Roadha Mihaaru
ވާޖިން ގެލެކްޓިކުން ދެ މީހަކު ޖައްވަށް ގެންގޮސްދެނީ

ވާޖިން ގެލެކްޓިކުން ދެ މީހަކު ޖައްވަށް ގެންގޮސްދެނީ

13 ޖުލައި 2021

އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަނާއި އޭނާގެ ސްޕޭސް ކުންފުނި ވާޖިން ގެލެކްޓިކްގެ އިތުރު ފަސް މީހަކު ފުރަތަމަ ފަހަރަށް ކުރި ޖައްވީ ދަތުރު ކާމިޔާބުކަމާ އެކު އާދީއްތަ ދުވަހު ނިންމައިލުމަށް ފަހު، އާންމުންގެ ދެ މީހަކަށް ޖައްވީ ދަތުރެއް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަނާއި އޭނާގެ ސްޕޭސް ކުންފުނި ވާޖިން ގެލެކްޓިކްގެ އިތުރު ފަސް މީހަކު ފުރަތަމަ ފަހަރަށް ކުރި ޖައްވީ ދަތުރު ކާމިޔާބުކަމާ އެކު އާދީއްތަ ދުވަހު ނިންމައިލުމަށް ފަހު، އާންމުންގެ ދެ މީހަކަށް ޖައްވީ ދަތުރެއް ދޭން ނިންމައިފި އެވެ.

މިކަން އިއުލާނުކޮށް ބުނެފައި ވަނީ، ޖައްވީ ދަތުރުތަކަށް ހާއްސަ އުޅަނދު "ޔުނިޓީ 22" ގައި އަންނަ އަހަރު ކުރާ ދަތުރު ދެ މީހަކަށް ހުޅުވާލާފައިވާ ކަމަށެވެ. މިިއީ ވާޖިން ގެލެކްޓިކާއި ފަންޑްރައިޒިން ޕްލެޓްފޯމް އޮމޭޒްއާ ގުޅިގެން ކުރިއަށް ގެންދާ ކަމެކެވެ.

އޮމޭޒްގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ވަނީ ދަތުރު ހޯދަން ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ފައިސާ ހަދިޔާކުރަން ވެސް ހުޅުވާލައިފަ އެވެ. ފަސް އަދަދަކުން ޑޮނޭޓްކުރެވޭނެ އެވެ. އެއީ 5، 10، 25، 50 އަދި 100 ޑޮލަރުންނެވެ. އަދި އެކަކަށް އެންމެ ގިނައިން ހަދިޔާކުރެވޭނެ އެންމެ މަތީ އަދަދަކީ 6،000 ޑޮލަރެވެ.

ޑޮނޭޓް ނުކޮށް ވެސް ނަން ހުށަހެޅިދާނެ އެވެ. އެކަމަކު ފައިސާ ޑޮނޭޓްކުރާ މީހުންނަށް ފުރުސަތު ބޮޑުވާނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު އޮމޭޒްގެ ވެބްސައިޓުން ލިބޭނެ އެވެ.

ވާޖިން ގެލެކްޓިކާއި އޮމޭޒް އިން ބުނި ގޮތުގައި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ މީހުންނަށް އަންނަ ސެޕްޓެމްބަރު މަހުގެ 1 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ. އަދި ހޮވޭ ދެ މީހުން އިއުލާންކުރާނީ ސެޕްޓެމްބަރު މަހުގެ 29 ގަ އެވެ.

އާންމުންގެ ދެ މީހަކަށް ޖައްވަށް ދާން ލިބޭ މި ފުރުސަތަކީ ސްޕޭސް ޓޫރިޒަމް ފަށައިގަންނަން ވާޖިން ގެލެކްޓިކުން ކުރާ މަސައްކަތުގެ ބައެކެވެ.