Roadha Mihaaru
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް

ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް

04 އޮކްޓޯބަރ 2021

ސްޕޭސް ޓޫރިޒަމަށް ހާއްސަކޮށްގެން އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސްގެ ޖައްވީ ކުންފުނި، ބްލޫ އޮރިޖިން އިން މިދިޔަ ޖުލައި މަހު ބޭއްވި ފުރަތަމަ ޖައްވީ ދަތުރު ދުނިޔޭގެ ރެކޯށް ފޮތުން ޖާގަ ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕޭސް ޓޫރިޒަމަށް ހާއްސަކޮށްގެން އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސްގެ ޖައްވީ ކުންފުނި، ބްލޫ އޮރިޖިން އިން މިދިޔަ ޖުލައި މަހު ބޭއްވި ފުރަތަމަ ޖައްވީ ދަތުރު ދުނިޔޭގެ ރެކޯށް ފޮތުން ޖާގަ ހޯދައިފި އެވެ.

އެ ދަތުރަކީ ބްލޫ އޮރިޖިންގެ އުޅަނދު "ނިއު ޝެފަޑް" ގައި ބެޒޯސްއާ އެކު އިތުރު ތިން މީހަކު ޖުލައި 20 ގައި ކުރި 11 މިނިޓްގެ ދަތުރެކެވެ. އެ ދަތުރަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖުމްލަ ހަތަރު ރެކޯޑެއް ކަށަވަރުވެފައިވެ އެވެ.

އޭގެ ތެރެއިން ފުރަތަމަ ރެކޯޑަކީ ޖައްވީ ދަތުރެއްކުރި އެންމެ ދުވަސްވީ މީހާގެ ރެކޯޑް، ދަތުރުގައި ބައިވެރިވި ހަމައެކަނި އަންހެނާ ވެލީ ފަންކަށް ލިބުމެވެ. ދަތުރު ބޭއްވި ތާރީހާ ހަމައަށް އެމެރިކާގެ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ވެލީގެ އުމުރަކީ 82 އަހަރާއި 169 ދުވަހެވެ.

ބްލޫ އޮރިޖިންގެ ދަތުރަށް ލިބުނު ދެވަނަ ރެކޯޑަކީ ޖައްވީ ދަތުރެއްކުރި އެންމެ ހަގު ބައިވެރިޔާ ވެސް އެ ދަތުރުގައި ހިމެނުމުގެ ރެކޯޑެވެ. އެއީ ނެދަލެންޑްސްގެ ދަރިވަރެއް ކަމަށްވާ އޮލިވާ ޑީމެން އެވެ. ދަތުރުކުރި ދުވަހާ ހަމައަށް އޭނާގެ އުމުރަކީ 18 އަހަރާއި 334 ދުވަހެވެ.

ދަތުރަށް ލިބުނު ތިން ވަނަ ރެކޯޑަކީ މިހާތަނަށް އެއްބަނޑު އެއްބަފާން ދެބޭންގެ ޖައްވީ ފުރަތަމަ ދަތުރިގެ ރެކޯޑެވެ. "ނިއު ޝެފަޑް" ގައި ބެޒޯސްއާ އެކު އޭނާގެ ކޮއްކޮ މާކް ބެޒޯސް ބައިވެރިވި އެވެ.

ބްލޫ އޮރިޖިންގެ ދަތުރުގެ ހަތަރު ވަނަ ރެކޯޑަކީ ފީ ދައްކައިގެން މީހަކު ބައިވެރިވި ފުރަތަމަ ދަތުރަށްވުމެވެ. ދަތުރަށް ފީ ދެއްކި ހަމައެކަނި ބައިވެރިޔަކީ އޮލިވާ އެވެ. އޭނާ އަށް އެ ތާރީހީ ދަތުރުން ޓިކެޓް ގަނެދިނީ ބައްޕަ އެވެ. އެކަމަކު ޓިކެޓްގެ އަގު ހާމައެއް ނުކުރެ އެވެ.

ބެޒޯސްއާ އެކު ވެލީ އާއި މާކް ދަތުރުގައި ބައިވެރިވީ ބެޒޯސްގެ ފަރާތުން ލިބުނު ދައުވަތަކަށެވެ. ބްލޫ އޮރިޖިންގެ ދަތުރުގައި އޮލިވާ އަށް ބައިވެރިވާން ފުރުސަތު ލިބުނީ ދަތުރުގައި ބައިވެރިވާނެ މީހަކަށް ފުރުސަތު ހުޅުވާލައި، ނީލަމުގައި ޓިކެޓް ގަތް މީހާ އަށް ކަން ދިމާކުރި ގޮތުން ދަތުރުގައި ބައިވެރިނުވެވުމުންނެވެ. އެ މީހާގެ ނަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ނީލަމުގައި ޓިކެޓް ވިއްކާލީ 28 މިލިއަން ޑޮލަރަށެވެ. އަދި ފަހުން އޭނާ އަށް ދަތުރުކުރުމުގެ ފުރުސަތު ދޭނެ އެވެ.

އެމެޒޯންގެ ވެސް ވެރިޔާ ބެޒޯސްގެ ކުންފުނި ބްލޫ އޮރިޖިންގެ ދަތުރުގެ ކުރިން އިނގިރޭސިލާތުގެ މަހުޖަނު ރިޗަޑް ބްރޭންސަން އޭނާގެ ޖައްވީ ކުންފުނި ވާޖިން ގެލެކްޓިކުން އެތަނުގެ އިތުރު ފަސް އެސްޓްރޮނޯޓަކާ އެކު ޖުލައި 11 ގައި ޖައްވީ ދަތުރެއްކުރި އެވެ.