Roadha Mihaaru
އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި

އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި

04 ސެޕްޓެމްބަރ 2022

އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރު ފަހުން، އަނެއްކާ ވެސް އިންސާނުން ހަނދަށް ދިއުމަށް އެމެރިކާ އިން ފަށާފައިވާ މަޝްރޫއުގެ ދަށުން، އަޖުމަބެލުމުގެ ގޮތުން ޖައްވަށް ފޮނުވަން ހަމަޖެހިފައިވާ އާޓެމިސް 1ގެ ދަތުރު އަނެއްކާ ވެސް ފަސްކޮށްލައިފި އެވެ.

އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރު ފަހުން، އަނެއްކާ ވެސް އިންސާނުން ހަނދަށް ދިއުމަށް އެމެރިކާ އިން ފަށާފައިވާ މަޝްރޫއުގެ ދަށުން، އަޖުމަބެލުމުގެ ގޮތުން ޖައްވަށް ފޮނުވަން ހަމަޖެހިފައިވާ އާޓެމިސް 1ގެ ދަތުރު އަނެއްކާ ވެސް ފަސްކޮށްލައިފި އެވެ.

އާޓެމިސް 1 ޖައްވަށް އުދުއްސައިލުމަށް އެންމެ ފުރަތަމަ ތާވަލުކުރީ ހުސްވި އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު އާޓެމިސް ރޮކެޓް ޖައްވަށް އުދުއްސައިލުން އެންމެ ފަހު ވަގުތު ކެންސަލްކުރީ، ރޮކެޓްގެ މައި އިންޖީނުގެ ފިނިހޫނުމިން އަންގައިދޭ ސެންސަރު ހަލާކުވުމުގެ ސަބަބުންނެވެ. އެ ސެންސަރު ހަލާކުވުމުން، ރޮކެޓްގެ އިންޖީނުގެ ހޫނުމިނަށް އަންނަ ބަދަލުތައް، ކޮންޓްރޯލް ރޫމްގައި ތިބޭ މީހުންނަކަށް ނޭނގޭނެ އެވެ.

އޭގެ އިތުރުންވެސް ފަންނީ އެތައް މައްސަލައެއް އެފަހަރު ފާހަގަކުރެވުނެވެ. އަދި ރޮކެޓަށް ތެޔޮ ގުޅައި އިންޖީނު ސްޓާޓް ކުރުމަށް ތައްޔާރުވެފައި ވަނިކޮށް، ގޭސް ލީކްވުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވި އެވެ. އެހެންކަމުން އެ ދަތުރު ކެންސަލް ކުރުމަށް ފަހު، މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ނާސާގެ ފަންނީ ޓީމުން ފެށި އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ފަހު، އާޓެމިސް ރޮކެޓް އަލުން ޖައްވަށް ފުރުވައިލުމަށް ނިންމީ އިއްޔެ އެވެ. ނަމަވެސް ރޮކެޓް ޖައްވަށް ފުރުވައިލުމުގެ ބަދަލުގައި އެ ދަތުރު ފަސްކޮށްލަން ޖެހުނީ، ރޮކެޓްގެ އިންޖީނަށް ދިޔާ ހައިޑްރޯޖަން ފޮނުވައިދޭ ހޮޅިއަކުން ގޭސް ލީކްވާކަން ޔަގީންވުމުންނެވެ.

އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ ނާސާ އިން ރާވާފައި އޮތީ، އެ ރޮކެޓް ޖައްވަށް އުދުއްސައިލުމަށް ނިންމާފައިވާ ފްލޮރިޑާ ސަރަހައްދުގެ މޫސުން އެންމެ ރަނގަޅުވާނެ ދުވަސްވަރު، އާޓެމިސް ރޮކެޓް ޖައްވަށް އުދުއްސައިލުމަށެވެ. މި މަހުގެ ކުރީކޮޅު ފްލޮރިޑާގެ މޫސުން އެންމެ ރީތިކޮށް އޮންނާނީ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެހެން ނަމަވެސް، މި މުއްދަތުގެ ތެރޭގައި އާޓެމިސް ރޮކެޓް ޖައްވަށް އުދުއްސައިލުމަށް އިތުރު މަސައްކަތެއް ނުކުރާނެ ކަމަށް ނާސާ އިން ބުނެ އެވެ. އެއަށް ފަހު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް، އާޓެމިސް އުދުއްސައިލުމަށް އެކަށީގެންވާ ރަނގަޅު މޫސުމެއް ލިބޭނެ އެވެ. ނަމަވެސް އެ ދުވަސްވަރު، އާޓެމިސް ޖައްވަށް އުދުއްސައިލުމަށް މަސަކަތް ކުރާނެ ކަން އެނގޭނީ، އާޓެމިސް ދަތުރު އިންތިޒާމުކުރާ ފަންނީ ޓީމުން، މި ފެށޭ ހަފުތާގައި ނިންމާ ގޮތަކުންނެވެ.

އާޓެމިސް ރޮކެޓް އިއްޔެ އުދުއްސައިލުމަށް ނިންމައިގެން، އިއްޔެ ހެނދުނުން ފެށިގެން އެންމެ ފަހުގެ ތައްޔާރީތަކާއި ޗެކްކުރުންތައް ކުރިއަށް ދަނިކޮށް، ދިޔާ ހައިޑްރޯޖަން ލީކްވާ ކަން އެނގުނީ އިއްޔެ ހެނދުނު އެވެ. ރޮކެޓްގެ މައި ތެޔޮ ތާނގީއަށް ދިޔާ ހައިޑްރޯޖަން ފޮނުވަން ފެށުމުގެ ކުރިން، އެކަން އެނގުމާއެކު، އާޓެމިސް ރޮކެޓް އިއްޔެ ޖައްވަށް ކުރުމަށް އޮތް ދަތުރު ކެންސަލްކުރީ އެވެ.

ނާސާގެ ފަންނީ ޓީމުން ބުނި ގޮތުގައި ދިޔާ ހައިޑްރޯޖަން ލީކްވާ ކަން ކުރިން ވެސް އޮތީ އެނގިފަ އެވެ. ނަމަވެސް އިއްޔެގެ އެންމެ ފަހުގެ ތައްޔާރީތައް ފެށިއިރު، އަޅައިނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑަށް ލީކްވާކަން އެނގުމުން، އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރަން މަޖުބޫރުވީ އެވެ.

އާޓެމިސް 1 ގެ ދަތުރު ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 1 ގެ ދަތުރު ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް

ރޮކެޓްގެ އިންޖީނާއި ހައިޑްރޯޖަން ޓޭންކު ގުޅުވައިދޭ ތަނުން ގޭސް ލީކްވާ ސަބަބެއް ކަމަށް ނާސާގެ ފަންނީ ޓީމުން ލަފާ ކުރަނީ، އެ ހޮޅީގެ ޕްރެޝަރު މާ ބޮޑަށް މަތިވުމެވެ. ޕްރެޝަރު ބޮޑުވުމުގެ ސަބަބުން، ދެބައި ގުޅުވައިދޭ ތަނުގެ ޕެކިން ހަލާކުވީ ކަމަށް ލަފާކުރެވެ އެވެ.

އެމައްސަލަތައް ފާހަގަކުރެވުމުން، އެ ކަން ހައްލުކުރުމަށް ނާސާގެ ފަންނީ ޓީމުން މަސައްކަތް ފެށި އެވެ. ނަމަވެސް އެކަން ވެސް ކާމިޔާބު ނުވުމުން ދަތުރު ކެންސަލްކުރީ އެވެ.

"އާޓެމިސް" ޕްރޮގްރާމަކީ އިންސާނުން ގޮވައިގެން ހަނދަށް ދިއުމަށް އެމެރިކާ އިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ އުދުއްސައިލާ ރޮކެޓް، އާޓެމިސް 1 އަކީ ހަނދަށް މީހުން ގެންދިއުމަށް ތައްޔާރުކޮށްފައިވާ ޖައްވީ ކެޕްސޫލް، އޯރިއަން ޖައްވަށް ފޮނުވައިލުމަށް ބޭނުންކުރާ ރޮކެޓެވެ.

އާޓެމިސް 2 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 2 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 1ގެ ދަތުރުގައި، މީހުންނާ ނުލައި އޯރިއަން ދަތުރުކުރާނީ ހަނދުގެ ފަލަކަށެވެ. ހަނދަށް ތިރިނުކޮށް ހަނދުގެ ފަލަކުގައި ހަ ހަފުތާ ވަންދެން ބުރު ޖެހުމަށް ފަހު، ކެޕްސޫލް އެނބުރި ބިމަށް ތިރިކުރާނީ ޕެސިފިކް ކަނޑުގެ ސަރަހައްދަކަށެވެ. މި ދަތުރުގައި އޯރިއަން ޖައްވަށް ދާނީ މީހުން ނުލައި ކަމަށް ވިޔަސް، މީހުން ގޮވައިގެން ހަނދަށް ކުރާ ދަތުރުގައި ކުރުމަށް ތާވަލުކޮށްފައިވާ ގިނަ ކަންތައް، އަޖުމަ ބެލުމުގެ ގޮތުން މިދަތުރުގައި ވެސް ކުރާނެ އެވެ.

އޯރިއަންގައި މީހުން ގޮވައިގެން ހަނދަށް ދަތުރުކުރުމަށާއި، އާޓެމިސް މަރުކާގެ ރޮކެޓްގައި އޯރިއަން ޖައްވަށް ގެންދިއުމަށް ނާސާ އިން ހުއްދަ ދޭނީ، އާޓެމިސް 1ގެ ދަތުރުގެ ކާމިޔާބީ އަށް ބިނާކޮށްފަ އެވެ. މީހުން ގޮވައިގެން އޯރިއަން ޖައްވަށް ފުރާނީ، އާޓެމިސް 2ގެ ދަތުރުގަ އެވެ.

އާޓެމިސް 2ގެ ދަތުރުގައި މީހުންނާ އެކު، ހަނދުގެ ފަލަކުގައި ބުރުޖަހަމުން ގޮސް، ހަނދުގެ ބިތްދޮށް ފަރާތުން، ހަނދުގެ ބިންގަނޑާ 4000 މޭލު ކައިރިން ދަތުރު ކުރާނެ އެވެ. މެއި 2024 ގައި ކުރުމަށް ހަމަޖެހިފައިވާ އެ ދަތުރަކީ، ޑިސެމްބަރު 11، 1972 ގައި އެޕޯލޯ 17 ގައި އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ދިޔަ ފަހުން، އިންސާނުންގެ ބަޔަކު ހަނދާ އެންމެ ކައިރިއަށް ދަތުރުކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

އާޓެމިސް 3 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 3 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 2ގެ ދަތުރުގައި ވެސް އިންސާނުން ހަނދަކަށް ނުފައިބާނެ އެވެ. އަޖުމަ ބެލުމުގެ އެ ދަތުރަށް ފަހު، އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ފޭބުމަށް ހަމަޖެހިފައިވަނީ އާޓެމިސް 3ގެ ދަތުރުގަ އެވެ. އާޓެމިސް 2 ގެ ދަތުރަށް ފަހު އަހަރެއްހާ ދުވަސް ފަހުން، އާޓެމިސް 3 ހަނދަށް ކުރާ ދަތުރުގައި، އެސްޓްރޮނޯޓުން ހަނދަށް ފައިބާނީ ހަނދުގެ ދެކުނު ތަނޑީގެ ކޮންމެވެސް ސަރަހައްދަކަށެވެ.

އާޓެމިސް 3ގެ ދަތުރުގައި ހަތަރު އެސްޓްރޮނޯޓުން ހަނދަށް ދަތުރުކުރާނެ އެވެ. އޭގެ ތެރެއިން ދެ އެސްޓްރޮނޯޓުން ހަނދަށް ފައިބާނީ، އޯރިއަން ކެޕްސޫލްގައިވާ ޚާއްޞަ އުޅަނދެއްގަ އެވެ. ހަނދަށް ފައިބާ ދެ އެސްޓްރޮނޯޓުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ އިރު، މިއީ އިންސާނީ ތާރީޚުގައިވެސް އަންހެނަކު ހަނދަށް ފައިބާ ފުރަތަމަ ފަހަރަށް ވާނެ އެވެ. އަނެއް ދެ އެސްޓްރޮނޯޓުން ތިބޭނީ، ހަނދުގެ ވަށައިގެން ބުރުޖަހަމުންދާ އޯރިއަން ކެޕްސޫލްގެ ތެރޭގަ އެވެ.

ޚާއްޞަ އުޅަނދު ހަނދަށް ތިރިކުރުމަށް ފަހު، ހަ ދުވަސް ވަންދެން ހަނދުގައި މަޑުކުރާނެ އެވެ. އެ މުއްދަތުގެ ތެރޭގައި ދެ އެސްޓްރޮނޯޓުން ހަތަރު ފަހަރެއްގެ މަތިން ހަނދަށް ފައިބައި، ސައެންޓިފިކް ތަހުލީލުތައް ކުރާނެ އެވެ. އެ ދެ އެސްޓްރޮނޯޓުން ވެސް ގިނަ ވަގުތު ހޭދަކުރާނީ، ހަނދަށް ތިރިކޮށްފައި އޮންނަ ޚާއްސަ އުޅަނދުގެ ތެރޭގަ އެވެ.