Roadha Mihaaru
"މުރައިދޫގެ" ނިންމައި މަޖިލީހާ ހަވާލުކޮށްފި

ނަޝީދު ހުންނެވުމަށް "މުރައިދޫގެ" އަށް ބޮޑު ބަދަލެއް ގެނެސް މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި

21 ނޮވެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް ނިންމައި އެ ތަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް ނިންމައި އެ ތަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނިންމައި މަޖިލީހާ ހަވާލުކުރީ އިއްޔެ ކަމަށެވެ.

މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އެވެ. އޭރު އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ގ.ކެނަރީގޭގަ އެވެ. ނަމަވެސް އެ ސަހަރައްދުގައި ސެކިއުރިޓީ ދޭން އުނދަގޫކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މުރައިދޫގެ އަކީ މަޖިލީހުގެ ރައީސަށް ހާއްސަކުރާ ވަގުތީ ގެކޮޅު ކަމަށް ހަމަޖައްސައި އެތަނަށް ވަނީ ވަރަށް ބޮޑެތި ބަދަލުތައް ގެނެސްފަ އެވެ. ގެ ހުންނަ މަގުގެ ދެ ފަރާތުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުން ވެސް ވަނީ މަނާކޮށްފަ އެވެ. މިގޮތަށް އެހެން މަގެއްގައި ރަތް ރޮނގު ދެމީ އަލަށް ނަމަވެސް ސަރަހައްދު ކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހަކީ ވެސް ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެެވެ.

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ ކުރިމަތީ ރަތް ރޮނގު ދަމާފައި. އެ ސަރަހައްދަކީ މިހާރު ރެޑް ޒޯނެއް. -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ ކުރިމަތީ ރަތް ރޮނގު ދަމާފައި. އެ ސަރަހައްދަކީ މިހާރު ރެޑް ޒޯނެއް. -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

މުރައިދޫގެ އަށް ގެނައި ބަދަލުތަކާ އެކު ހައި ކޯޓު ކުރިމަތީގައި އޮންނަ ޕާކިން ޒޯނުން އެއް ބައި ވަނީ ހުސްކޮށްފަ އެވެ. އަދި އެ މުރައިދޫގޭގެ ވަލު ދޮރާށިން ވެހިކަލް ވަދެ ނުކުމެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގެ. ހައިކޯޓު ކުރިމަތީ އޮންނަ ޕާކިން ޒޯނުން އެއްބައި ހުސްކޮށްފައި. -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގެ. ހައިކޯޓު ކުރިމަތީ އޮންނަ ޕާކިން ޒޯނުން އެއްބައި ހުސްކޮށްފައި. -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

ނަޝީދަށް ދިން ހަމަލާގައި ލިބުނު ބޮޑެތި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ނަޝީދު މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންއިރު މުރައިދޫގޭގެ މަސައްކަތެއް ނުނިމެ އެވެ. އެހެންވެ އެ މަނިކުފާނު ހުންނެވީ ދައުލަތުގެ ހަރަދުގައި ޖެން ހޮޓެލްގަ އެވެ. އެތަނުގައި ހުންނެވުމަށް ދުވާލަކަށް 33،246ރ. ހޭދަވާކަން ހާމަވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ޖެންގައި 21 ދުވަހު ނަޝީދު ހުންނެވުމަށް 698،168ރ. ހޭދަވި ފަހުން ކޮޕް26 ސަމިޓަށް މިދިޔަ މަހުގެ 29 ގައި ސްކޮޓްލެންޑަށް ވަޑައިގެން ގޮތަށް އަދި އެ މަނިކުފާނު އެނބުރި ވަޑައެއް ނުގަންނަވަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު ވެސް މާދަމާއަށް ނިންމާލާނެ

އަކްރަމް ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް ވެސް މާދަމާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖައްސަނީ ރެހެންދި ފްލެޓްގެ އެޕާޓްމަންޓެކެވެ.

ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސައިދޭން ނިންމާފައި ވާއިރު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިހާރު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަން މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިން ފެންމަތިވި އެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވީ ގޮތް ބަލަން މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މަޖިލީހުން މި މައްސަލަ ބެލި އިރު ސަރުކާރުން ކުރިން ބުނީ އޮކްޓޯބަރު މަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން (ކ) އެ މަނިކުފާނުގެ ބޮޑީގާޑަކާ އެކު. -- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން (ކ) އެ މަނިކުފާނުގެ ބޮޑީގާޑަކާ އެކު. -- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. އެކަމުގެ ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މަޖިލީހުގެ ރައީސްގެ ގެކޮޅު އަޅަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ.

ދައުލަތުން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެވެ. ނަމަވެސް ނަޝީދަށް ދިން ހަމަލާއަށް ފަހު ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން، އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމައި ގާނޫނުތަކަށް އިސްލާހު ގެނައީ އެވެ. އެ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ގާނޫނުގައިވެ އެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ވެ އެވެ.