Roadha Mihaaru
ދައުލަތް "ލޮނު މަޑުކަމުން" އިންތި ކަންބޮޑުވެއްޖެ

ހަމަލައާ ގުޅޭ ފިޔަވަޅުތައް އެޅުމުގައި "ދައުލަތް ލޮނުމަޑު" ކަމުން އިންތި ކަންބޮޑުވުން ފާޅުކުރައްވައިފި

02 ޖޫން 2021

މެއި 6، 2021 ގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ ހަރަކާތްތައް ވަރަށް "ލޮނު މަޑު" ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މެއި 6، 2021 ގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ ހަރަކާތްތައް ވަރަށް "ލޮނު މަޑު" ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އިންކަމް ޓެކްސް ގާނޫނަށް ސަރުކާރު ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުން މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ރާއްޖެ އަށް ޓެކްސްގެ ނިޒާމް ތައާރަފް ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ ލީޑަރު ނަޝީދު ކަމަށާއި އެމަނިކުފާނު ލީޑާޝިޕް ނަންގަވައިގެން ކަންކަން ކުރެއްވުމުގައި ކުރައްވާ ކަމަށެވެ.

ނަމަވެސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލުމުން އެމަނިކުފާނު ހުންނެވީ ކިރިޔަ ކިރިޔާ ސަލާމަތްވެ ވަޑައިގެން ބޭސްފަރުވާ ކުރައްވަން ކަމަށް އިންތި ވިދާޅުވި އެވެ. އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި އެކަހަލަ ބޮޑު ކަމެއް ހިނގި އިރު، މިހާ ލޮނުމަޑުކޮށް އޮތް ދައުލަތެއް ދުވަހަކު ވެސް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މުޅި އުމުރު ދުވަހު ނުދެކެން ހަގީގަތުގައި މިހާ ލޮނުމަޑުކޮށް މިކަހަލަ ކަމެއްވީމަ ކަންކަން ކުރަމުންދާ ތަނެއް. އަޅުގަނޑުގެ ހަޔާތުގައި ނުދެކެން. ދައުލަތުގެ އެއް ވެރިއަކު، ރައްޔިތުން މަޖިލީހުގެ ރައީސް އަވަހާރަ ކޮށްލަން ޓެރަރިޒަމް ހަމަލާ ދީފައި ވަނިކޮށް މިހާ މަޑުކޮށް ދާ ގައުމެއް އަޅުގަނޑު ނުދެކެން،" އިންތި ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އަނެއްކާ ވެސް އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ކަމަށް އިންތި ވިދާޅުވި އެވެ. އެ ހަމަލާ އަށް މަހެއް ވާއިރު ތަހުގީގު ކުރާ ފަރާތްތަކުން ތަހުގީގުގެ ކުރިއެރުންތައް ރައްޔިތުންނާ ހަމައަށް ގެނެސްދީފައި ނުވާ ކަމަށާއި އެވަރުގެ ކަމެއް ހިނގުމުން މެދު ކެނޑުމެއްނެތި މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، ޓެރަރިޒަމްގެ އެކި މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްތަކުން އިތުރު މީހުންތަކެއް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައަކީ އެންމެ ތިން މީހުން ވެގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފަންޑު ކުރި މީހުން ވެސް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.