Roadha Mihaaru
ނަފްރަތު ބިލަށް އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދަނީ

ނަފުރަތުގެ ބިލަށް ލަފާ ހޯދާނީ އިސްލާމިކް މިނިސްޓްރީ، ޕީޖީ އަދި އެޗްއާރްސީއެމުން

16 ޖޫން 2021

މީހުންގެ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަަހެޅި ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މީހުންގެ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަަހެޅި ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ.

އެ ކޮމިޓީން އެ ބިލާ މެދު މަޝްވަރާ ކުރުމުގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވާފައިވާއިރު، ނިންމާފައި ވަނީ އަވަހަށް ނިންމަން ޖެހޭ ބިލްތައް އެޖެންޑާގެ ކުރިއަށް ލައިގެން މަސައްކަތްކުރާ އުސޫލުން ކުރިއަށް ގެންދިއުމަށެވެ. އެ މައްސަލަ އެޖެންޑާކޮށް ބިލުގެ ސުންގަނޑި ކަނޑައެޅުއްވުމަށް ފަހު، ބިލަށް ލަފާ ހޯދާނެ މުއައްސަސާތައް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

"އަޅުގަނޑު ސަޖެސްޓް ކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިޔަން ރަނގަޅުވާނެ ކަމަށް މި ބިލަށް ކޮމެންޓް ހޯދަން އަދި ހަމަ އެއާ އެކުގައި އިސްލާމިކް މިނިސްޓްރީ އަށް ވެސް ބިލުގެ ބާވަތުން. އަދި ހަމަ އެއާ އެކުގައި މިއީ ހިޔާލުފާޅުކުރުމާ މި ބާވަތުގެ ހައްގުތަކާ ބެހޭ ވެސް ބިލަކަށް ވާތީވެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ބިލަށް ކޮމެންޓް ހޯދުމަށް ލިޔަން،" އިންތި ވިދާޅުވި އެވެ.

އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާތީ އެކަން ފާސްވީ އިއްތިފާގުންނެވެ.

ބިލަށް ކޮމެންޓް ހޯދާނެ ފަރާތްތައް ކަނޑައެޅުމާއެކު ބިލުގެ މަސަައްކަތް ކޮމިޓީން ނިންމާނެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް ވެސް ރޭ ނިންމި އެވެ.

ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެކޭ ނުވަތަ ދީނާ ދެކޮޅު މީހެކޭ އާއްމު ތަނެއްގައި ބުނެފި މީހަކަށް ޖަލު ހުކުމެއް ކުރެވޭ ގޮތަށް ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ހުށަހަޅާފައިވާ އެ ބިލަށް ބައެއް ދީނީ އިލްމުވެރިންނާއި އާއްްމުން ވެސް ދަނީ ފާޑުކިޔަމުންނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔަ އިރު، އިދިކޮޅު މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.