Roadha Mihaaru
ނަޝީދުގެ ސެކިއުރިޓީ: ފަރުވާ ކުޑަ، އެހާމެ ދޯހަޅި!

ނަޝީދުގެ ސެކިއުރިޓީ ހީކުރި ވަރަށްވުރެ މާ ގޯސް، އެހާ ދޯހަޅި!

09 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓް އެއްކޮޅުން އަނެއްކޮޅަށް ކިޔާ ނިންމާލައިފި ކޮންމެ މީހަކަށް ވެސް، ގައިމު ވެސް އެއް ސުވާލެއް ތަކުރާރުކޮށް އުފެދޭނެ އެވެ: ރާއްޖޭގައި އެންމެ ހައިރިސްކް ބޭފުޅާގެ ސެކިއުރިޓީ އަކީ މިހާ ދޯހަޅިކޮށް އޮންނަ އެއްޗެއް ހެއްޔެވެ؟

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓް އެއްކޮޅުން އަނެއްކޮޅަށް ކިޔާ ނިންމާލައިފި ކޮންމެ މީހަކަށް ވެސް، ގައިމު ވެސް އެއް ސުވާލެއް ތަކުރާރުކޮށް އުފެދޭނެ އެވެ: ރާއްޖޭގައި އެންމެ ހައިރިސްކް ބޭފުޅާގެ ސެކިއުރިޓީ އަކީ މިހާ ދޯހަޅިކޮށް އޮންނަ އެއްޗެއް ހެއްޔެވެ؟

ގާތްގަނޑަކަށް 270 ސޮފްހާގެ ރިޕޯޓްގެ އެންމެ ކުރު ހުލާސާ އަކީ މި އެވެ؛ ރައީސް ނަޝީދަށް ދީފައިވާ ސެކިއުރިޓީ މަތިވެގެން ދިޔައީ ނަމެއްގައި ކަމެވެ. އެއްވެސް އިންތިޒާމެއް ނެތް ކަމެވެ. އެހާމެ ފަރުވާ ކުޑަ ކަމެވެ. އަދި ހަމަ އެހެންމެ، އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލަން ބޭނުންވާ މީހަކަށް، އެމަނިކުފާނުގެ ސެކިއުރިޓީގެ ސަބަބުން ހުރަހެއް ވެސް ނެތް ކަމެވެ.

މޭ 6 ގައި ގޮއްވާލި ބޮމާ އެކު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ ފުރާނަ ވަކިވެގެންދާ ވަރުގެ ބޮޑެތި ޒަހަމްތަކެކެވެ. އެމަނިކުފާނުގެ ސެކިއުރިޓީއަކީ، އެނގިފައިވާ ގޮތުން ރާއްޖޭގައި ރައީސް ފިޔަވައި އެންމެ ބޮޑު ސެކިއުރިޓީއެއް ދެމުން އައި ބޭފުޅާ އެވެ. ތަފާތު އެތައް ސަބަބެއް ހުރުމާ އެކު، ހަގީގަތުގައި ރައީސަށް ވުރެ ވެސް ނަޝީދުގެ ރިސްކު މާ ބޮޑެވެ. އެހެންވެ، އާންމުން ހީކޮށް ތިބީ އެމަނިކުފާނުގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓާނީ ވަރަށް ރަނގަޅަށް ކަމެވެ. އެކަމަކު، މޭ 6 ގެ ހާދިސާއާ ގުޅިގެން ރައްޔިތުންްގެ މަޖިލީހުގެ 241 ކޮމެޓީން ހެދި އިންކުއަރީ ރިޕޯޓް ކިޔާލުމުން، އެކަން އޮތީ ރައްޔިތުން ހީކުރި ގޮތާ މުޅިން ހިލާފަށް ކަން އެބަ އެނގެ އެވެ. ހަމަލާ އަށް ފަހު އެނގުނު ގޮތުގައި ނަޝީދުގެ ސެކިއުރިޓީ އޮތީ ވަރަށް ގޯސްކޮށެވެ. އެކަމަކު ރިޕޯޓް ކިޔާލުމުން އެނގުނީ، ހީކުރި ވަރަށް ވުރެ ވެސް ވުރެ ވެސް މާ ބޮޑަށް ކަންކަން ގޯސް ކަމާއި، މާ ބޮޑަށް ދޯހަޅި ކަމެވެ.

ތްރެޓް ލެވެލް އޮތީ ނަމެއްގައި، ކުރި މާ ބޮޑު ކަމެއް ނެތް!

ރައީސް ނަޝީދަކީ އެންމެ ތްރެޓް ބޮޑު ބޭފުޅާކަން އެމްްއެންޑީއެފަށް އެކި ގޮތްގޮތުން ތަކުރާރުކޮށް އެނގޭ އިރު ވެސް، ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވަރަށް ގިނަ ކަންކަމަށް އޮތީ ފަރުވާ ކުޑަކޮށްލެވިފަ އެވެ. އެންމެ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމާ ހަމައަށް ވެސް އެކަން އޮތީ އެހެންނެވެ. ޕޮލިސީ ލެވެލް އިން ފެށިގެން ގޮސް އެންމެ ދަށް ލެވެލްއާ ހަމައަށް ވެސް އެކަން އޮތީ އެހެންނެވެ. ކޮށްގެން ނުވާނެ ވަރަށް ގިނަ ކަންކަން ކުރި އިރު، ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރީ ނުކޮށް ވެސް ދޫކޮށްލެވިފަ އެވެ.

ހަމަލާ ދޭން ގޮއްވާލި ސައިކަލް: ގަވައިދާ ހިލާފު ތަނެއްގައި އެންމެންނަށް ފެންނާނެ ގޮތަށް އެއް ދުވަސްކުރިން ޕާކުކޮށްފައި ހުރި އިރު ވެސް ނޭނގުނު -- ފައިލް ފޮޓޯ: މިހާރު

ހަމަލާ ދޭން ގޮއްވާލި ސައިކަލް: ގަވައިދާ ހިލާފު ތަނެއްގައި އެންމެންނަށް ފެންނާނެ ގޮތަށް އެއް ދުވަސްކުރިން ޕާކުކޮށްފައި ހުރި އިރު ވެސް ނޭނގުނު -- ފައިލް ފޮޓޯ: މިހާރު

ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފަރުވާ ކުޑަވެގެން ގޮސް، ހަގީގަތުގައި ނުހިނގާ ކަމެއް ނެތެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެމަނިކުފާނުގެ ސެކިއުރިޓީ ކާރުގެ މައްސަލަ ބޮޑުވެ، އެ ކާރު އެކި ފަހަރުމަތިން ހުއްޓި، ސްޓާޓް ނުވެގެން ކްލޯޒް ޕްރޮޓެކްޝަން ޓީމަށް ނަޝީދާ އެކު ދަތުރު ކުރެވޭ ގޮތް ނުވި ފަހަރުތަކެއް ވެސް ދިޔަ އެވެ. އެހެންވެ، ނަޝީދަށް ކަނޑައަޅާފައިވާ ހަތަރު މީހުންގެ ފޯމޭޝަން ރޫޅިގެން ދިޔަ ކަން ރިޕޯޓްގައި އޮތީ ފާހަގަވެފަ އެވެ.

ކޮންމެ ވަގުތަކު ވެސް މަރުގެ ހަމަލާއެއް އަތުވެދާނެ ކަމަށް ބެލެވި، ސެކިއުރިޓީ ލެވެލް ކްރިޓިކަލް އަށް ބަދަލުކޮށްފައި އޮތް އިރު ވެސް އެމަނިކުފާނު ދަތުރު ކުރައްވާ މަގުތައް ބަދަލެއް ނުކުރެ އެވެ. އަދި ނަޝީދުގެ ހަރަކާތްތަކަށް ބަޔަކު ފާރަލަމުން ދިޔަ ކަން އެމްއެންޑީއެފަށް އެނގޭ އިރު ވެސް، އެކަން ކުރަމުން ދިޔައީ އެގޮތަށް ކަމަށް ރިޕޯޓްގައި ވެ އެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރީގޭ ބޭރުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފައެއް ނުހުރެ އެވެ. އަދި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގެކޮޅު ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީއެއް ނުބަހައްޓަ އެވެ.

"އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވާ އިރު ގެކޮޅުގެ ސެކިއުރިޓީއެއް ނުބަހައްޓަ އެވެ. ގެކޮޅަށް އެނބުރި ވަޑައިގަތުމުގެ ކުރިން ގެކޮޅު ކޮންމެ ފަހަރަކު އެޑްވާންސް ޓީމުން ޗެކް ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އިރު ގޭތެރެ އެއްވެސް ފަހަރަކު ޗެކްކޮށްފައި ނުވާކަން ފާހަގަވެ އެވެ،" ރިޕޯޓްގައި ބުނެފައިވެ އެވެ.

އައިއީޑީއެއް ޑިޓެކްޓް ކުރުމަކީ އެމްއެންޑީއެފަށް ކުރެވިދާނެ ކަމެއް ކަމަށް ވާއިރު ވެސް، އަދި އެމަނިކުފާނު ދިރިއުޅުއްވާ މަގު ސްވީޕް ކުރަން ޖެހޭ ކަމަށް އޮތް އިރު، ކެނެރީގެ ހުރި ގޯޅިގަނޑު ނުވަތަ ނީލޯފަރު މަގު ދުވަހަކު ވެސް ސްވީޕް ކޮށްފައެއް ނުވެ އެވެ.

"އެއީ އެންމެ ދެ ގަޑިއިރުގެ ކަމެކެވެ،" ރިޕޯޓްގައި ވެ އެވެ.

މީގައި އެންމެ ހިތާމަވެރި ކަމަކީ، ރިޕޯޓްގައިވާ ގޮތުން، ބޮން ގޮއްވާލި ދުވަހުގެ ތިން ދުވަސް ކުރިން، ނަޝީދުގެ ސެކިއުރިޓީ އެސެސް ކުރުމަށް ފަހު ހެދި ރިޕޯޓްގައިވާ ރެކޮމަންޑޭޝަންތަކަށް ވެސް އަމަލުކޮށްފައި ނުވާ ކަމެވެ. އެ ރިޕޯޓްގައި، އުޅަނދެއްގައި އެއްޗެއް ހަރުކޮށްގެން ގޮއްވާލުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވާ އިރު، "އެމްއެންޑީއެފުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެތަނުން އަމަލުކުރި ނަމަ ޖޭމަރެއް ފަދަ އާލާތެއް ބޭނުންކޮށްގެން ރިމޯޓް ޓްރިގާ ކުރުން މިޓިގޭޓް ކުރުމުގެ ފުރުސަތު އޮންނާނެ" ކަމަށް ފާހަގަކޮށްފައި ވެ އެވެ.

ޓެރަރިސްޓް ހަަމަލާގެ ކުރިން ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވާއިރު، އެ މަނިކުފާނާއި ބޮޑީގާޑާ ދެމެދަށް މީހަކު ވަދެގެން ދަނީ.

ޓެރަރިސްޓް ހަަމަލާގެ ކުރިން ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވާއިރު، އެ މަނިކުފާނާއި ބޮޑީގާޑާ ދެމެދަށް މީހަކު ވަދެގެން ދަނީ.

ހަމައެހެންމެ، ގޮއްވާލި ސައިކަލަކީ އެތަނުގައި އެއް ދުވަސް ކުރިން ބަހައްޓާފައިވާ ސައިކަލަކަށް ވާއިރު، އެ ސައިކަލް ގަވައިދާ ހިލާފަށް، އެންމެންނަށް ފެންނަ ގޮތަށް ޕާކްކޮށްފައި ހުންނަތާ 24 ގަޑިއިރު ވީއިރު ވެސް އެ ނަގަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުން ވެސް އެއީ މައްސަލަ އެކެވެ.

""ހާލަތަށް ބަލައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހޭ ނަމަ، ފުލުހުން ހަމަޖައްސަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮތް ނަމަވެސް ރައީސް މުހަންމަދު ނަޝީދަށް ހަމަލާ ދީފައި ވަނީ އެކަން ނުކޮށް ދޫކޮށްލާފައި ވަނިކޮށް ގެކޮޅު ކައިރިން ކޮންމެ ދުވަހަކު ކާރުކޮޅަށް އަރާވަޑައިގަންނަވާ ޕޮއިންޓުން ކަން ފާހަގަކުރެވެ އެވެ،" ރިޕޯޓްގައި ވެ އެވެ.

ނުރައްކާތެރި އެ ހަމަލާއަކީ ކުއްލިއަކަށް ނޭނގި ތިއްބާ ދިން ހަމަލާއެއް ނޫން ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ. އެކަމަކު ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެފަދަ ހަމަލާއެއް ހުއްޓުވުމަށް ޓަކައި ނުވަތަ އެފަދަ ހަމަލާއަކަށް ހުރަސް އެޅުމަށް ޓަކައި އެމްއެންޑީއެފުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެ އެވެ.

ބޮޑެތި އިހުމާލުތަކާއި ބޮޑެތި މައްސަލަތަކެއް!

މުޅި ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިންޓެލް އަށް ލިބެމުން ދިޔަ މައުލޫމާތުތައް އެކަމާ ގުޅޭ މީހުންނަށް ފޯރުކޮށް ނުދިނުމާއި އެކަމާ ބެހޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރި މައްސަލަތަކެވެ.

ކުރީގެ ރައީސުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ވާނެ ކަމަށް، ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެކަމާ ބެހޭ ގަވައިދެއް އެމްއެންޑީއެފުން އޮތީ ހަދައިފަ އެވެ. އޭގައި، އެކަށީގެންވާ މިންގަނޑުތަކަކާއި އުސޫލުތަކެއް ބަޔާން ކޮށްފައި އޮވެމެ، އެކަންކަން ރަނގަޅަށް އެމްއެންޑީއެފުން ތަންފީޒުކޮށްފައި ނުވާ ކަމަށް ރިޕޯޓްގައި ވެ އެވެ.

އިންޓެލް މައުލޫމާތު އެއްކުރުމާއި ބޭނުންކުރަން ގާނޫނުން ބާރު ދީފައިވާ ފަސް އިދާރާއެއްގައި އެ މައުލޫމާތު އެއް ބަޔަކު އަނެއް ބަޔަކަށް ފޯރުކޮށްދިނުމުގައި މައްސަލަތައް ހުރި ކަމާއި ލިބޭ އިންޓެލް މައުލޫމާތުގެ ޒިންމާ ނަގާނެ މައި އިދާރާއެއްގެ މައްސަލަ ބޮޑުވެ، ގާނޫނީ ގޮތުން ވަރަށް ގިނަ ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިފައިވާ ޒަހަމްތައް ފެންނަ ފޮޓޯއެއް

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިފައިވާ ޒަހަމްތައް ފެންނަ ފޮޓޯއެއް

މޭ 6 ގައި ދިން ހަމަލާއާ ގުޅިގެން ވެސް، އެއް މައްސަލައަކަށް ވީ ލިބިފައިވާ އިންޓެލް މައުލޫމާތު، ސެކިއުރިޓީ ދޭ ފަރާތްތަކަށް ރަނގަޅަށް ފޯރުކޮށް ދެވިފައި ނުވުމާއި، ނަޝީދުގެ ސެކިއުރިޓީގެ ތްރެޓްތަކުގެ މައުލޫމާތު ނޭނގުމާއި ސެކިއުރިޓީ އޮތް ހިސާބު ސެކިއުރިޓީ ދޭ ފަރާތް، ކްލޯސް ޕްރޮޓެކްޝަން ޓީމަށް ނޭނގި އޮތުމެވެ. މިއީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެކެވެ. އޭގެ ތަފުސީލުތައް ރިޕޯޓްގައި ހިމަނައިފައި ވެ އެވެ.

އެއް މިސާލެއްގެ ގޮތުން، ރިޕޯޓްގައި ވަނީ ނީލޯފަރު މަގުގައި ހުރި ވެހިކަލްތައް ހުސް ކުރުމުގެ މައްސަލަ އެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެ މަގުގައި ހުރި ވެހިކަލްތައް ހުސްކުރަނީ، ކްލޯޒް ޕްރޮޓެކްޝަން ޓީމަށް އެނގިފައިވާ ގޮތުގައި، އެއީ ނަޝީދުގެ ކާރުކޮޅު އެ ގޯޅިން ވަދެ އެ ގޭ ކުރިމައްޗަށް ހުއްޓޭނެ ގޮތް ހެދުމަށެވެ. އެކަމަކު އަސްލު ސަބަބަކީ އެއީ ނޫން ކަމަށް ރިޕޯޓްގައި ވެ އެވެ. މިފަދަ ކަންކަމުގެ މައުލޫމާތު ބޮޑީގާޑުންނަށާއި ކްލޯޒް ޕްރޮޓެކްޝަން ޓީމަށް ލިބިފައި އޮތް ނަމަ، ނަޝީދުގެ ހަށިފާރަވެރިން އެމަނިކުފާނާ ދޭތެރޭ އިތުރު ސީރިއަސްކަމެއް ދިނީސް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.

"ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ މަސައްކަތާ ގުޅިގެން އެ ޓީމްގެ ތިރީ ރޭންކުތަކުން ދޭ މައުލޫމާތާއި ފީޑްބެކްގެ މައުލޫމާތު ކޮމާންޑް ސްޓްރަކްޗާގެ ތެރެއިން މައްޗަށް ނުދާކަން ފާހަގަކުރެވޭ. އަދި މަތީ ރޭންކުތަކުން ދަށު ރޭންކުތަކަށް ދޭ މައުލޫމާތު ޗެއިން އޮފް ކޮމާންޑުގެ ތެރެއިން ދާން ޖެހޭ ލެވެލް އަށް ވެސް ނުދާ ފަހަރު ހުންނަކަން ފާހަގަވޭ،" ރިޕޯޓްގައި ވެ އެވެ.

"ނަޝީދުގެ ބޮޑީ ގާޑުންގެ ތެރެއިން ވަކި މައުލޫމާތެއް އެނގެން ޖެހޭ މީހާ އަށް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް އެނގޭ މިންވަރަށް މައުލޫމާތު ދީފައެއް ނުވޭ."

ރިޕޯޓްގައިވާ ގޮތުން، ނަޝީދުގެ ތްރެޓް ލެވެލް އޮތް ހިސާބު ވެސް އެމަނިކުފާނަށް ސެކިއުރިޓީގެ ހިދުމަތް ދޭ މީހުންނަކަށް ނޭނގެ އެވެ.

އަދި، އެންމެ ކުޑަވެގެން، "ޖޭމަރު ހޯދުމަށް ޓަކައި އެދެން ޖެހެނީ ކޮން ފަރާތަކުން، ކޮން ޑިޕާޓްމަންޓަކުން، ކޮން ފަރާތެއްގައި ނުވަތަ ކޮން ޑިޕާޓްމެންޓެއްގައި ކަން" ވެސް އެމްއެންޑީއެފުން އިންކުއަރީ އަށް ސާފުކޮށްދެވިފައި ނުވާ ކަމަށް ރިޕޯޓްގައި ވެ އެވެ. ހަމަ އެހެންމެ، ސެކިއުރިޓީގެ ބޭނުމަށް ޖޭމަރަށް އެދެން ޖެހެނީ ސެކިއުރިޓީ ކޯޑިނޭޓަރު ކަމެއް، އެސްޕީޖީގެ ކޮމާންޑަރު ކަމެއް ވެސް އިންކުއަރީ އަށް މައުލޫމާތު ދެއްވި ބޭފުޅުންނަށް ސާފު ނުވި ކަމަށް ރިޕޯޓްގައި ވެ އެވެ.

އެންމެ ހައި ތްރެޓް އޮތް ބޭފުޅަކަށް ބަލާއިރު، ހަމަލާ ދިން ދުވަހު ކަންތައްތައް ވެފައިވާ ގޮތް ވެސް ވަރަށް ބޮޑަށް ގޯސް ކަމަށް ރިޕޯޓްގައި ވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި، ރިސޯޓަކަށް ރޯދަ ވީއްލުމަކަށް ވަޑައިގަތުމަށް ޓަކައި އެމަނިކުފާނު ތައްޔާރުވެ ވަޑައިގަންނަވަމުން ދިޔަ އިރު، ބޮޑީ ގާޑުންގެ ޓީމު ދެ ބަޔަކަށް ބަހާލައި، އެއް ބަޔަކު އެޑްވާންސް ޓީމުގައި ރިސޯޓަށް ފޮނުވި އެވެ. އެހެންވެ ހަމަލާ ދިން ވަގުތު ތިބި ބޮޑީގާޑުންގެ އަދަދު މަދުވެ، ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް އިތުރުވެ، ހަމަލާ ދޭން އޮތް ފުރުސަތު ވެސް ބޮޑުވެގެން ދިޔަ ކަން ރިޕޯޓްގައި ފާހަގަ ކުރި އެވެ.

"ހަ ބޮޑީގާޑުން ތިބި ނަމަ ރައީސް ނަޝީދުގެ ބޮޑީ ކަވަ އިން އިތުރަށް ހިމާޔަތް ކުރެވުނީސް. އަދި ނަޝީދު [ހަމަލާ ދިން މީހުންނަށް] ފެނުމުގެ ފުރުސަތު ކުޑަވީސް،" ރިޕޯޓްގައި ވެ އެވެ.

"ތްރެޓް ލެވެލް މަތިކޮށްފައި ވަނިކޮށް އެ ދުވަހު ބޮޑީގާޑުން މަދުކުރުމަކީ، ގޮއްވާލި ބޮމުން ބުރައިގެން ދިޔަ ރޭޒާފުއްތައް ފޯރައި އެ މިންވަރަށް ޒަހަމްވުން އިތުރުވި ކަމެއް،" ރިޕޯޓްގައި ވެ އެވެ.

ދައުލަތުގެ އެއް ބާރުގެ ވެރިޔާ، އަދި ކުރީގެ ރައީސްގެ އިތުރުން އާންމުންގެ ތެރޭގައި ވެސް މަޝްހޫރު ނަޝީދަށް ދިން ހަމަލާ ގޮސް ގުޅިފައި ވަނީ ހަރުކަށިފިކުރުގެ މީހުންނާ ކަމަށް ރިޕޯޓްގައި ވަނީ ތުހުމަތު ކޮށްފަ އެވެ. އެކަމަކު، އެ ހުރިހާ މަރުގެ އިންޒާރުތަކާ ގުޅިގެން ވެސް ކުރެވުނު މާ ބޮޑު ކަމެއް ހަގީގަތުގައި ނެތް ކަން ރިޕޯޓުން ސާފުކޮށް ފެންނަން އެބައޮތެވެ. އެ މީހުން ރިހިބިލިޓޭޓް ކުރުމާއި އެ މީހުން މޮނީޓާ ކުރަން ގާނޫނުތައް ހަދައިފައި އޮތް އިރު، އެއަށް އަމަލުނުކުރާ ކަމާއި އެކަމާ ބެހޭ ބައެއް ގަވައިދުތައް ވެސް ހަދާފައި ނުވާ ކަން ރިޕޯޓުން ހާމަވެ އެވެ.

ރިސޯސްތައް ފަހިވެ، ގާނޫނުތައް ހުރެ، އަދި ވެރިކަމުގައި އަމިއްލަ ޕާޓީ އޮތް އިރު ވެސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެމްއެންޑީއެފް ވަނީ ފެއިލްވެފަ އެވެ. ރިޕޯޓުން ފާހަގަވި ގޮތުގައި، އެތައް ތަނަކުން ބާގަނޑުތައް ފެންނަން އެބަހުއްޓެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެ ރިޕޯޓްގެ އެންމެ މުހިންމު އެއް ބޭނުމަކީ މިފަދަ ހާދިސާއެއް ތަކުރާރު ނުވުމެވެ. ހަގީގަތުގައި ވެސް އެކަން ކުރަން އެބަޖެހެ އެވެ! މިއީ ކުރިން ވެސް، އަދި ދެން ވެސް ތަކުރާރު ވެގެން ވާނެ ކަމެއް ނޫނެވެ. މިކަހަލަ ސީރިއަސް ކަންކަން ކުޅޭކުޅޭ ކަމަކަށް ހަދަން ވެއްޖެ އެއީ ވަރަށް ބޮޑު އިހުމާލެކެވެ.