Roadha Mihaaru
ނަފްރަތުގެ ބިލަށް އާ އިސްލާހުތަކެއް ގެެނެސް ކޮމިޓީއަށް

ނަފްރަތުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އާ އިސްލާހުތައް ކޮމިޓީއަށް

07 ސެޕްޓެމްބަރ 2021

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު އިތުރަށް މަޝްވަރާކުރުމަށް ފަހު އާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ އެޓާނީ ޖެނެރަލްގެ އޮފީހުން ހިއްސާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު އިތުރަށް މަޝްވަރާކުރުމަށް ފަހު އާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ އެޓާނީ ޖެނެރަލްގެ އޮފީހުން ހިއްސާކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް، މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވަނިކޮށް އެ ބިލު އަނބުރާ ކޮމިޓީ އަށް ފޮނުވާލީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

ބިލު ކޮމިޓީ އަށް އަނބުރާ ފޮނުވައިލީ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ އެހެން ފަރާތްތަކާ ވެސް އަލުން މަޝްވަރާކޮށް ބަދަލުތަކެއް ގެނައުމަށެވެ.

އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ބުނީ ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށް ފަހު އެ ބިލަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ އޮފީހުން ބޭއްވި ސިލްސިލާ ބައްދަލުވުންތައް މިއަދު ނިންމާލާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެ ބިލަށް ކޮމިޓީން ގެނެސްފައިވާ ބަދަލުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިސްލާހުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު ވެސް މަޝްވަރާކޮށްފައިވެ އެވެ. އަދި އެ ބައްދަލުވުމުގައި އެއްބަސްވެވުނު ކަންކަން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ވެސް އެތައް ބަޔަކު އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އެވެ.

ނަފުރަތު ހުއްޓުވާ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރި އިރު އެ ބިލަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެ ބަދަލުތައް ގެނައީ ބިލާ ބެހޭ ގޮތުން ލިބުނު ކޮމެންޓްތަކަށް ރިއާޔަތްކޮށްގެންނެވެ. އެގޮތުން ކޮމެންޓް ކުރީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަނާއި އާއްމުންނެވެ.

ކުރިން ވެސް މި ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ހިއުމަން ރައިޓްސް ކޮމިޝަނާއި އިސްލާމިކް މިނިސްޓްރީން ހުށަހެޅި އެވެ. އެޗްއާރުސީއެމުން އެދިފައި ވަނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ލިބުމާއި ފެތުރުމުގެ ހައްގު ކަށަވަރުކޮށްދޭ ގޮތަށް އިސްލާހުކުރުމަށެވެ. އިސްލާމް މިނިސްޓްރީން ލަފާދިނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތައް ނަފުރަތުގެ ބިލުގައި ހިމެނުމަށެވެ.