ދޮށީ އުމުރާ އެކު އޭނާ މިހާރު އުޅެނީ ވަރަށް ބަލިވެ އެވެ. މިދިޔަ ހަފުތާގައި ވެސް މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ ރަންޒަމާނުގެ ކާމިޔާބު އެކްޓަރު ދިލިޕް ކުމާރަށް މިހާރު 98 އަހަރެވެ. ދޮށީ އުމުރާ އެކު އޭނާ މިހާރު އުޅެނީ ވަރަށް ބަލިވެ އެވެ. މިދިޔަ ހަފުތާގައި ވެސް މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ.

އަންހެނުން ކުރީގެ ބަތަލާ ސާއީރާ ބާނޫ ބުނި ގޮތުގައި ދިލިޕްގެ ހާލަތު މިހާރު ރަނގަޅެވެ. އެކަމަކު ދޭތެރެ ދޭތެރެ އިން ރޫޓިން ޗެކަޕްތަކެއް ހަދަން ޖެހެ އެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

ދިލިޕް އެޑްމިޓްކުރި ޚަބަރާ އެކު ވަރަށް ގިނަ ބަޔަކު އަވަސް ޝިފާއަކަށް އެދި، ހެޔޮދުއާކޮށް ޓްވީޓް ކޮށްފައިވެ އެވެ.

ދިލިޕް ދެކެ ނުހަނު ލޯބިވާ ސާއިރާ، 76، އަކީ ވެސް އަބަދު ދިލިޕާ އެންމެ ގާތުގައި ހުންނަ މީހާ އެވެ. މި ދެ މީހުންގެ ލޯތްބަކީ ލާމަސިލު ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ބަލަ އެވެ.

އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ދިލިޕާއި ސާއިރާ އަބަދު ވެސް ވަނީ އެކީގަ އެވެ. ދިލިޕް އެހެން ކައިވެންޏެއް ވެސް ކުރި އެވެ. އެއީ 1981 ގަ އެވެ. އެކަމަކު އަސްމާ ރަހްމާނާ ކުރި ކައިވެނި 1983 ގައި ރޫޅުނީ އެވެ. ދިލިޕާއި ސާއިރާ އަށް ދަރިޔަކު ލިބިފައެއް ނުވެ އެވެ. ދިލިޕްގެ ލޯބީގެ ހަޔާތުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ކުރީގެ ބަތަލާ މަދޫބާލާ އެކު ބޭއްވި ގުޅުމުގެ ވާހަކަ އެވެ. ފަހުން މަދޫބާލާ އަކީ ވަރަށް ހިތްދަތި ގޮތަކަށް، ވަރަށް ޒުވާން އުމުރުގައި ވަކިވެގެން ދިޔަ ބަތަލާއެކެވެ.

ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "މުގްލޭ އާޒަމް" ގެ ބަތަލު ދިލިޕްގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި "ނަޔާ ދޯރު"، "އަންދާޒް"، "އާގް"، "އާން"، "ދޭވްދާސް"، "އާޒާދު"، "ގަންގާ ޖަމްނާ" އަދި "ރާމް އޯރް ޝާމް" ހިމެނެ އެވެ.

އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ދިލިޕް ސަޕޯޓިން ރޯލުތަކެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކްރަންތީ"، "ޝަކްތީ"، "މަޝާލް"، "ކަރްމާ" އަދި "ސޯދާގަރް" ފަދަ ފިލްމުތައް ހިމެނެ އެވެ.