Roadha Mihaaru
ހަނދަށް ފޮނުވާ ބުދަށް ކިޔާނެ ނަމެއް ހޮވަނީ

ހަނދަށް ފޮނުވާ ބުދަށް ކިޔާނެ ނަމެއް ހޮވަން ވޯޓު ނަގަނީ

22 ޖޫން 2021

އެމެރިކާގެ ޖައްވީ އިދާރާ އިން ނާސާ އިން ހަނދަށް ދާން ކުރިއަށް ގެންދާ އާޓެމިސް ޕްރޮގްރާމްގެ ދަށުން ވަމުން އަންނަ ތައްޔާރީތަކުގައި މި އަހަރުގެ ނޮވެމްބަރު މަހު ލޯންޗްކުރާ "އާޓެމިސް ވަން މޫން މިޝަން" ގައި ބޭނުންކުރާ އޮރަޔަން ސްޕޭސްކްރާފްޓަށް އަރުވާ މެނިކްއިން އަށް ކިޔާނެ ނަމެއް ހޮވަން އާންމުންގެ ވޯޓަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޖައްވީ އިދާރާ އިން ނާސާ އިން ހަނދަށް ދާން ކުރިއަށް ގެންދާ އާޓެމިސް ޕްރޮގްރާމްގެ ދަށުން ވަމުން އަންނަ ތައްޔާރީތަކުގައި މި އަހަރުގެ ނޮވެމްބަރު މަހު ލޯންޗްކުރާ "އާޓެމިސް ވަން މޫން މިޝަން" ގައި ބޭނުންކުރާ އޮރަޔަން ސްޕޭސްކްރާފްޓަށް އަރުވާ މެނިކްއިން އަށް ކިޔާނެ ނަމެއް ހޮވަން އާންމުންގެ ވޯޓަށް ހުޅުވާލައިފި އެވެ.

ނާސާ އިން މިކަން ކުރިއަށް ގެންދަނީ "ނޭމް ދި އާޓެމިސް މޫނިކިން ޗެލެންޖް" ގެ ނަމުގަ އެވެ. އޮރަޔަން ސްޕޭސްކްރާފްޓް އިންސާނަކާ ނުލައި ފޮނުވާ އިރު، އެ ހުސްކޮށް ފޮނުވުމުގެ ބަދަލުގައި "އިންސާނެއްގެ ބައިވެރިވުން" ރަމްޒުކޮށްދޭ ގޮތަށް އުޅަނދަށް ލާ މެނިކްއިން އަށް ދޭނެ ނަމެއް ހޮވަން ވޯޓަށް ހުޅުވާލީ އެއަށް ކިޔާނެ 8 ނަމެއްގެ އިހްތިޔާރާ އެކުގަ އެވެ.

އެއީ އޭސް، ކެމްޕޯސް، ޑެލޯސް، ޑުހާޓް، މޮންޓަގަމަރީ، ރިޖެލް، ޝެކްލެޓަން އަދި ވާގޯ އެވެ. މި ނަންތަކާ އެކު އެ ނަންތައް ރަމްޒުކޮށްދޭ މާނަ ވެސް ހިމަނާފައިވެ އެވެ. މި ނަންތަކަށް ނާސާގެ ވެބްސައިޓާއި އެތަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ވެސް ވޯޓް ދެވޭނެ އެވެ.

ވޯޓް ދިނުމުގެ ފުރުސަތު އޮތީ މި މަހުގެ 28 އާ ހަމައަށެވެ. ފުރުސަތު ހުޅުވައިލީ މި މަހުގެ 16 ވަނަ ދުވަހު އެެވެ. ނަން އިއުލާންކުރުން އޮންނާނީ މި މަހުގެ 29 ގަ އެވެ.

ނާސާ އިން ބުނީ "އާޓެމިސް ވަން މޫން މިޝަން" ގައި ބޭނުންކުރާ މެނިކްއިން އަށް ދޭނީ އެންމެ ގިނަ ވޯޓް ލިބޭ ނަމުން ކަމަށެވެ.

"މިފަދަ ކަމެއްގައި އާންމުން ބައިވެރިކުރުމަކީ ނާސާ އަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. ހަނދަށް އަލަށް ދާން ކުރާ މަސައްކަތަކީ ތާރީހުގައި ލިޔެވޭނެ ވަރަށް ހާއްސަ ސޮފުހާއަކަށް ވާނެ. އެހެންވެ މިކަމާ ގުޅުން ހުރި އެކި ކަންކަމުގައި އަބަދުވެސް ނާސާ އިން ބޭނުންވޭ ކޮންމެވެސް ގޮތަކުން އާންމުންގެ ބައިވެރިވުން ހޯދަން،" ނާސާގެ ތަރުޖަމާނު ކެތުނީން ހެމްބްލްޓަން ވިދާޅުވި އެވެ. "އެގޮތުން ހުޅުވާލި ފުރުސަތެއް މިއީ. އުންމީދުކުރެވޭ ގިނަ ބަޔަކު ނަމެއް ހޮވުމުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް."

ނާސާ އިން ބުނި ގޮތުގައި އޮރަޔަން ސްޕޭސްކްރްފާޓް ނޮވެމްބަރުގައި ލޯންޗްކުރާ އިރު އޭގައި ބަހައްޓާ މެނިކްއިން އިންނާނީ ދެ ރޭޑިއޭޝަން ސެންސަރާއި ފަސްޓް-ޖެނެރޭޝަން އޮރަޔަން ކްރޫ ސަވައިލް ސިސްޓަމް ސްޕޭސްސޫޓެއްގަ އެވެ. އަދި މީގެ އެހީގައި އިންސާނުންނަށް މިފަދަ ދަތުރުތަކަށްދާ އިރު ދިމާވާނެ ކަންކަން ރެކޯޑްކޮށް، ޑޭޓާ އެއްކުރާނެ އެވެ.

ނާސާ އިން ތާވަލުކޮށްފައި އޮތް ގޮތުން ފުރަތަމަ މިޝަން މެނިކްއިންއާ އެކު ކުރުމަށް ފަހު އިންސާނަކާ އެކު ދެވަނަ މިޝަން 2023 ގައި ބޭއްވޭނެ އެވެ.

ނާސާގެ އަމާޒަކީ 2024 ގައި ހަނދަށް ދިއުމެވެ. އަދި މި ދަތުރުގައި ދެ އެސްޓްރޮނޯޓުން ބައިވެރިކުރާ އިރު، ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓަކަށް ޖާގަ ދޭނެ އެވެ.