Roadha Mihaaru
ފިލްމު ނުކުޅެން ދިލިޕް ނަސޭހަތްދިން: ނަސީރުއްދީން

ފިލްމު ނުކުޅެން ދިލިޕް ނަސޭހަތްދިން: ނަސީރުއްދީން

13 ޖުލައި 2021

މިދިޔަ ހަފުތާގައި މަރުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު، ކެރިއަރެއްގެ ގޮތުގައި ފިލްމު ކުޅުން އިހުތިޔާރު ނުކުރުމަށް ނަސޭހަތް ދިން ކަމަށް އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަސީރުއްދީން ޝާހް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި މަރުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު، ކެރިއަރެއްގެ ގޮތުގައި ފިލްމު ކުޅުން އިހުތިޔާރު ނުކުރުމަށް ނަސޭހަތް ދިން ކަމަށް އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަސީރުއްދީން ޝާހް ބުނެފި އެވެ.

ދި ކްއިންޓަށް ދިން އިންޓަވިއުއެއްގައި 70 އަހަރުގެ އެކްޓަރު ބުނި ގޮތުގައި ދިލިޕް ނަސޭހަތް ދިނީ އެކްޓަރަކަށްވުމުގެ ހިޔާލު ދޫކޮށްލައި، ރަނގަޅަށް ކިޔަވައިގެން ބޮޑު މަގާމެއް އަދާކުރާ މީހަކަށްވުމަށެވެ. ނަސީރުއްދީން ބުނީ ގޮތުގައި އޭނާގެ އާއިލާއާ ދިލިޕްގެ އާއިލާއާ މެދު ވަރަށް ކުރިއްސުރެ ގާތް ގުޅުމެއް އޮވެ އެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކަށް ޒިޔާރަތްކޮށް ގޭގައި ވެސް ގިނަ ވަގުތު ހޭދަކޮށްފައިވާ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ގާތްކަން އުފެދުނީ ބައްޕަގެ ދޮށީ ދައްތަ ސަކީނާ އާޕާގެ ފަރާތުން ކަމަށެވެ.

"އެގޮތަށް އުފެދުނު ގުޅުމަކުން ބަދަހިވެ ދިލިޕާއި އަހަރެންގެ އާއިލާއާ ދެމެދު ވަރަށް ބޮޑި ގާތްކަމެއް އުފެދުނު. އެ ދުވަސްވަރު އަހަންނަށް ދިލިޕާ އެކު އޭނާގެ ގޭގައި ހަފުތާއެއްހާ ދުވަހު ހުންނަން ވެސް ލިބުނު،" ނަސީރުއްދީން ބުންޏެވެ. "އެގޮތުން އެއް ފަހަރަކު ދެކެވުނު ވާހަކަތަކެއްގެ ތެރޭގައި ދިލިޕް ބުނީ ބޭބެއެއްގެ ހައިސިއްޔަތު ނަސޭހަތެއް ދޭ ނަމަ ބުނަން އޮތްހާ ވެސް ވާހަކަ އަކީ ފިލްމު ކުޅޭނެ ކަމެއް ނެތޭ. ރަނގަޅު އާއިލާތަކަށް ނިސްބަތްވާ މީހުން ފިލްމު ކުޅޭކަށް ނޫޅެއޭ. އެހެންވީމަ ރަނގަޅަށް ކިޔަވައިގެން ބޮޑު މަގާމެއް އަދާކުރާ މީހަކަށްވާށޭ."

އޭނާ ކިޔައިދިން ގޮތުގައި އެފަދަ ނަސޭހަތެއް ދިނަސް، ދިލިޕަކީ ވެސް އެކްޓަރަކަށްވެފައި، އޭނާގެ މަސައްކަތް އަބަދު ވެސް ވަރަށް ކަމުދާތީ އެކަހަލަ އެކްޓަރަކަށްވާން ބޭނުންވި ކަމަށެވެ. އެކަމަކު އެކްޓިން އަށް ނުކުންނަން ނިންމި ހިސާބުން އެ ވާހަކަ ދިލިޕް ގާތުގައި ބުނަން ޖެހުމުން ވަރަށް ބޮޑަށް ހިތް ބިރު ގަނެ، ޖެހިލުންވި ކަމަށް ބުންޏެވެ.

ފިލްމު ނުކުޅެން ނަސީރުއްދީނަށް ދިލިޕް ދިން ލަފައާ ދެކޮޅަށް އިންޑަސްޓްރީ އަށް އޭނާ ނުކުތުންވެގެން ދިޔައީ ހުނަރުވެރި އެކްޓަރެއް އަނެއްކާ ވެސް ހިންދީ ސިނަމާ އަށް އިތުރުވުމެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދިލިކާ އެކު ވެސް ނަސީރުއްދީން މަސައްކަތްކުރި ކަމެވެ. އެއީ 1986 ގެ ފިލްމު "ކަރްމާ" ގަ އެވެ.

ދިލިޕް ވަކިވުމާ ބެހޭ ގޮތުން ނަސީރުއްދީން ބުނީ 98 ގައި ހުނަރުވެރި އެކްޓަރު މި މަހުގެ 7 ގައި މަރުވީ އެއް ހޮސްޕިޓަލެއްގައި ދެ މީހުން ވެސް އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެއީ މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލްގަ އެވެ. ހޮސްޕިޓަލުން ނަސީރުއްދީން ދޫކޮށްލީ ދިލިޕް މަރުވި ދުވަހު އެވެ.

"އަހަރެން އެޑްމިޓްކޮށްފައި އޮތްކަން އެނގުނީމާ ސާއިރާ [ދިލިޕްގެ އަންހެނުން] އަހަންނަށް ޒިޔާރަތްކޮށް ބޮލުގައި ފިރުމާލާފައި ބުނި އަހަރެންގެ ވާހަކަ ދިލިޕް އަހައޭ. އަވަސް ޝިފާއަކަށް އެދެއޭ،" ނަސީރުއްދީން ބުންޏެވެ. "އެކަމަކު ދުނިޔެ ދޫކުރުމުގެ ކުރިން ދިލިޕް ދެކިލާނެ ފުރުސަތެއް ނަސީބު ދެރަކަމުން އަހަންނަކަށް ނުލިބުނު."