Roadha Mihaaru
އެންމެން ބިލިއަނަރުންނަށް ވާނެހާ ރަން ހުރި ގިނިހިލައެއް

ދުނިޔޭގެ އެންމެން ބިލިއަނަރުންނަށް ވާނެހާ ރަން ހުރި ގިނިހިލައެއް

19 އޯގަސްޓް 2020

ދުނިޔޭގެ އެންމެން ބިލިއަނަރުންނަށް ވާނެހާ ރަނާއި އަގުބޮޑު މައުދަން ހުރި ގިނިހިލައެއް ދިރާސާކުރަން ނާސާ އިން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެން ބިލިއަނަރުންނަށް ވާނެހާ ރަނާއި އަގުބޮޑު މައުދަން ހުރި ގިނިހިލައެއް ދިރާސާކުރަން ނާސާ އިން ތައްޔާރުވެއްޖެ އެވެ.

މާސް އާއި ޖުޕިޓާއާ ދޭތެރޭގައި އޮތް 226 ކިލޯމީޓަރުގެ "16 ސައިކީ" ގެ ނަން ދީފައިވާ އެސްޓްރޮއިޑްގައި އަގުބޮޑު އެތައް މައުދަނެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރަނާއި ޖަވާހިރާއި ޕްލެޓިނަމާއި ދަގަނޑު ފަދަ އެތައް މާއްދާތަކެއް ހުރި ކަމަށްވެ އެވެ.

އަންދާޒާކޮށްފައިވާ ގޮތުން އޭގެ އަގު 10،000 ކްއަޑްރިލިއަން އަށް އަރަ އެވެ. އެހެން ގޮތަކަށް އެ އަދަދު ތިލަކުރާނެ ނަމަ އެއީ މުޅި ދުނިޔޭގެ އިގުތިސާދުގެ އަގު އެއްކޮށްލިޔަސް ނުވާ ވަރުގެ ބޮޑު އަދަދެކެވެ.

"16 ސައިކީ" ދިރާސާކުރަން ނާސާ އިން ހާއްސަ އުޅަނދެއް ބަނުމުގެ މަސައްކަތް ފެށުމަށްޓަކައި އޭގެ ފަރުމާއާ ދޭތެރޭ މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ގޮތެއް ނިންމައިފަ އެވެ. އީލޮން މަސްކްގެ ސްޕޭސް އެކްސްއާ ވެސް ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މިޝަނަށް ހާއްސަ އުޅަނދަކީ ސައިކީ އެވެ.

މީގެ ދިސާރާ ދަތުރަށް ނުކުންނަން ނިންމާފައި ވަނީ އޮގަސްޓް 19، 2022 ގަ އެވެ. ސްޕޭސް އެކްސްގެ ފަލްކޮން ހެވީ ރޮކެޓް ހިއްސާވާ ގޮތަށް ސައިކީގެ ދަތުރަށް ނުކުންނަ އިރު، މާސް ފަހަނައަޅައިދެވޭނީ 2023 ގަ އެވެ. އަދި "16 ސައިކީ" އަށް ފޯރާނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ގެ ޖެނުއަރީގަ އެވެ.

މި މިޝަނުގެ މައި އިންވެސްޓިގޭޓަރު ލިންޑީ އެލްކިންސް-ޓެންޓަން ވިދާޅުވި ގޮތުގައި މިއީ ފަސޭހަ މިޝަނަކަށް ނުވާނެ އެވެ. އެހެންވެ މިކަމާ ކުރިމަތިލަނީ ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި ދެކިގެން ކަމަށް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް އަހަރެމެން ކުރިމަތިލާ އެންމެ އުނދަގޫ ލައިފް ސައިކަލް މިޝަނަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ކުރިމަތީގައި ހުރި ގޮންޖެހުންތައް ވެސް ކުޑައެއް ނޫން. އެކަމަކު މިހާތަނަށް މިކަމާ ގުޅޭ ގޮތުން ކުރެވުނު މަސައްކަތްތައް ކާމިޔާބު. އަދި އޭގެ މާނަ އަކީ އަހަރެމެން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރުމޭ ކުރިއަށް އޮތީ."

ނާސާ އިން މިހާރު އަންނަނީ އެސްޓްރޮއިޑްގެ ދިރާސާ އަށް ބޭނުންވާ މައިގަނޑު ހާޑްވެއާތައް ވެސް އުފައްދަމުންނެވެ. މީގައި ހިމެނެނީ މައިގަނޑު ތިން ބައެކެވެ. އެއީ އެސްޓްރޮއިޑް މެގްނެޓިކް ފީލްޑް މިންކުރަން ހާއްސަ މެގްނެޓޯމީޓަރާއި އޭގެ ތަސްވީރުތައް ރެކޯޑްކުރަން ހާއްސަ މަލްޓިސްޕެކްޓަރަލް އިމޭޖާއެއްގެ އިތުރުން އެސްޓްރޮއިޑްގެ ނިއުރޯންސްތަކާއި ގަމާ ރޭތައް ދެނެގަންނަން ހާއްސަ ސްޕެކްޓްރޯމީޓަރެވެ.

ބައިތައް އެސެމްބަލްކޮށް، ޓެސްޓްކުރިން ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީ (ޖޭޕީއެލް) ގައި ފަށަން ތާވަލުކޮށްފައި ވަނި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.