Roadha Mihaaru
ބެޒޯސް އަށްވުރެ ކުރިން ބްރޭންސަން ޖައްވަށް ފުރަނީ

ދެ މަހުޖަނުންގެ ޖައްވީ ރޭސް: ބެޒޯސް އަށްވުރެ ކުރިން ބްރޭންސަން ފުރަނީ

03 ޖުލައި 2021

ޖައްވީ ދަތުރަކަށް ނުކުންނަ ފުރަތަމަ ބިލިއަނަރެއްގެ މަގާމު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަށް، އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަނާ ހެދި ގެއްލިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވީ ދަތުރަކަށް ނުކުންނަ ފުރަތަމަ ބިލިއަނަރެއްގެ މަގާމު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަށް، އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަނާ ހެދި ގެއްލިއްޖެ އެވެ.

ބެޒޯސްގެ ބްލޫ އޮރިޖިންގެ "ނިއު ޝެފަޑް" ކިޔާ އުޅަނދުގައި ކުރާ ފުރަތަމަ ދަތުރު މި މަހުގެ 20 އަށް ތާވަލުކޮށްފައި ވަނިކޮށް ވާޖިން ގްރޫޕްގެ ވެރިޔާ ބްރޭންސަންގެ ޖައްވީ ދަތުރު މި މަހުގެ 11 ގައި އޮންނާނެކަން ބުރާސްފަތި ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

ވަރަށް ކުއްލި ގޮތަކަށް މި ދަތުރު އިއުލާންކުރީ ވެސް ޖައްވީ ދަތުރަށް ނުކުންނަ ފުރަތަމަ މަޖުހަނުގެ މަގާމުން ބްރޭންސަން ހޯދުމުގެ ގޮތުން ކަމަށް މިޑިއާތަކުން ބުންޏެވެ. ބޮޑެތި ކުންފުނިތަކުން ސްޕޭސް ޓޫރިޒަމް ތައާރަފުކުރަން ނިންމައި، އެކަމާ ގުޅޭ މަސައްތަކުރަމުން އަންނަ އިރި މިކަމުގައި އެންމެ ވާދަވެރިކަން ބޮޑީ ވެސް ބެޒޯސްގެ ބްލޫ އޮރިޖިން އާއި ބްރޭންސަންސްގެ ސްޕޭސް ކުންފުނި ވާޖިން ގެލެކްޓިކްގެ އިތުރުން މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ މެދުގަ އެވެ.

ބެޒޯސްގެ ދަތުރުގެ ނުވަ ދުވަސް ކުދިން ބްރޭންސަންގެ ދަތުރު ބާއްވަން ނިންމައި އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރި އެކަމާ ގުޅޭ ގޮތުން ބްރޭންސަން ސޯޝަލް މީޑިއާގައި ވިދާޅުވީ މިކަމަކީ އޭނާގެ ޒަމާންވީ ހުވަފެނެއް ކަމަށެވެ.

"އެެހެންވީމާ މިހާރު މިއޮތީ މި ހުވަފެން މި މަހުގެ އެގާރައިގައި ހަގީގަތަކަށް ހަދަން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ވާޖިން ގެލޭޓިކް އިން ޖައްވީ ދަތުރުތަކަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 2014 ގައި ޓެސްޓް ފްލައިޓްތަކެއް ބޭއްވި އެވެ. އަދި އެ އަހަރުގެ ޓެސްޓް ފްލައިޓްގައި ކޯ-ޕައިލެޓަކު މަރުވެފައިވެ އެވެ.

ވާޖިން ގެލެކްޓިކްގެ "ވައިޓް ނައިޓް ޓޫ" ކިޔާ އުޅަނދުގައި ކުރާ ދަތުރުގައި ބްރޭންސަނާ އެކު ކުރިން ޓެސްޓް ދަތުރުތަކުގައި ވެސް ބައިވެރިވި އަދި ވާޖިން ގެލެކްޓިކްގެ ޓްރެއިނިން ހެޑް ބެތު މޯސެސްގެ އިތުރުން ކުންފުނީގެ ކޮރިން ބެނެޓް އާއި ސްރިޝާ ބަންޑްލާ ވެސް ބައިވެރިވާނެ އެވެ.

ބްރޭންސަން ވިދާޅުވީ ދަތުރު ނިންމާލައި އެނބުރި ވަޑައިގަތުމަށް ފަހު އާންމުންނަށް ވަރަށް އުފާވެރި ޚަބރެއް ދެއްވާނެ ކަމަށާއި އަމާޒަކީ ވީހާ ވެސް ގިނަ ބަޔަކަށް ޖައްވީ ދަތުރުތަކަށް ފޮނުވުން ކަމަށެވެ.

ބެޒޯސްގެ ދަތުރުގައި އޭނާއާ އެކު ކޮއްކޮ މާކް ބެޒޯސް އާއި މިހާތަނަށް ޖައްވީ ދަތުރެއްގައި ބައިވެރިވުމުގެ ޝަރަފު ހޯދާ އެންމެ ދުވަސްވީ މީހާ 82 އަހަރުގެ އަންހެނެއް ކަމަށްވާ ވެލީ ފަންކްގެ އިތުރުން ދަތުރުގެ ސީޓްތަކުގެ ތެރެއިން ނީލަމުގައި 28 މިލިއަން ޑޮލަރަށް ގަތް މީހާ ބައިވެރިވާނެ އެވެ. އެކަމަކު އެ މީހާގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

ބެޒޯސްގެ ދަރުތުގައި ބައިވެރިވާ ދުވަސްވީ އަންހެން މީހާ އަކީ ޖައްވީ ޓްރެއިނިންތަކެއް ކުރިން ހަދާފައިވާ މީހެކެވެ. އެގޮތުން "މާކިއުރީ 13" ގެ ދަށުން 1961 ގައި ބޭއްވި ވިމެން އިން ސްޕޭސް ޕްރޮގްރާމްގައި ބައިވެރިވެގެން ކޯހުގެ އެއް ވަނަ ވެސް ހޯދާފައިވެ އެވެ. އޭނާގެ ވާހަކަ ބެޒޯސް އިންސްޓަގްރާމްގައި ވެސް ހިއްސާކުރައްވާފައިވެ އެވެ.

ބްލޫ އޮރިޖިން އިން 20 ގައި ބާއްވާ ދަތުރަށް ފަހު މި އަހަރުގެ ފަހުކޮޅު އިތުރު ދަތުރުތެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.