Roadha Mihaaru
ނަޝީދުގެ "އެނބުރި އައުން" ފެންނަ ވީޑިއޯއެއް

ހަމަލާއަށް ފަހު ނަޝީދުގެ "އެނބުރި އައުން" ފެންނަ ވީޑިއޯއެއް

08 އޮކްޓޯބަރ 2021

ބޮމުގެ ހަމަލާއިން ހަށިކޮޅު ފޫއަޅުވާލި ރޭޒާ ފުއްތައް ނަގައި ފަރުވާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ފުރާވަޑައިގަތް އިރު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުކުރެއްވެ އެވެ. ތެދުވެވަޑައިގަތުމާއި ހިނގައިގަނެވެނީ ވެސް މީހެއްގެ އެހީތެރިކަމާ އެކުގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބޮމުގެ ހަމަލާއިން ހަށިކޮޅު ފޫއަޅުވާލި ރޭޒާ ފުއްތައް ނަގައި ފަރުވާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ފުރާވަޑައިގަތް އިރު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުކުރެއްވެ އެވެ. ތެދުވެވަޑައިގަތުމާއި ހިނގައިގަނެވެނީ ވެސް މީހެއްގެ އެހީތެރިކަމާ އެކުގަ އެވެ.

އޭގެ ފަސް މަސް ފަހުން މިއަދު ފެނުނީ އެމަނިކުފާނު ޓްރެޑްމީލް މަތީގައި ދުވެވަޑައިގަންނަވަނިކޮށެވެ. ކޮއްކޯފުޅު ނަޝާތު ސައްތާރުގެ ވީޑިއޯގައި ހިއްސާކުރެއްވީ އަނިޔާ އިން އަރައިގަތުމުގައި ނަޝީދުގެ ހިތްވަރެވެ. އެނބުރި ވަޑައިގަތުމަށް ކުރައްވާ މަސައްކަތެވެ.

ނަޝާތު އާއްމުކުރެއްވި ވީޑިއޯ

އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ހަމަލާގައި ހަށިކޮޅުގެ އެތައް ތަނަކަށް ރޭޒާ ފުއްތައް ވަދެ ނަޝީދުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.

މުޅިން ފަސޭހަވާން ނަގާނެ ކަމަށް ޑޮކްޓަރުން ވިދާޅުވާ މުއްދަތަކީ އެމަނިކުފާނަށް މާ ގިނަ ދުވަސް ކަމަށް ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ. އެކަމަކު ވެސް އުއްމީދު ނަގާ ނުލައްވައި ވީހާވެސް އަވަހަކަށް ރާއްޖެ ވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޒަހަމްތަކުން ފަސޭހަވާ މަންޒަރުން އާއިލާ އަށް ލިބުނު ހިތްހަމަޖެހުން ހިއްސާކުރައްވަން ނަޝާތު އާއްމުކުރެއްވި ވީޑިއޯ އިން ފެންނަ ގޮތުގައި ނަޝީދު ދުވެވަޑައިގަންނަވާ އިރު ވެސް ކަނާތު ފައިގައި މަލަން ކޮޅެއް އަޅާފައި އޮތެވެ. އެހެންވިޔަސް ފެންނަ ގޮތުގައި ކުރިއަށް ވުރެން މާބޮޑަށް ވެސް އެމަނިކުފާނުގެ ހާލު ރަނގަޅެވެ.

ހަމަލާގެ ކުރިން ވެސް އެމަނިކުފާނު ގަވައިދުން ދުވުމާއި ކަސްރަތުކޮށް ހައްދަވަ އެވެ.

މި ވީޑިއޯ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހާއްސަވީ ފަރުވާއަށް ފަހު ނަޝީދުގެ އެނބުރި އައުން ކަމަށް ސިފަވުމުންނެވެ.

"އުފާވެރި މަންޒަރެއް، އުއްމީދަކީ އަވަހަށް ރާއްޖެ އައުން،" އެކަކު ލިއެފައިވެ އެވެ.

އެހެން މީހަކު ބުނެފައި ވަނީ "ރާއްޖެ އާދެވޭ ވަރަށް މިހާރު ފިޓްވެއްޖެ" އެވެ. އެއަށް ޖަވާބުދިން މީހާ ބުނީ ފިޓް ނުވަނީ ރާއްޖޭގެ ސެކިއުރިޓީ ކަމަށެވެ.

މިދިޔަ މެއި މަހު ނަޝީދަށް އަމާޒުކުރި ހަމާލާގައި ގިނަ ޒަހަމްތަކެއް ލިބިވަޑައިގަތީ ގޮއްވާލި އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް ބުރައިގެން ގޮސް ހަށިކޮޅަށް ވަނުމުންނެވެ. އެ ރޭޒާ ފުއްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރު ވަންދެން އޮޕަރޭޝަން ކުރި އެވެ. ރާއްޖެއިން ބޭރުގައި ފުރަތަމަ ފަރުވާ ހޯއްދެވީ ޖަރުމަންގަ އެވެ. އިނގިރޭސިވިލާތަށް ވަޑައިގަތީ އޭގެ ފަހުންނެވެ.

ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތައް.

ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތައް.

ނަޝީދު އެންމެ ފަހުން ބޭއްވި ޕްރެސް ބްރީފިންގައި ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު މިހާރު ކުރިއަށް ވުރެ މާބޮޑަށް ވެސް ރަނގަޅެވެ. ނަމަވެސް ކަނާތްްޕުޅުގެ ތިން އިނގިލި އައްސިވެފައި އޮންނާތީ އެ އިނގިލިތައް އަދިވެސް ބޭނުން ނުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭރު ޑޮކްޓަރަށް ދައްކަވަން ޖެހިވަޑައިގަންނަވަނީ ކޮންމެ ތިން ހަފުތާއަކުން އެއްފަހަރެވެ. ނަމަވެސް އެއް ފަހަރު ޑޮކްޓަރަށް ދެއްކެވުމަށް ފަހު އަނެއް ފަހަރު ދެއްކެވުމާ ދޭތެރޭ ހޭދަވާ މުއްދަތު އިތުރުކުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ މަހު، އަނބުރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން އެމަނިކުފާނު ވަނީ ޒަހަމްތަކަށް ފަރުވާ ހޯއްދެވުން އަދިވެސް ނުނިމޭތީ އާއި ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހުގައި ވެސް ސަލާމަތީ ކަންތައްތައް ވަރުގަދަކުރަން ދައުލަތުން އެއްވެސް ކަމެއް ނުކުރާކަމުގެ ތުހުމަތު އެމްޑީޕީގެ ބައެއް މެމްބަރުން ކުރެ އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބޮޑު އިންކުއަރީއެއް ހަދައި، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ ސަލާމަތީ ކަންތައްތަައް ވަރުގަދަކުރަން ލާޒިމްކޮށް ރިކޮމެންޑޭޝަންތައް ފޮނުވާފައިވެ އެވެ.

އެމަނިކުފާނަށް ހަމަލާދިން މީހުން ހައްޔަރުކޮށް ދައުވާ އުފުލައި މިހާރު ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.