Roadha Mihaaru
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި

ހަނދަށް ދާ ޕްރޮގްރާމްގައި ބައިވެރިނުކުރާތީ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި

18 އޯގަސްޓް 2021

އެމެރިކާ އިން އަލުން ހަނދަށްކުރާ ދަތުރަށް ބޭނުންވާ އުޅަނދު ހަދަން މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އަށް ދިން މައްސަލާގައި އެކަމަށް ބިޑްކޮށް ނާކާމިޔާބުވި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން އިން ނާސާ އަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާ އިން އަލުން ހަނދަށްކުރާ ދަތުރަށް ބޭނުންވާ އުޅަނދު ހަދަން މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އަށް ދިން މައްސަލާގައި އެކަމަށް ބިޑްކޮށް ނާކާމިޔާބުވި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން އިން ނާސާ އަށް ދައުވާކޮށްފި އެވެ.

ހުކުރު ދުވަހު އެމެރިކާގެ ކޯޓް އޮފް ފެޑެރެލް ކްލެއިމްސް އަށް ހުށަހެޅި މައްސަލާގައި ބުނީ 2024 ގައި ހަނދަށްދާން އަމާޒު ހިފައި ނާސާ އިން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމަށް ބޭނުންވާ އުޅަނދު ހެދުމުގެ މަސައްކަތް ޓެސްލާއާ އެކަނި ހަވާލުކުރީ އެކަމަށް ހުށަހެޅި ބިޑްތައް އެންމެ އިންސާފުވެރިކޮށް އިވެލުއޭޓްނުކޮށް ކަމަށެވެ.

ނާސާގެ މި ޕްރޮޖެކްޓް 2.9 ބިލިއަން ޑޮލަރަށް ޓެސްލާ އަށް ދިން މައްސަލާގައި ބްލޫ އޮރިޖިން އިން ދައުވާކޮށްފައި މި ވަނީ އެ ކުންފުނިން އެ މަސައްކަތް ދެ ބިލިއަން ޑޮލަރަށް ހިންގައިދޭން މިދިޔަ މަހުގެ ތެރޭގައި ނާސާ އަށް އާ ހުށަހެޅުމެއް ވެސް ހުށަހަޅައި، އެ ބަލައިނުގަތުމުންނެވެ. އަދި ޓެސްލާ އަށް މަޝްރޫއު ދިން މައްސަލަ ބްލޫ އޮރިޖިން އާއި އެކަމަށް ބިޑްކުރި ޑައިނެޓިކްސް އިން އެމެރިކާ ގަވަރަމަންޓް އެކައުންޓަލިބިލިޓީ އޮފީސް (ޖީއޭއޯ) އަށް ވެސް އެޕްރީލް މަހުގެ ފަހުކޮޅު ހުށަހެޅި އެވެ. އެއާ އެކު ނާސާ އިން ޕްރޮޖެކްޓްގެ މަަސައްކަތް މަޑުޖައްސާލި އެވެ. އެކަމަކު ފަހުން ނިންމީ ޓެސްލާއާ އެކީގައި މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.

ބްލޫ އޮރިޖިން އިން ބުނެފައިވާ ގޮތުގައި ހަނދަށް ދިއުން ފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ އިރު، ނާސާ އިން އެންމެ ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވުމުގެ އިތުރަށް ރައްކާތެރި ގޮތެއް ވެސް ނޫނެވެ. އަދި ނާސާ އިން ޕްލޭންކޮށްފައިވާ ގޮތަށް 2024 ގައި ހަނދަށް ދާން ކުރާ މަސައްކަތަށް އެކަމުން ހުރަސްތަކެއް ވެސް އެޅޭނެ ކަމަށް ބުނެފައިވެ އެވެ.

ނާސާ އިން ބުނެފައިވާ ގޮތުގައި ގޮތުގައި ސްޕޭސް އެކްސްއާ އެކަނި ގުޅިގެން ހިއުމަން ލޭންޑިން ސިސްޓަމް (އެޗްއެލްސް) ހަދަން ނިންމީ ލިބުނު ބަޖެޓަށް ރިއާޔަތްކޮށެވެ. އެހެންވެ އެއް ކުންފުންޏަކަށް ވުރެ ގިނަ ކުންފުނިތަކާ ގުޅިގެން އެ އެކަން ކުރަން ބަޖެޓް ތަން ނުދޭ ކަމަށާއި އެންމެ ކުޑަ އަގެއް ހުށަހެޅީ ވެސް އީލޮންގެ ކުންފުނިން ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ އިން އަލުން ހަނދަށް ދާން ކުރާ މަސައްކަތުގެ ދުވެލި މިހާރު ހުރި ގޮތުން 2024 ގައި އެކަން ކާމިޔާބުވެދާނެކަމާ ދޭތެރޭ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނާސާ އިން ސުވާލު އުފައްދާފައިވެ އެވެ. އެކަމަކު "އާޓެމިސް ޕްރޮޖެކްޓް" އާ ގުޅޭ ގޮތުން ޓްވިޓާގައި އީލޮން އަށް ކުރިމަތިކުރި ސުވާލަކާ ގުޅިގެން އޭނާ ވަނީ 2024 ގެ ކުރިން ވެސް ހަނދަށް ދިއުން ކާމިޔާބުކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެއާ ވިދިގެން ނާސާ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

"އާޓެމިސް ޕްރޮގްރާމް" އަކީ ދެ އެސްޓްރޮނޯޓުން ހަނދަށް ފޮނުވަން ހިންގާ ޕްރޮގްރާމެކެވެ. އަދި މީގައި ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓަކު ބައިވެރިކުރާނެ އެވެ.

އެމެރިކާ އިން އެންމެ ފުރަތަމަ ހަނދަށް ދިޔައީ މީގެ 52 އަހަރު ކުރިން 1969 ގަ އެވެ. އެންމެ ފުރަތަމަ ދިޔަ މީހާގެ ޝަރަފު ލިބުނު ނީލް އާމްސްޓްރޯންގް ވަނީ 2012 ގައި 82 އަހަރުގައި މަރުވެފަ އެވެ.