Roadha Mihaaru
ދިލިޕްގެ އަންހެނުން އެދެނީ "ޝަކްތީ" އަލުން ނުކުޅެން

ދިލިޕްގެ އަންހެނުން ބުނަނީ "ޝަކްތީ" އަލުން ކުޅެގެން ނުވާނެ ކަމަށް

08 ޑިސެމްބަރ 2020

މީގެ 38 އަހަރު ކުރިން ރިލީޒްކުރި ދިލިޕް ކުމާރާއި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޝަކްތީ" އަލުން ހަދަން ނިންމާފައިވާތީ އެކަމާ ކުރީގެ ބަތަލާ އަދި ދިލިޕްގެ އަންހެނުން ސާއިރާ ބާނޫ ނުހުރުން ފާޅުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 38 އަހަރު ކުރިން ރިލީޒްކުރި ދިލިޕް ކުމާރާއި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޝަކްތީ" އަލުން ހަދަން ނިންމާފައިވާތީ އެކަމާ ކުރީގެ ބަތަލާ އަދި ދިލިޕްގެ އަންހެނުން ސާއިރާ ބާނޫ ނުހުރުން ފާޅުކޮށްފި އެވެ.

އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި 1960-1970 ގެ އަހަރުތަކުގައި ވިދައިލި 76 އަހަރުގެ ބަތަލާ ބުނީ ކުރީގެ ކްލަސިކްތަކާ ކުޅެ، އެ ފިލްމުތައް ހަރާބުކުރުމަކީ ވަރަށް ގަބޫލު ނޫން ކަމެއް ކަމަށެވެ. އަދި އެފަދަ ފިލްމުތައް އަލުން ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ފިލްމުތަކަށް ހައްގުވާ މަގާމު ފިލްމުތަކަށް ދޭން ޖެހޭ ކަމަށް ބުންޏެވެ.

"ދިލިޕާއި އަމީތާބްގެ ވަރަށް ފުރިހަމަ މަސައްކަތެއް އެއީ. އެހެންވީމަ އެ މީހުން ކުޅުނު ރޯލްތަކެއް އެހެން ބަޔަލު ލައްވައި ކުޅުވުމުގެ ބޭނުމަކީ ކޮބާ؟" ސާއިރާ ބުންޏެވެ.

ކުރީގެ ކްލަސިކްތަކަށް އަތްނުލަން މިސާލު ދައްކަމުން ސާއިރާ ބުނީ އޭނާގެ މަންމަ 1939 ގައި ކުޅުނު ފިލްމު "ޕުކާރު" އަލުން ހަދަން ބޭނުންވެގެން، "ޕަކީޒާ" ފަދަ ފިލްމުތައް ގެނެސްދިން ކަމަލް އަމްރޯހީ އާއި "ޕުކާރު" ގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު އެ ފިލްމު އޭނާ އާއި ދިލިޕަށް ހުށަހެޅި ކަމަށެވެ.

"އެ ދުވަހު ވަރަށް ސާފުކޮށް ދިލިޕް އެ މީހުންގެ ގާތު ބުނި ކުރީގެ ސީނިއާ ތަރިންކޮށްފައި ހުންނަ މަސައްކަތްތަކާ ކުޅުމަކީ އެހެން ބަޔަކަށް ހައްގުވާ ކަމެއް ނޫނޭ. އެހެންވީމާ އެ ފިލްމުތަކާ ކުޅެން ނަހަދާށޭ،" ސާއިރާ ބުންޏެވެ. "ތިމަންނަމެން ވެސް ބޭނުމެއް ނޫން އެކަހަލަ ކަމެއްގައި ހިއްސާވާކަށް."

"ޕުކާރް" އަލުން ހަދަން އުޅުނީ ލީޑް ރޯލަށް ދިލިކާއި ސާއިރާ ލައިގެންނެވެ. އެ ފިލްމަކީ އިންޑިއާގެ މުގާލް ރަސްކަމުގެ ދައުރުގެ ލޯބީގެ ވާހަކައެއް ކިޔައިދިން ވަރަށް ރީތި އަސަރު ގަދަ ފިލްމެކެވެ. "ޕުކާރް" ހެދީ އަމްރޯހީގެ ސްކްރީންޕްލޭއަކަށެވެ.

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ޝޯލޭ" ގެނެސްދިން ޑައިރެކްޓަރު ރަމޭޝް ސިއްޕީ 1982 ގައި ގެނެސްދިން "ޝަކްތީ" އަލުން ހަދަން އުޅޭ ވާހަކަ މީޑިއާތަކުން ގެނެސްދިނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ބުނެފައި ވަނީ އެ ފިލްމުގެ ޑައިރެޝަނާ ހަވާލުވެފައި ވަނީ އަކްޝޭ ކުމާރުގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އާއި ޝާހިދު ކަޕޫރްގެ "ބައްތީ ގުލް މީޓަރު ޗާލޫ" ގެނެސްދިން ޝްރީ ނާރަޔަން ސިންގް ކަމަށެވެ. މީޑިއާތަކުން އޭރު ބުނީ އޭނާ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޝަކްތީ" އަކީ ވެސް އިންޑިއާގެ ސިނަމާގެ އެންމެ މޮޅެތި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމަކީ ހަތަރު ފިލްމުފެއާ އެވޯޑްސް ލިބުނު ފިލްމެކެވެ. އޭގެ ތެރޭގައި މޮޅު ފިލްމު، މޮޅު ސްކްރީންޕްލޭ (ސާލިމް-ޖާވިދު)، މޮޅު އެކްޓަރު (ދިލިޕް) އަދި މޮޅު ސައުންޑް އެޑިޓިން ހިމެނެ އެވެ.

"ޝަކްތީ" ގެ ކާސްޓުންގެ ތެރޭގައި ސުމީތާ ޕަޓިލް އާއި އަނިލް ކަޕޫރާއި ރާކީ އަދި އަމްރިޝް ޕޫރީ ފަދަ ތަރިން ހިމެނެ އެވެ.