Roadha Mihaaru
ސްޕޭސް އެކްސްގެ ފުރަތަމަ ޖައްވީ ދަތުރަށް ތައްޔާރު

ސްޕޭސް އެކްސްގެ ފުރަތަމަ ޖައްވީ ދަތުރަށް ތައްޔާރު

08 ސެޕްޓެމްބަރ 2021

މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ސްޕޭސް ޓޫރިޒަމަށް ކުރާ މަސައްކަތުގެ ތެރެއިން ޖައްވަށް ކުރާ ފުރަތަމަ ދަތުރު މި މަހު 15 އަށް ތާވަލްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ސްޕޭސް ޓޫރިޒަމަށް ކުރާ މަސައްކަތުގެ ތެރެއިން ޖައްވަށް ކުރާ ފުރަތަމަ ދަތުރު މި މަހު 15 އަށް ތާވަލްކޮށްފި އެވެ.

ދަތުރުގައި ހަތަރު މީހަކު ބައިވެރިވެ އެވެ. "އިންސިޕިރޭޝަން 4" ގެ ނަމުގައި ފަށާ ދަތުރުގައި ބައިވެރިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އަދި މި ދަތުރު ތާރީހުގައި ލިޔެވިގެން ދާނީ ޖައްވީ ދަތުރެއް ހަމައެކަނި އާންމުންގެ ބަޔަކު ބައިވެރިކޮށްގެން ކުރާ ފުރަތަމަ ފަހަަރަށެވެ.

"އިންސްޕިރޭޝަން 4" ގައި ބައިވެރިވާ މީހުންގެ ތެރެއިން އެކަކީ ދަތުރުގެ ހުރިހާ ހަރަދަކާ ހަވާލުވެވަޑައިގަތް ބިިލިއަނަރު އަދި ޕައިލެޓް ޖެރެޑް އިސާކްސަން، 38، އެވެ. އޭނާ އަކީ ޗިފްޓް4ޕޭމަންޓްސް ކިޔާ ކުންފުންޏެއްގެ ބާނީ އަދި ސީއީއޯ އެވެ.

ޖެރެޑާއާ އެކު ދަތުރުގައި ބައިވެރިވާ އަނެއް ތިން މީހުންނަކީ ޕިޒިޝަން އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަދި ކެންސަރާ ހަނގުރާމަކޮށް އެ ބަލިން ސަލާމަތްވެފައިވާ ހޭލީ އާސިނީކްސް، 29، އާއި ޖިއޮލޮޖީ ޕްރޮފެސަރެއް ކަމަށްޗާ ޝިއަން ޕްރޮކްޓާ، 51، ގެ އިތުރުން އެމެރިކާގެ ވައިގެ އަސްކަރިއްޔާފައި ކުރިން މަސައްކަތްކޮށްފައިވާ ކްރިސްޓޮފާ ސެމްބްރޯސްކީ، 42، އެވެ.

މި މީހުންގެ ޖައްވީ ދަތުރުގައި ކޮންމެ މީހަކަށް ވެސް ހާއްސަ މަސްއޫލިއްޔަތެއް ވެސް ދީފައިވެ އެވެެ. އެގޮތުން ޖެރެޑް އަކީ ޖައްވީ ދަތުރުގެ ކޮމާންޑަރެވެ. ދަތުރުގެ ޕައިލެޓްގެ ދައުރު ޝިއަން އަދާކުރާ އިރު، ހޭލީ އަކީ މެޑިކަލް އޮފިސަރެވެ. އަދި ދަތުރުގެ ސްޕެޝަލިސްޓަކީ ކްރިސް އެވެ.

"އިންސްޕިރޭޝަން 4" ލޯންޗްކުރާނީ ފްލޮރިޑާގައި ނާސާގެ ސްޕޭސް ކެނެޑީ ސެންޓަރުންނެވެ.

ސްޕޭސް އެކްސްގެ ފުރަތަމަ ސްޕޭސް ޓޫރިޒަމް ދަތުރަށް ތައްޔާރުވި އިރު، މިދިޔަ ޖުލައި މަހުގެ 11 ގައި އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަންގެ "ވާޖިން ގެލެކްޓިކް" ގެ ދަތުރާއި އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސްގެ "ބްލޫ އޮރިޖިން" ގެ ދަތުރު ޖުލައި މަހުގެ 20 ގައި ބާއްވާފައިވެ އެވެ.