Roadha Mihaaru
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް

ނާސާ އިން ހަނދަށް ދާން ހަދާ އުޅަނދަށް ބްލޫ އޮރިޖިން އިން އާ ހުށަހެޅުމެއް

28 ޖުލައި 2021

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އަލުން ހަނދަށް ދާން ކުރިއަށްދާ ގެންދާ "އާޓެމިސް" ޕްރޮމްރާމަށް ބޭނުންވާ އުޅަނދު ހަދަން ދެ ބިލިއަން ޑޮލަރަށް ހަދައިދޭން ތައްޔާރަށް އޮތް ކަމަށް އެ ޕްރޮޖެކްޓަށް ކުރިން ވެސް ކުރިމަތިލައިގެން ނާކާމިޔާބުވި މަހުޖަނު ޖެފް ބެޒޯސްގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިން އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އަލުން ހަނދަށް ދާން ކުރިއަށްދާ ގެންދާ "އާޓެމިސް" ޕްރޮމްރާމަށް ބޭނުންވާ އުޅަނދު ހަދަން ދެ ބިލިއަން ޑޮލަރަށް ހަދައިދޭން ތައްޔާރަށް އޮތް ކަމަށް އެ ޕްރޮޖެކްޓަށް ކުރިން ވެސް ކުރިމަތިލައިގެން ނާކާމިޔާބުވި މަހުޖަނު ޖެފް ބެޒޯސްގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިން އިން ބުނެފި އެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން އަށް ބެޒޯސް ހޯމަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އާޓެމިސް" ޕްރޮގްރާމަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ އެ ކުންފުނިން އޮތީ ލުއިކޮށް އެކަން ކޮށްދޭން ތައްޔާރަށް ކަމަށެވެ. އެހެންވެ ދެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާ ދޭތެރޭ ސީރިއަސްކޮށް ވިސްލަން އެދިވަޑައިގެންފައިވެ އެވެ.

"ޕްރޮޖެކްޓް ޓްރެކަށް ގެނެސް ކާމިޔާބުކުރަން ބޭނުންވާ ނަމަ ބްލޫ އޮރިޖިން އޮތީ މިކަމުގައި ނާސާއާ އެކު ކުރިއަށް ދާން ތައްޔާރަށް. ހަނދަށް ދާން ހަދާ އުޅަނދަށް އަހަރެމެން މި ހުށަހެޅީ ދެ ބިލިއަން ޑޮލަރު،" ސިޓީގައިވެ އެވެ. "މިއީ ނާސާ އިން ޓާގެޓްކޮށްފައިވާ ޓައިމްލައިނާ ވެސް ފުށުނާރާ ގޮތަށް އާޓެމިސް ޕްރޮގްރާމް ކުރިއަށް ގެންދަން ބާރުއެޅުމުގެ ގޮތުން އަހަރެމެންގެ ފަރާތުން ހުށަހަޅާ ހުށަހެޅުމެއް."

ދެ އެންސްޓްރޯނަޓް ހަނދަށް ފޮނުވަން ނާސާ އިން ކުރިއަށް ގެންދާ މަޝްރޫއުގެ އަމާޒަކީ 2024 ގައި އެކަން ކާމިޔާބު ކުރުމެވެ. މިއީ ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓަކަށް ވެސް ހަނދަށް ދާން ލިބޭނެ ފުރުސަތެކެވެ.

ހަނދަށް ދާން ބްލޫ އޮރިޖިން އިން ޑިޒައިންކުރި އުޅަނދުގެ ހިޔާލީ މަންޒަރެއް.

ހަނދަށް ދާން ބްލޫ އޮރިޖިން އިން ޑިޒައިންކުރި އުޅަނދުގެ ހިޔާލީ މަންޒަރެއް.

ހަނދަށް ދާން ވޭނުންވާ އުޅަނދު ދެ ބިލިއަން ޑޮލަރަށް ހަދައިދޭން ބްލޫ އޮރިޖިން ހުށަހަޅާފައި މި ވަނީ އެކަމަށް ކުރިމަތިލައިގެން މިދިޔަ އެޕްރީލް މަހު ނާކާމިޔާބުވެފައި ވަނިކޮށެވެ. އެދި އެ ޕްރޮޖެކްޓް ނާސާ އިން މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އަށް ދިނީ އެޕްރީލް މަހުގެ 16 ގަ އެވެ. އެއީ 2.9 ބިލިއަން ޑޮލަރަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ބްލޫ އޮރިޖިންގެ އިތުރުން ކުރިމަތިލި ޑައިނެޓިކްސް އިން މައްސަލަ ޖައްސައި، އެކަން އެމެރިކާ ގަވަރަމަންޓް އެކައުންޓަލިބިލިޓީ އޮފީސް (ޖީއޭއޯ) އަށް ހުށަހެޅި އެވެ. އެ ކުންފުނިތަކުން ބުނި ގޮތުގައި ހަނދަށް ދިއުން ފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ އިރު، ނާސާ އިން އެންމެ ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރުމަކީ އެންމެ އިންސާވެރި ގޮތަށް ނުވުމުގެ އިތުރަށް ރައްކާތެރި ގޮތެއް ވެސް ނޫނެވެ. އަދި ނާސާ އިން ޕްލޭންކޮށްފައިވާ ގޮތަށް 2024 ގައި ހަނދަށް ދާން ކުރާ މަސައްކަތަށް އެކަމުން ހުރަސްތަކެއް ވެސް އެޅޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ދެ ކުންފުނިން މައްސަލަ ޖެއްސުމުން ސްޕޭސް އެކްސްއާ އެކު ހެދި އެއްބަސްވުން ނާސާ އިން ބާތިލުކުރީ މެއި އެޕްރީލް މަހުގެ ފަހުކޮޅު އެވެ.

ނާސާ އިން ބުނި ގޮތުގައި ސްޕޭސް އެކްސްއާ އެކަނި ގުޅިގެން ހިއުމަން ލޭންޑިން ސިސްޓަމް (އެޗްއެލްސް) ހަދަން ނިންމީ ލިބުނު ބަޖެޓަށް ރިއާޔަތްކޮށެވެ. އެހެންވެ އެއް ކުންފުންޏަކަށް ވުރެ ގިނަ ކުންފުނިތަކާ ގުޅިގެން އެ އެކަން ކުރަން ބަޖެޓް ތަން ނުދޭ ކަމަށް ބުންޏެވެ. އޭރު އެންމެ ކުޑަ އަގެއް ހުށަހެޅީ ވެސް ސްޕޭސް އެކްސްއިން ކަމަށް ނާސާގެ ހިއުމަން އެކްޕްލޮރޭޝަން ޗީފް ކެތީ ލުއެޑާޒް ވިދާޅުވެފައިވެ އެވެ.

ނާސާ އިން ބުނެފައި ވަނީ އާޓެމިސް ޕްރޮގްރާމަށް 3.3 ބިލިއަން ޑޮލަރުގެ ބަޖެޓެއް ބޭނުންވާތީ އެކަން ކޮންގްރެސް އަށް ހުށަހެޅި ނަމަވެސް ލިބިފައި ވަނީ އެންމެ 850 މިލިއަން ޑޮލަރެވެ.

ބްލޫ އޮރިޖިންގެ "ނިއު ޝެފަޑް" ގައި މި މަހުގެ 20 ގައި ޖައްވީ ދަތުރެއް ވެސް ކުރެއްވި ބެޒޯސްގެ ހުށަހެޅުމާ ބެހޭ ގޮތުން ނާސާ އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.