Roadha Mihaaru
މިއީ ނިޒާމުގެ ބަހުސްކުރަންވީ ވަގުތެއް ނޫން: ނަޝީދު

މިއީ ނިޒާމުގެ ބަހުސް ކުރަންވީ ވަގުތެއް ނޫން: ނަޝީދު

13 އޮކްޓޯބަރ 2020

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މިއީ އެކަމުގައި ބަހުސްކުރަންވީ ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މިއީ އެކަމުގައި ބަހުސްކުރަންވީ ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްލާހު ހުށަހަޅުއްވާފައިވާކަން އިއުލާނު ކުރައްވަމުން ނަޝީދު ވިދާޅުވީ ޖާބިރު ހުށަހަޅުއްވާފައި އޮތީ ވެސް އެ މަނިކުފާނު އެދިވަޑައިގެން އުޅުއްވާ ބާވަތުގެ އިސްލާހެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ، ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަަކީ އެ މަނިކުފާނު އަބަދުވެސް ދައްކަވާ ވާހަކައެއް ކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން، އިސްލާހަކަށް އަޅުގަނޑު ވެސް އެދެން. އެހެން ނަމަވެސް އަޅުގަނޑު ނުދެކެން މިއީ އަޅުގަނޑުމެން އެ ބަހުސް ހިންގާންވީ ވަގުތުކަމަކަށް ވެސް. އަދި މި އިސްލާހު މިބަޔާން ކުރެވެނީ އެ މަގަށް ކަމަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ ޖާބިރު ހުށަހެޅުއްވި މައްސަލަ އެޖެންޑާކުރައްވާނެ ކަމަށެވެ. އެއީ މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްކަމަށް ވެސް ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމެއްގެ ގޮތުން ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ގެންދަވަނީ ވަރަށް ކުރިން ފެށިގެން ވިދާޅުވަމުންނެވެ.

ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހުކުރަމުން އައިސް، ވެރިކަމުގެ ނިޒާމު ކަނޑައެޅުމާ ހަމައަށް އައުމުން 2007 ވަަނަ އަހަރު ރާއްޖޭގައި އެކަމާ ބެހޭގޮތުން ވޯޓެއް ނެގި އެވެ. އެފަހަރުގެ ވޯޓުން ފާސްވީ ރިޔާސީ ނިޒާމު ބޭއްވުމަށެެވެ. އެކަމަކު އޭރު އެމްޑީޕީން އެ ވޯޓްގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ނަތީޖާ ވަނީ އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރުން އޮޅުވައިލަފަ އެވެ.

ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމު ކަމަށާއި ކުރިއަށް އޮތް 10 އަހަަރު އެމްޑީޕީން ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

އެމްޑީޕީން ކޮންމެ މަހަކު ދެ ފަހަރު ނެރޭ "ޚަބަރު ސިޓީ" އަށް ނަޝީދު ލިއުއްވާފައިވާ ގޮތުގައި އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް އެމްޑީޕީން ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށާއި އެކަން ވާން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖާބިރު އިސްލާހެއް ހުށަހެޅުއްވީ އޭނާ ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ނިޒާމުގައި ރައީސްގެ ބާރު މާ ގަދަވާތީ އެވެ.

"މި ނިޒާމުގައި ރައީސް އެ ހުންނަވަނީ ރަސްކަލެއްހާ ބާރުގަދަކޮށް. ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް. މީހުން ނުވެސް ދަންނަ ބަޔަކު ވަޒީރުންނަށް ލީމާ ކޮރަޕްޝަން ހިންގަވާފައި، އެ ބޭފުޅުން އެ ތިއްބަވަނީ ފިއްލަވައިގެން. ގައުމެއް ނުހިނގާ. ގައުމު މި އޮތީ ބަނޑަށް ޖެހިފައި،" ޖާބިރު އޭރު ވިދާޅުވި އެވެ.

ޖާބިރު އޭރު ވިދާޅުވި ގޮތުގައި، ވެރިކަމުގެ ނިޒާމަށް ބަަދަލު ގެންނަން އޭނާ ހުށަހަޅުއްވަަނީ މަޖިލީހުގެ އެހެން މެމްބަރުންނާ ވެސް ވާހަކަ ދައްކަވައި ލޮބީ ކުރެއްވުމަށް ފަހު އެވެ. އެ މެމްބަރުންގެ ތާއީދު މިކަމަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނީތޯ ނުވަތަ މަޖިލީހުން އެކަން ނިންމޭނެތޯ އެއީ ބަހުސެއް ކަމަށާއި އެކަންް ނިިންމަވާނީ ގާނޫނީ މާހިރުންނާއި މަޖިލީހުން ކަަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.