27 އެޕްރީލް 2023
ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން ލަސްކޮށް، ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ބޭއްވުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް ކަމަށް ބުނެ އެމްއެމްސީ އާއި އެމްޖޭއޭ އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން ލަސްކޮށް، ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ބޭއްވުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް ކަމަށް ބުނެ އެމްއެމްސީ އާއި އެމްޖޭއޭ އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތީ މިނިވަން ނޫސްވެރިކަން ގެއްލި، ނޫސްވެރިޔާ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށެވެ. ޖިނާއީ މައްސަލައެއްގެ ތަހުގީގުގައި ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލް ނުވަތަ ތުހުމަތުވާ މީހާ އަށް ވެސް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެދި ކޯޓަށް ހުށަހެޅިދާނެ އެވެ.
މިއީ، ނޫސްވެރިކަމަށް އޮތް ހުރަހެއް ކަމުގެ ކަންބޮޑުވުން ފާޅުކޮށް މީޑިއާ ކައުންސިލާއި އެމްޖޭއޭ އިން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން އައީ، ހެއްކާ ބެހޭ ބިލުން އެ މާއްދާ އުނިކޮށްދިނުމަށެވެ. އެކަމަކު އެކަންކަމަށް ބެލުމެއް ނެތި މަޖިލީހުން އެ ބިލް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި އަަމަލުކުރަމުން އަންނަތާ ތިން މަސްވެއްޖެ އެވެ.
އެކަން އިސްލާހުކޮށްދޭން އެދި ނޫސްވެރިން ކުރި ހިމޭން މުޒާހަރާތަކާއި މުއައްސަސާތަކަށް ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ގާނޫނު އިސްލާހުކުރަން އެއްބަސްވެ، ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން އެކަން ކުރިއަށް ގެންދިޔަ އެވެ. އެ ކޮމިޓީން ނިންމީ މަސްދަރު ހާމަކުރުމުގެ ބާރު ހަމައެކަނި، ހައި ކޯޓަށް ދިނުމަށެވެ.
އެކަމަކު އެގޮތަށް ފާސްނުކޮށް "އިތުރަށް ފުރިހަމަކުރަން" މަޖިލީހުގެ ތަޅުމުން އިއްޔެ އެ ބިލް އަނބުރާ ވަނީ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.
އިސްލާހުކުރުން ލަސްވެފައި އޮތް ކަމެއް މިގޮތަށް ދިގުދަންމައި އިތުރަށް ލަސްކުރާތީ، އެމްއެމްސީ އާއި އެމްޖޭއިން ވަނީ ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފައްދައިފަ އެވެ.
"އަދި [މިއީ] ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން އަހައްމިއްޔަތުކަން ދޭ މިންވަރާ މެދު ސުވާލު އުފެދޭ ކަމެކެވެ،" އެމްއެމްސީން ބުންޏެވެ.
މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ގޮތަށް އެ ގާނޫނު ދެމިއޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފުރިހަމަ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް ކަމަށެވެ.
ހެއްކާ ބެހޭ ބިލާ ދެކޮޅަށް ނޫސްވެރިން ހިމޭން މުޒާހަރާގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ކައުންސިލުން ބުނި ގޮތުގައި އެ ބިލް އޮތީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ގޮތަށެވެ.
"ސަބަބަކީ ހެއްކޭ ބެހޭ ބިލުގެ 136 ވަނަ މާއްދާގައި މިހާރު ހިމަނާފައިވާ ގޮތުން ނަމަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓަ ޖެނެރަލް ނުވަތަ ދައވާ ލިބޭ ފަރާތުން މަޖުބޫރުކުރެވިދާނެ އެވެ. ނަމަވެސް ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކަކީ އެއްވެސް ގާނޫނެއްގައި ތަފްސީލްކޮށް ކަނޑައަޅައި ބަޔާންކޮށްދީފައިވާ ކުށްތަކަށް ނުވާއިރު، ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ކަމަކަށް ވާތީ އޭގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ހުޅުވިގެންދާނެތީ އެވެ،" އެމްއެމްސީން ބުންޏެވެ.
އެމްޖޭއޭ އިން އެދުނީ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަމާއި ތުހުމަތުކުރެވޭ މީހާއަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު ނުލިބޭ ގޮތަށް ގާނޫނު އިސްލާހުކޮށްދިނުމަށެވެ.
މަސްދަރު ހާމަކުރަން އެއްވެސް ނޫސްވެރިޔަކަށް މިހާތަނަށް މަޖުބޫރުކޮށްފައި ނުވިޔަސް ފުޅާދާއިރާއެއްގައި މާނަ ނެގޭ ގޮތަށް އޮތް އެ ގާނޫނުގެ ދަށުން މިހާރު ވެސް މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ހާލަތެއް ކުރިމަތިވެފައި އޮތުމުން އެމްޖޭއިން ކަންބޮޑުވުންފާޅުކުރި އެވެ.
"ޖުޑިޝަރީ ކޮމިޓީން ވަނީ ގާނޫނުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް މި ޖަމިއްޔާއިން ގަބޫލުކުރާ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކުށްތައް މާނަކޮށްފައި ނެތް މައްސަލައަށް ހައްލެއް ހޯދައިދީފަ އެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
"ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކުށުގެ ތުހުމަތުވާ މީހާއަށް ވެސް އެދެވޭ ގޮތަށް އޮތްއިރު, ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަމެއް ސާފުވާކަށް ނެތެވެ. އެހެންކަމުން އެ މާއްދާގެ ނާޖައިޒު ބޭނުން ހިފައި، ނޫސްވެރިކަމުގެ ހައްގަށް ހުރަސްއަޅައި ގެއްލުންދިނުމަކީ މިހާރު ވެސް ތަންމިނަށް ހުޅުވިފައިވާ ފުރުސަތެކެވެ."
މަސްދަރު ހިމާޔަތް ކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސްކަން ފާހަގަކޮށް އެމްޖޭއޭ އިން ބުނީ ރާއްޖޭގައި މަސްދަރު ހާމަކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމް ނުކުރެވި, ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
މީޑިއާ ކައުންސިލުން އެދިފައި ވަނީ ޕްރޮސިކިއުޓަ ޖެނެރަލް ނުވަތަ ދައުވާ ލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި އާއްމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަން ޖެހޭ މައުލޫމާތަށް ވާތީ ހަމައެކަނި ތަހުގީގީ އިދާރާ އިން އެދުމުން އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެ ގޮތަށް ހިމެނުމަށެވެ.
އެއާއެކު ވެސް އެމްއެމްސީގެ ފުރަތަމަ ހުށަހެޅުމަކީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ އެއްކޮށް އުނިކުރުމެވެ.
އެމްޖޭއޭ އިން ޑިމާންޑް ކުރަނީ ގާނޫނު އިސްލާހުވެގެން އަންނައިރު, "ގައުމީ ސަލާމަތް" އެއްކޮށް އުނިވެގެން ދިޔުން ނުވަތަ މިހާރު ކޮމިޓީން ނިންމާފައިވާ ގޮތަށް ގައުމީ ސަލާމަތާ ގުޅޭ ކުށްތަކަކީ ކޮބައި ކަމާއި އޭގެން ރައްޔިތުންނަށް ލިބިދީފައިވާ ގާނޫނީ ހައްގުގެ ތެރެއިން ހިންގާ ސުލްހަވެރި ހަރަކާތްތައް އިސްތިސްނާވާނެކަމަށް ކަނޑައެޅުމެވެ. އަދި, ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ, އެގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވެސް އެމްޖޭއޭ އިން ގޮވާލާފައިވެ އެވެ.
އެމްއެމްސީ އާއި އެމްޖޭއޭ އިން ގޮވާލީ ވީހާވެސް އަވަހަށް ގާނޫނު އިސްލާހުކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސް ނައްތާލުމަށެވެ.
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
ބިލު ތަސްދީގުނުކުރަން ޖަމިއްޔާތަކުން ގޮވާލައިފި
ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރަނީ
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
ކުރިއަށް ވުރެ ބިލު ގޯސް، އެކަށީގެންވާ ބަދަލެއް ނެތް
ނޫސްވެރިކަމަށް ހުރަސްއެޅޭ ބިލް ހޯމަދުވަހު ފާސްކުރަނީ