ދީނީ އަގީދާއާ ގުޅުވައިގެން މީހުންނާ މެދު ނަފުރަަތު އުފެއްދުމަކީ ކުށަކަށް ހެދުމަށްޓަކައި ގާނޫލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.
15 ޖޫން 2021
ދީނީ އަގީދާއާ ގުޅުވައިގެން މީހުންނާ މެދު ނަފުރަަތު އުފެއްދުމަކީ ކުށަކަށް ހެދުމަށްޓަކައި ގާނޫލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލްގެ އިބްތިދާއީ ބަހުސްް ނިންމައި އެ ބިލް ބަލައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 38 މެމްބަރެއްގެ ވޯޓުންނެވެ. އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަަށް ވޯޓު ނުދެއްވާ މެމްބަރަކު ނެތެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 62 މެމްބަރުންނެވެ.
އެބިލަށް މަޖިލީހުގެ ތަަޅުމުގައި ދެން ބަހުސް ކުރާނީ ކޮމިޓީން ދިރާސާކޮށް ނިމުމުންނެވެ.
ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި މަޖިލީހަށް ތައާރަފްކޮށްްދެއްވަމުން ބިލު ސްޕޮންސާ ކުރެއްވި މެމްބަރު ހިސާން ވިދާޅުވީ، އެ ބިލް ޑިޒައިން ކޮށްފައި ވަނީ ހަމައެކަނި ޑިމޮކްރެޓިކް ނިޒާމުތަކަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަސޫލާގެ ހަދީސް ބަސްފުޅުތަކާއި އެ ބަސްފުޅުތަކާ މެދު އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހެން ވިދާޅުވެ، ބައެއް ހަދީސްތަކުގެ މާނަ އާއި އެ ހަދީސްތަކުގެ ޝަރަހައިގައި ބައެއް އިލްމުވެރިން ދައްކަވާފައިވާ ވާހަކަތައް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ސަރުކާރުން ހުށަހެޅި އެ ބިލުގައި އޮތީ އަގީދާއާ ގުޅުވައި މީހަކު ވަކި ގޮތަކަށް ލޭބަލް ކުރުމަކީ ގާނޫނީ ކުށަކަށް ހެދޭނެ މާއްދާއެއް ގާނޫނުލް އުގޫބާތަށް އިތުރު ކުރުމެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރަން ހުށަހަޅާފައި އެބަ އޮތެވެ.
އިތުކުރަން ހުށަހެޅި މާއްދާގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެކޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނުން ވާނީ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށަކަށެވެެ. މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ވެސް އެ މާއްދާގައިވާ ގޮތުން ކުށެކެވެ. އެ ފަދަ ތުހުމަތުތަކާ އެކު މީހަކަށް އަނިޔާ ދިނުމަށް ގޮވައިލުމަކީ ކުށެއް ކަމަށް ދެވަނަ ނަމްބަރުގައި އޮވެ އެވެ.
ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެންމެ ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނީ ބިލުގެ އެއް ވަނަަ ނަމްބަރުގައިވާ ބައިތަކާ މެދު ގަ އެވެ. އިސްލާމްދީނަށް ފުރައްްސާރަކުރުން ފަދަ ކަންތައްތައް ކުރާ މީހުންނާ ދެކޮޅަށް ވާހަކަ ދެއްކުން އެގޮތަށް އޮތުމުން ހުއްޓޭނެ ކަމަށް ބިލާ ދެކޮޅު ހައްދަވާ ބޭފުޅުން ވިދާޅުވެ އެވެ.
ވާހަކަތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ތައުހީނުކުރުމަކީ މިހާރު ވެސް ރާއްޖޭގައި ކުށެއް ކަމަށެވެ. އެކަމަކު މީހަކު ދީނުން ބޭރުވިކަން ކަނޑައެޅުމަކީ ދައުލަތުން ކުރާ ކަމެއް ކަމަށާއި އެއީ އާއްމުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ނަފްރަތު ބިލަށް އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދަނީ
ނަފުރަތު ބިލާ އެމްޑީޕީގެ މެމްބަރަކު ވެސް ދެކޮޅު
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ޖިނާއީ ކުށަކަށް!
ހިސާންގެ ދިފާއުގައި ނުކުތީ އޭޖީ ރިފްއަތު އެކަނި: އީވާ
ނަފްރަތުގެ ބިލް އެންމެ ފަހު ވަގުތު އަލުން ކޮމިޓީއަށް
ބިލް ފާސްކުރުމަށް ސަރުކާރަށް އެމްޑީޕީގެ ފިއްތުންތައް!
ބިލާ މެދު އިބިލީހާ މަޝްވަރާކުރާކަށް ނުޖެހޭ: ބޮންޑޭ
ނަފުރަތުގެ ބިލަށް އިސްލާމިކް މިނިސްޓަރުގެ ކަންބޮޑުވުން
ނަފްރަަތުގެ ބިލާ ބެހޭ ގޮތުން މަޝްވަރާއެއް ނުކުރޭ: ޖޭޕީ