Roadha Mihaaru
ޝާހްރުކް ހާނަށް އަނެއްކާވެސް އޮނަރަރީ ޑޮކްޓަރޭޓްކަން

ޝާހްރުކް ހާނަށް އަނެއްކާވެސް އޮނަރަރީ ޑޮކްޓަރޭޓްކަން

06 އެޕްރީލް 2019

ހިދުމަތްތަކުގެ އަގު ވަޒަންކޮށް މީގެ ކުރިން ވެސް ބައެއް ޔުނިވަސިޓީތަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދީފައިވާ ޝާހްރުކް ހާނަށް، އަނެއްކާ ވެސް އިތުރު ޔުނިވަސިޓީއަކުން އެ ޝަރަފު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިދުމަތްތަކުގެ އަގު ވަޒަންކޮށް މީގެ ކުރިން ވެސް ބައެއް ޔުނިވަސިޓީތަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދީފައިވާ ޝާހްރުކް ހާނަށް، އަނެއްކާ ވެސް އިތުރު ޔުނިވަސިޓީއަކުން އެ ޝަރަފު ދީފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެ، ބެލުންތެރިންގެ ލޯބި ހޯދާފައިވާ 53 އަހަރުގެ އެކްޓަރަށް މި ފަހަރު އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދީފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގެ ޔުނިވަސިޓީ އޮފް ލޯއިންނެވެ. އޭނާ އަށް އެ ޝަރަފު ދިނީ ހިލޭ ސާބަހަށް ކުރާ ހިދުމަތްތަކުގެ އަގު ވަޒަންކޮށެވެ.

އެ ޔުނިވަސިޓީން އަލަށް ގްރެޖުއޭޓްވި 350 ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޝާހްރުކަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދިނީ ބުރާސްފަތި ދުވަހު އެވެ.

އެ ރަސްމިއްޔާތުގައި ދެއްކި ވާހަކައިގައި ޝާހްރުކް ބުނީ އޭނާ އަށް ހޯދުނު ކާމިޔާބީއާ އެކު މުޖުތަމައަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު ލިބުމަކީ ބޮޑު ނަސީބެއް ގޮތުގައި ދެކޭ ކަމަށެވެ. އަދި މުޖުތަމައަށް ހިދުމަތް ކުރުމަކީ ދެއްކުންތެެރިކަމުގެ ގޮތުން ކުރާ ކަމެއް ނޫން ކަމަށާއި އޭނާ އަބަދު ވެސް ބޭނުން ޖެހިފައިވާ ދާއިރާތަކަށް އެހީވާން ލޯބި ކުރާ ކަމަށް ބުންޏެވެ.

ޝާހްރުކް ބުނީ ހައިރާތަށް ކުރާ މަސައްކަތަކީ ފާޅުގައި ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އިހުލާސްތެރި ހިތަކާ އެކު އަދާ ކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ. އަދި އޭނާގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރާތީ އެކަމާ އުފާ ކުރާ ކަމަށް ބުންޏެވެ.

މީގެ ކުރިން ޝާހްރުކަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދިން ބޭރުގެ ޔުނިވަސިޓީތަކުގެ ތެރޭގައި ޔުނިވަސިޓީ އޮފް ބެޑްފޯޑްޝަޔާ އަދި އަދި ޔުނިވަސިޓީ އޮފް އެޑިންބާ ހިމެނެ އެވެ.

ފިލްމު ކުޅޭތާ މި އަހަރަށް 27 އަހަރުވާ ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރި މަހު ރިލީޒް ކުރި "ޒީރޯ" އެވެ.