Roadha Mihaaru
ނަޝީދުގެ ވަގުތީ ގެކޮޅު ނިމޭނީ މިމަހު 14އަށް

މަޖިލިސް ރައީސްގެ ވަގުތީ ގެކޮޅު ނިމޭނީ މި މަހުގެ 14އަށް

04 ނޮވެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް މިދިޔަ މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް އެތަނަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހުމުން މިހާރު ލަފާކުރާ ތާރީހަކީ މި މަހުގެ 14 ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް މިދިޔަ މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް އެތަނަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހުމުން މިހާރު ލަފާކުރާ ތާރީހަކީ މި މަހުގެ 14 ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ މުރައިދޫގޭގެ މަސައްކަތް ނުނިމި ލަސްވީ އެތަނުގެ މަރާމާތަށް ބައެއް ބަދަލުތަކެއް ގެންނަންޖެހޭތީ ކަމަށެވެ. އެ ބަދަލުތަކާ އެކު މި މަހުގެ 14 ގެ ނިޔަލަށް މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ސިފްކޯ އިން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުރައިދޫގެ މަރާމާތު ކުރަމުން އަންނަނީ ސިފައިންގެ ކުންފުނި، ސިފްކޯ އިންނެވެ.

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނީ ތާވަލު ކޮށްފައިވާ ގޮތަށް މިދިޔަ މަހުގެ 30 އަށް މުރައިދޫ ގޭގެ މަރާމާތުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. ނަމަވެސް އެ ތާރީހު ފަހަނައަޅައި ދިޔައިރު ވެސް މަސައްކަތެއް ނުނިމެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، މުރައިދޫގެ--- ފޮޓޯ/ފަޔާޒު މޫސާ:މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، މުރައިދޫގެ--- ފޮޓޯ/ފަޔާޒު މޫސާ:މިހާރު

ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން، އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމައި ގާނޫނުތަކަށް ބަދަލުގެނައީ މަޖިލީހުގެ ރައީސް ނަޝީދު އަވަހަރާ ކޮށްލަން މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާ އަށް ފަހު އެވެ.

މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައެޅި އެވެ. ދާއިމީ ގެކޮޅުގެ މަސައްކަތް ލަސްވާނެތީ، ވަގުތީ ގެކޮޅުގެ ގޮތުގައި ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓެއް ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް ޓެރަރިސްޓު ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ނަޝީދު ރާއްޖެ ވަޑައިގެންނެވި އިރު ވެސް މުރައިދޫގެ މަސައްކަތް ނުނިމޭތީ އެ މަނިކުފާނު ހުންނަވަން ހޮޓެލް ޖެން ހަމަޖެއްސެވި އެވެ. އެހެންވެ، ނަޝީދު ހުންނެވުމަށް ދައުލަތުގެ ފަރާތުން ހޮޓެލް ޖެން އަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމެވެ. އޯކިޑް މަގާއި ފަރީދީ މަގަށް ވާ ގޮތަށް އޮންނަ، އެ ބިމަކީ މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ އެއް ބިމެވެ. މި ފަހުން ގާނޫނުތަކަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ދާއިމީ ގެކޮޅެއް ދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ. މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް އެ އިސްލާހުތަކުގައި ވެ އެވެ.

އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް ހިމަނާފައިވަނީ 6.8 މިލިއަން ރުފިޔާ އެވެ.