Roadha Mihaaru
މުރުތައްދު ވެއްޖެ ނަމަ ކާފަރެކޭ ބުނުން މަނައެއް ނުވާނެ

މުރުތައްދުވެއްޖެ ނަމަ ކާފަރެކޭ ބުނުން މަނާނުވާ ގޮތަށް ބިލު ބަދަލުކުރަނީ

29 ޖޫން 2021

އަގީދާއާ ގުޅުވައި ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަދަލުތަކެއް ގެނެސް މީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުން މަނާ ނުވާނެ ހާާލަތެއް އޮންނަ ގޮތަށް، ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން މިއަދު ފާސްްްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަގީދާއާ ގުޅުވައި ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަދަލުތަކެއް ގެނެސް މީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުން މަނާ ނުވާނެ ހާާލަތެއް އޮންނަ ގޮތަށް، ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން މިއަދު ފާސްްްކޮށްފި އެވެ.

ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް އިސްލާހުތައް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެ އިސްލާހުތައް ހުށަހަޅުއްވަމުން އިންތި ވިދާޅުވީ އިސްލާހުތަކާ އެކު ބިލުގެ މާއްދާތައް އޭނާ އަލުން ޑްރާފްޓް ކުރެއްވީ އިސްލާމިކް މިނިސްޓްރީން ހުށަަހެޅި ކޮމެންޓްތަކާއި އާއްމު ހުށަހެޅި ކޮމެންޓްތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ކޮމެންޓްތަކަށް އެޑްރެސް ކުރައްވައިގެން ޑްރާފްޓްތަކެއް ހެއްދެވީ، އޭނާ ވިދާޅުވިގޮތުގައި ކޮމިޓީގެ މެމްބަރުންނަށް ފަސޭހައަކަށެވެ. އެއީ އޭނާ މީގެ ކުރިން ވެސް އަމަލުކުރައްވާފައިވާ ގޮތެކެވެ.

"އަޅުގަނޑު އަމިއްލައަށް ތައްޔާރުކޮށްފައި މިއޮތީ މިއީ ލިބިފައި ހުރި ކޮމެންޓްތައް ކިއުމަށް ފަހުގައި އެއަށް ރިއާޔަތްކޮށްފައި، ރިފްރޭސް ކޮށްފައި ޑްރާފްޓެއް ހަދައިގެން މިގެނައީ ތިޔަ ބޭފުޅުންނަށް ދައްކައިލުމަށް ޓަކައި. އެއީ މީގެ ކުރީގައި ވެސް އަޅުގަނޑު ބައެއް ފަހަރު އަމަލުކުރާ ގޮތެއް،" އިންތި ވިދާޅުވި އެވެ.

ބިލު ހުށަހެޅި އިރު އޭގައި އޮތީ ގާނޫނުއަސާސީގެ 124 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން އިތުކުރަން ހުށަހަޅާފައިވާ މާއްދާގެ އެއް ވަނަ ނަމްބަރުގައި އޮތީ ބައެއް ކަންތައްތަކަކީ ޖަލު ހުކުމެއް އަންނާނެ ކުށަކަށް ހެދުމަށެވެ. އެގޮތުން ކުށެއް ކަމަށް ކަނޑައަޅަން ފުރަތަމަ އޮތީ "އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނުމެ"ވެ.

އިންތި މިއަދު ހުށަހެޅުއްވީ އެއަށް އިސްތިސްނާއެއް ލުމަށެވެ. އެގޮތުން ހިމަނުއްވާފައިވާ ހާލަތަކީ މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުތައްދުވުމެވެ. މީހަކު ކާފަރުވެފައިވާ ކަމަށް ނުވަތަ މުރުތައްދު ވެފައިވާ ކަމަށް ބުނުން ކުށަކަށް ވާނީ އެނޫން ހާލަތްތަކުގަ އެވެ.

އެގޮތަށް ފާސްކުރަން ވޯޓު ނުދެއްވީ ދެ މެމްބަރެކެވެ.

ބިލުގައި ދެން ހުރި މާއްދާތަކަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނައި ނަމަވެސް، މުޅިން ނިންމައި ތަޅުމަށް އަލުން ފޮނުވާއިރު އަދިވެސް ބައެއް ބަދަލުތައް ގެނެވޭނެ ކަމަށް މިއަދުގެ ބައްދަލުވުމުގައި އިންތި ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އިތުރަށް އަދި މި ބިލާ މެދު ކުރަން ޖެހޭ ބައެއް ކަންތައްތައް ހުންނާނެ. މި ބައިތަކުގެ އިތުރުން އަޅުގަނޑުމެން ކުރަން ޖެހޭނެ [ކަމެއް އެއީ] އާއްމު ތަނެއް މާނަކުރުން،" އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އާއްމު ތަނެއް މާނަކުރުމާއި ނަފުރަތުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ފަދަ ކަންތައްތަކަށް އަދި ބަދަލުތަކެއް ގެންނަ އިރު އެކަންކަމަށް ވެސް ކޮމެންޓް އެބަހުރި ކަމަށެވެ.