ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލަ އަށް ފަންޑު ކުރި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެ އަށް ވަޑައިގަންނަވަން ޖެހިލުންވާ ކަމަށް ނަޝީދު ވިދާޅުވުމުން ވެސް ސަރުކާރުން އެކަމުގައި ބަހެއް ބުނެފައި ނުވާތީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
19 އޯގަސްޓް 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލަ އަށް ފަންޑު ކުރި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެ އަށް ވަޑައިގަންނަވަން ޖެހިލުންވާ ކަމަށް ނަޝީދު ވިދާޅުވުމުން ވެސް ސަރުކާރުން އެކަމުގައި ބަހެއް ބުނެފައި ނުވާތީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅެއްގައި ނަޝީދު ވިދާޅުވީ، މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާ ރޭވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް އެނބުރި ވަޑައިގަތުމަށް އެ މަނިކުފާނުގެ އިތުރުން އާއިލާގެ ބޭފުޅުންނާއި ހެޔޮއެދޭ އެތައް ބަޔަކު ވެސް ޖެހިލުންވާ ކަމަށެވެ. އެހެންވެ ނަޝީދު އެދިވަޑައިގަތީ ޗުއްޓީގެ މުއްދަތު އިތުރު ކޮށްދެއްވުމަށެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި އިމްތިޔާޒު ވިދާޅުވީ، ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށް ނަޝީދު ވިދާޅުވުމުން ސަރުކާރުން އެއާ ވިދިގެން ކޮންމެވެސް އެއްޗެއް ބުނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޗުއްޓީ އަށް ފަހު މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް ނަޝީދު ފޮނުއްވި ސިޓީފުޅާ ގުޅިގެން، އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ނުވާތީ އިމްތިޔާޒު ކަންބޮޑުވެވަޑައިގަތެވެ.
"އެހެން ނަމަވެސް މިއަދާ ހަމައަށް އަޅުގަނޑަކަށް އަދި ފާހަގައެއް ނުކުރެވޭ ސަރުކާރުގެ ފަރާތުން މިކަމަށް ރިއެކްޓް ކުރައްވައި ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން، އެ މަނިކުފާނު އެނބުރި ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްޕުޅު ކުރައްވަން، ރިޔާސަަތު ބަލަހައްޓަން ރައްކާތެރިކަމުގެ ޔަގީންކަން އަދި ދެއްވި ތަނެއް ނުފެނޭ،" އިމްތިޔާޒު ވިދާޅުވި އެވެ.
އިމްތިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުގެ ބޮޑު ޕަސެންޓެއް އޮތީ "އެމްޑީޕީ ނޫން ފަރާތްތަކުގެ އަތްމަތީ" ގަ އެވެ. އޭނާ ވިދާޅުވީ އެ ބޮޑު ޕަސެންޓުގެ ތެރޭގައި އެމްޑީޕީއާ އިދިކޮޅު ފަރާތްތަކާއި ނަޝީދާ ވަރަށް ދެކޮޅު އަދި އެ މަނިކުފާނުގެ ވެރިކަން ވައްޓައިލުމަށް އޭރު މަސައްކަތް ކުރެއްވި ބޭފުޅުންނާއި ނަޝީދަކީ ލާދީނީ ބޭފުޅެއްގެ ގޮތުގައި ލޭބަލްކުރި މީހުން ވެސް ހިމެނޭ ކަމަށެވެ.
އިންކުއަރީ ރިޕޯޓް އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ: އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ.
އިމްތިޔާޒު ވަނީ ނަޝީދަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެ ބޭފުޅުން ސަރުކާރަށް ނުފޫޒު ފޯރުވަމުން ގެންދަނީތޯ ސުވާލު އުފައްދަވައިފަ އެވެ.
"އެހެންވީމާ މި ވެރިން އަތްގަދަ ކުރައްވައިގެން އުޅުއްވަނީ ބާއޭ ސަރުކާރުން މިވަރަކަށް ރައީސް މުހައްމަދު ނަޝީދަށް ރައްކާތެރިކަން ލިބުން ކަށަވަރުކުރުން، މިހާ ރައްދު ދެއްވުމާއި ފިޔަވަޅުތައް އެޅުމާ މިކަންކަމާ، މައުލޫމާތު ހިއްސާކުރުމަށް ވެސް މިހާ ލަސްކަމެއް މި އަންނަނީ. މި ނުފޫޒު އޮތީތޯއޭ އަޅުގަނޑު ސުވާލު މި އުފެދެނީ،" އިމްތިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޯލިޝަންގެ ބޮޑު ޕަސެންޓެއް އިދިކޮޅަށް އޮތުމާ އެކު ނަޝީދުގެ ތަހުގީގު ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ގަދަކަމުން ވެސް ހޯއްދަވަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރޭ ވާހަކަ ދެއްކެވި އިތުރު މެމްބަރުންގެ ވެސް ކަންބޮޑުވުމަކީ ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައި ފާހަގަކުރި ރިކޮމެންޑޭޝަންތަކުގެ ތެރެއިން މިހާރު އަމަލުކުރަމުން އަންނަ ކަންތައްތައް ހާމަކޮށްފައި ނުވާތީ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރިޕޯޓްގައި ހުރި ރިކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމެއް މިހާރު ވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.
އެމްޑީޕީން އެކުލަވާލާފައިވާ މެއި ހައެއް ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ކޮމިޓީއަށް ވެސް މައުލޫމާތުތައް ލިބިފައިނުވާ ކަމަށެވެ.
އޭނާ ރޭ ވިދާޅުވީ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ސަލާމަތީ ހިދުމަތްތަކާ ކަމަށް ވިޔަސް އެ މަސައްކަތް ގޮސްފައި އޮތް ވަރު ބެލުމަށް އެމްއެންޑީއެފާ ބައްދަލުކުރުމަށް ހުށަހެޅުމުން އެތަނުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ފަރާތްތަކާ ބައްދަލުނުކުރާ ކަމަށެވެ. އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
ރާއްޖެ މިއައީ ތިން ދުވަހުން ފުރާކަށް ނޫން: ނަޝީދު
ނަޝީދުގެ "އެނބުރި އައުން" ފެންނަ ވީޑިއޯއެއް
ނަޝީދު ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް: އިކްރާމް
ހަމަލާގެ މައްސަލައަށް ސަމާލުކަން ކުޑަވުމުގެ ޝަކުވާކޮށްފި
މަޖިލީހަށް މިހާތަނަށް ސިއްރެއް ނުހިފެހެއްޓޭ: ދީދީ
އިންކުއަރީ ރިޕޯޓް ފާސްކޮށް މަޖިލިސް ޗުއްޓީ އަށް
އެމްޑީޕީން ފިލާތިބެން ލަދުގަންނަން ޖެހޭނެ: އާދަމް
ތިލަފުށީގައި އުޅޭ ބިދޭސީންގެ ނުރައްކާ ބޮޑު: އާޒިމް