Roadha Mihaaru
ނަޝީދުގެ އާ ސްޓައިލް މާ ރީތިވެއްޖެ!

ނަޝީދުގެ އާ ސްޓައިލް މާ ރީތިވެއްޖެ!

17 މެއި 2021

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ޓެރަސްޓް ހަމަލާއަށް ފަހު، އެ މަނިކުފާނުގެ ކޮންމެ ފޮޓޯއަކަށް ލިބޭ ސަމާލުކަން ބޮޑެވެ. ހަމަލާގައި ލިބުނު ބޮޑެތި ޒަހަމްތަކަށް އޭޑީކޭގައި ހޯއްދެވި ފަރުވާ އަށް ފަހު އެ ހޮސްޕިޓަލްގެ ބައެއް މެޑިކަލް ސްޓާފުންނާ އެކު ނެންގެވި ފޮޓޯއަށް ފަހު ދެން އާންމުކުރެއްވީ އަނިޔާގެ ސީރިއަސްކަން ހާމަވާ، ބަލަން އުނދަގޫ ފޮޓޯތަކަކެވެ. އެކަމަކު އިއްޔެ އާންމުކުރެއްވި ފޮޓޯއާ އެކު ފެށުނީ އެހެން މައުލޫއެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ޓެރަސްޓް ހަމަލާއަށް ފަހު، އެ މަނިކުފާނުގެ ކޮންމެ ފޮޓޯއަކަށް ލިބޭ ސަމާލުކަން ބޮޑެވެ. ހަމަލާގައި ލިބުނު ބޮޑެތި ޒަހަމްތަކަށް އޭޑީކޭގައި ހޯއްދެވި ފަރުވާ އަށް ފަހު އެ ހޮސްޕިޓަލްގެ ބައެއް މެޑިކަލް ސްޓާފުންނާ އެކު ނެންގެވި ފޮޓޯއަށް ފަހު ދެން އާންމުކުރެއްވީ އަނިޔާގެ ސީރިއަސްކަން ހާމަވާ، ބަލަން އުނދަގޫ ފޮޓޯތަކަކެވެ. އެކަމަކު އިއްޔެ އާންމުކުރެއްވި ފޮޓޯއާ އެކު ފެށުނީ އެހެން މައުލޫއެކެވެ.

ފޮޓޯ އިން ފެންނަނީ އިތުރު ފަރުވާއަށް މިހާރު ޖަރުމަނުގެ ބާލިން އަށް ވަޑައިގެން އުޅުއްވަމުން، ހޮސްޕިޓަލުގެ ޕާކެއްގެ ތެރޭގައި ހިންގަވަނިކޮށެވެ. ފޮޓޯ ހާއްސަވީ ބޮލުގެ އިސްތަށިގަނޑު ބާލުއްވާފައި ހުރުމުން ފެންނަ ގޮތުންނެވެ. ބެލެވޭ ގޮތުގައި އެއީ ބޮލާއި މޫނުގެ ޒަހަމްތަކާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަތް ކަމެކެވެ. އެކަން ދޭހަވާ އެއް ކަމަކީ ނަޝީދު ކުޑަދޮރަކުން ބޭރަށް ބައްލަވަން ހުންނެވި ފޮޓޯއެއް ވެސް އާންމުކޮށްފައި ވާއިރު އެ ފޮޓޯ އިން ޒަހަމްތައް ފާހަގަވާން ހުރުމެވެ.

އެކަމަކު މި "ނިއު ލުކް" ގިނަ ބަޔަކަށް ރީތިވެއްޖެ އެވެ.

ފިނިން ސަލާމަތްވާން ކޯޓެއް ތުރުކުރައްވައިގެން ހުންނެވި ނަޝީދާ އެކު މި ފޮޓޯގައި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) ވެސް ހުންނެވި އެވެ. "ހެލޯ ބާލިން" އޭ ވިދާޅުވެ މި ފޮޓޯ ޓުވީޓް ކުރެއްވީ ވެސް އީވާ އެވެ.

އީވާ ޓުވީޓްކުރެއްވި ރައީސް ނަޝީދު އާއި އަހްމަދު ޝާހިދު (ސާބެ) ގެ ފޮޓޯ.

މިއަދު ނަޝީދުގެ 54 ވަނަ އުފަން ދުވަސް ފާހަގަކުރާއިރު ނަޝީދުގެ މިހާރުގެ ސިފަޔާ އެކު ފެންނަނީ މާ ޒުވާންކޮށް ސްމާޓްކޮށް ކަމަށް ބުނެ ބައެއް މީހުން ޓްވީޓްކޮށްފައިވެ އެވެ. އަދި އެއަށް ވުރެ ވެސް ބޮޑަށް ނަޝީދުގެ މި ފޮޓޯއިން އޭނާގެ ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމުގެ ޔަގީންކަން ލިބުމެވެ.

ނަޝީދުގެ އެކައުންޓެއް ކަމަށް ބުނާ "އެލެކްސް އަހްމަދު"ގެ އެކައުންޓުން ޓްވީޓްކޮށްފައިވާ މި ފޮޓޯ އިން ބޮލުގެ ޒަހަމްތައް ފާޅުވޭ.

"މިވަރުގެ މީހަކު އަހަރެމެންގެ ޖީލަކަށް ހިޔެއްނުވޭ ލިބޭނެހެން. މިއީ އާދައިގެ މީހެއް ނޫން. ވެއްޓުނުލެއް ވުރެ ބާރަށް އެ ހުރީ ތެދުވެ ކޮޅަށް،" އަހްމަދު ފައިސަލް ނަމުގައި މި ފޮޓޯއަށް މީހަކު ރިޕްލައިކޮށްފައި އޮތެވެ.

މީގެ އިތުރުން ސަމާލުކަން ލިބުނީ ނަޝީދު ބޭނުންކުރައްވާ ކަމަށް ބުނާ "އެލެކްސް އަހްމަދު" ގެ ޓްވިޓާ އެކައުންޓުން ޓުވީޓްކުރި ފޮޓޯއެކެވެ. ބާލިން އިން ބާއްޖަވެރި ހެނދުނަކަށް އެދެމުން ފޮނުވި މި ފޮޓޯގައި ފެންނަނީ ފަރުވާ ހޯއްދަވަމުން ގެންދަވާ ހޮސްޕިޓަލްގެ ކުޑަދޮރަކުން އެ މަނިކުފާނު ބޭރަށް ބައްލަވަން ހުންނަވާ މަންޒަރެވެ. ހަމަލާގައި އެ މަނިކުފާނުގެ ބޮލަށް ލިބުނު ބައެއް އަނިޔާތައް އެ ފޮޓޯ އިން ފެނެ އެވެ.

އާންމުންގެ މީހަކު ޓުވީޓްކުރި ރައީސް ނަޝީދުގެ ވީޑިއޯއެއް.

މި ފޮޓޯތަކާ އެކު އިއްޔެ ސޯޝަލް މީޑިއާގައި ދެން އެންމެ ވައިގަހިފީ، ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާ ޖަރުމަނުގެ ހޮސްޕިޓަލުގެ ސިޑިއަކުން ތިރިއަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. މިއީ އަހްމަދު އާޒިމް ކިޔާ މީހަކު ޓުވީޓްކުރި ކުރު ވީޑިއޯއެކެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީގެ ސަަބަބުން ބޮޑެތި އަދި ފުން ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. ނަޝީދަށް ފުރަތަމަ ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި މި ހަމަލާގައި ނަޝީދުގެ ފުރާނައަށް ނުރައްކާވާނެ ކިތަންމެ ޒަހަމްވެއް ލިބުނެވެ. ނަޝީދު ޖަރުމަނަށް ވަޑައިގަތީ އިމަޖެންސީގައި ކުރި ބޮޑެތި އޮޕަރޭޝަންތަކަކަށް ފަހު ހާލުކޮޅު ރަނގަޅުވާން ފެށުމުންނެވެ.