Roadha Mihaaru
ނަފުރަތުގެ ބިލަށް ސަރުކާރުން ތާއީދެއް ނުކުރި

ނަފުރަތުގެ ބިލަށް ސަރުކާރުން ތާއީދެއް ނުކުރި

08 ޖުލައި 2021

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށްޓަކައި ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ސަރުކާރުން ދިފާއުކޮށް އެ ބިލަށް ތާއިދު ނުކުރި ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާހަކަ ދައްކަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށްޓަކައި ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ސަރުކާރުން ދިފާއުކޮށް އެ ބިލަށް ތާއިދު ނުކުރި ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާހަކަ ދައްކަވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން އިންތި ވިދާޅުވީ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސީދާ ސަރުކާރުން ކަމަށާއި އެކަމަކު އޭގެ ފަހުން ކަންހިނގި ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. ޖުޑިޝަރީ ކޮމިޓީގެ މުގައްރިރާއި މަޖިލީހުގެ މެމްބަރެެއްގެ ހައިސިއްޔަތުން އެކަމާ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިލު ހުށަހެޅުއްވި އިރު ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިސާން ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ މަގުސަދުތައް ކަމަށް އިންތި ވިދާޅުވި އެވެ.

"މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަށް ފަހު ބިލު ދިފާއުކުރެއްވުމަށް ސަރުކާރުން ނުކުންނެވި ތަން ނުފެންނާތީ އަޅުގަނޑު އިންތިހާ އަށް ކަންބޮޑުވަން،" އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވިގޮތުގައި، ސަރުކާރުގެ އެ ބިލު ސްޕޮންސާ ކޮށްދެއްވީތީ މެމްބަރު ހިސާނަށް ނިސްބަތްކޮށްް ބޮޑެތި ތުހުމަތުތައް ކުރަމުން ގޮސް އޭނާގެ ފުރާނަ އަށް ނުރައްކާ ކުރިކަން ވެސް ފާހަގަކުރެވިފައި ވެ އެވެ. ބިލާ މެދު އެމްޑީޕީގެ އެތެރެއިން ވެސް ހަމަ އެގޮތަށް ނަފުރަތު އުފައްދަމުންދާ ކަމަށް އިންތިި ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެން ޖުޑިޝަރީ ކޮމިޓީގައި މަސައްކަތް ކުރީތީ އަޅުގަނޑުމެންނަށް ވެސް މި ނުރައްކާ އެބަ ކުރިމަތިވޭ. މިއީ މި ގައުމުގެ ހާލަތު މިއަދު ގޮސްފައިވާ ހިސާބު،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ވާން ސަރުކާރުން ދޫކޮށްލުމުން ހިތާމަކުރައްވާ ކަމަށާއި ސަރުކާރުން ބިލު ދިފާއުކުރަން ޖެހޭނެ ކަމަށެވެ. ސަރުކާރުން ސްޓޭންޑެއް ނަގައިފިއްޔާ އެ ސްޓޭންޑް ވަރުގަދަވާން ޖެހޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.